މޮރީނިއޯގެ ފާޑުކިޔުން: ޕެޑްރޯގެ ގައިގައި ފެތުންތެރިއެއްގެ ހުނަރު އެބަހުރި!

ލާޒިއޯގެ ސްޕެއިން ފޯވަޑް ޕެޑްރޯ(ކ) އަދި ރޯމާގެ ކޯޗު މޮރީނިއޯ(ވ) -- ފޮޓޯ/ ގެޓީ

ލާޒިއޯގެ ސްޕެއިން ފޯވަޑް ޕެޑްރޯގެ ގައިގައި ފެތުންތެރިއެއްގެ ހުނަރު ހުރި ކަމަށްބުނެ، އޭނާއަށް ރޯމާގެ ކޯޗު ހޯސޭ މޮރީނިއޯ ފާޑުކިޔުން އަމާޒުކޮށްފިއެވެ.

އިޓާލިއަން ސެރީއާގައި އިއްޔެ ލާޒިއޯ އާއި ރޯމާ ބައްދަލުކުރި މެޗު، އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި ވަނީ އެއްވަރުވެފައެވެ. އެ މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ވަރުގަދަ ފިޒިކަލް ކުޅުމެއް ފެނިގެންދިޔަ އިރު، ރެފްރީ ވަނީ މެޗުގައި ޖުމުލަ އަށް ރީނދޫ ކާޑު ދައްކައިފައެވެ. މެޗަށްފަހު މޮރީނިއޯ ވަނީ އޭނާ ޗެލްސީގައި ހޭދަކުރި ދުވަސްތަކުގައި އިރުޝާދުދިން ޕެޑްރޯއަށް ފާޑުކިޔުންތައް އަމާޒުކޮށްފައެވެ.

"ޕެޑްރޯއަކީ މޮޅު ކުޅުންތެރިއެއް. އޭނާ ވަރަށް ރަނގަޅު ފެތުންތެރިޔަކަށް ވެސް ވެދާނެ. އެއީ އޭނާގެ އެ ޑައިވްކުރަނީ ވެސް ވަރަށް މޮޅަށް،" މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ރޯމާގެ ކޯޗު މޮރީނިއޯ ބުންޏެވެ.

އެ މެޗުގެ ކުރިން މޮރީނިއޯ ވަނީ ލާޒިއޯގެ ކޯޗު މައުރީސިއޯ ސާރީއަށް ވެސް ފާޑުކިޔުންތައް އަމާޒުކޮށްފައެވެ. މޮރީނިއޯ ބުނެފައިވަަނީ ސާރީއަށް ކެރިއަރުގައި އެއްވެސް ކާމިޔާބީއެއް ހޯދިފައި ނުވާ ކަމަށެވެ.

މޮރީނިއޯގެ އެ ފާޑުކިޔުންތަކާއެކު ސާރީ ބުނެފައިވަނީ މޮރީނިއޯއަކީ ވަރަށް ރަނގަޅު މީހެއް ކަމަށާއި ނަމަވެސް ނޫސްވެރިންނާ އޭނާ ކުރިމަތިލަނީ މުޅިން އެހެން މީހެއްގެ ގޮތުގައި ކަމަށެވެ. އަދި މޮރީނިއޯއާ ދެމެދު ރަނގަޅު ގުޅުމެއް އޮތް ކަމަށް ވެސް ސާރީ ބުނެފައިވެއެވެ.

އިޓާލިއަން ސެރީއާގައި ރޯމާ މިވަގުތު އޮތީ ކުޅުނު 12 މެޗުން ލިބުނު 18 ޕޮއިންޓާއެކު ތާވަލުގެ ހަތްވަނައިގައެވެ. އަދި ލާޒިއޯ އޮތީ ކުޅުނު 12 މެޗުން ލިބުނު 17 ޕޮއިންޓާއެކު ތާވަލުގެ ދިހަވަނައިގައެވެ.

comment ކޮމެންޓް