ޣައްޒާއަށް ހަދާގޮތް ބެއިރޫތަށްވެސް ހެދިދާނެ: އިސްރާއީލް

ހިޒްބުﷲ ގެ ވެރިޔާ ހަސަން ނަސްރުﷲ(ކ) އާއި އިސްރާއީލުގެ އަސްކަރީ ވަޒީރު ޔޯވް ގަލަންޓް. ފޮޓޯ/ފަލަސްތީން ކްރޮނިކަލް

ޣައްޒާއަށް ހަދަމުންދާގޮތް ބެއިރޫތަށްވެސް ހެދިދާނެ ކަމަށް ވިދާޅުވެ، އިސްރާއީލުގެ އަސްކަރީ ވަޒީރު ޔޯވް ގަލަންޓް ލުބުނާންގެ ހިޒްބުالله ޖަމާއަތަށް އިންޒާރު ދެއްވައިފިއެވެ.

ޙިޒްބުاللهއަކީ ލުބުނާނުގައި ހަރަކާތްތެރިވާ މުޖާހިދުންގެ ޖަމާއަތެކެވެ.

ފަލަސްތީން ކްރޮނިކަލްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި އިސްރާއީލުގެ އުތުރުގައި ތިބި ސިފައިންނާ ހޮނިހިރު ދުވަހު ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ގަލަންޓް ވިދާޅުވީ ހިޒްބުﷲ އިން އުޅެނީ ހަނގުރާމައިގެ ތެރެއަށް ލުބްނާން ވައްދަން ކަމަށާއި އެއީ އެ މީހުން ހަދާ ބޮޑު ގޯހެއް ކަމަށެވެ.

"މި ބާވަތުގެ ގޯސްތައް ހަދާ ނަމަ އޭގެ އަގު ދައްކަން ޖެހޭނީ އެންމެ ފުރަތަމަ ލުބުނާނުގެ ރައްޔިތުން. ޣައްޒާގައި ކުރާ ކަންތައްތައް ބެއިރޫތުގައިވެސް ކުރަން އެނގޭ." ގަލަންޓް ވިދާޅުވިއެވެ.

އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރާ ހަނގުރާމަ އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށުނު ފަހުން، ހިޒްބުالله އިން އަންނަނީ އިސްރާއީލުގެ އިސްތިއުމާރާ ދެކޮޅަށް ކުރާ ހަނގުރާމައިގައި މަދުން ނަމަވެސް ސީދާ ގޮތެއްގައި ބައިވެރިވަމުންނެވެ.

ހިޒްބުاللهގެ މަސްދަރުތަކުން ބުނާ ގޮތުގައި އިސްރާއީލާއެކު ޖަމާއަތުގެ ކުރިމަތިލުންތަކުގައި އިސްރާއީލުގެ ގިނަ ސިފައިންތަކެއް މަރުވެ ޒަޚަމްވެފައިވާއިރު، ލުބުނާނާއި އިސްރާއީލުގެ ބޯޑަރު ހުރަސްކޮށް އިސްރާއީލުގެ ގިނަ އަދަދެއްގެ އަސްކަރީ މަރުކަޒުތަކާއި ޖާސޫސީ އިދާރާތަކަށް ހަމާލާތައް ވަނީ އަމާޒުވެފައެވެ.

އިސްރާއީލުން ލުބުނާނުގެ ބައެއް ހިސާބުތައް ހިފާފައިވާތާ ދިހަވަރަކަށް އަހަރު ފަހުން 2000 ވަނަ އަހަރު އެ ގައުމުން އިސްރާއީލު ސިފައިން ފޭބީ ހިޒްބުاللهގެ ވެރިކަމުގެ ދަށުން ލުބުނާންގެ ހަރުކަށި ދެކޮޅުވެރިވުންތަކަކަށްފަހުއެވެ. އޭގެފަހުން 2006 ވަނަ އަހަރުވެސް ލުބުނާން ހިފަން އިސްރާއީލުން ވަނީ މަސައްކަތް ކޮށްފައެވެ. ނަމަވެސް އެކަން ވަނީ ނާކާމިޔާބުވެފައެވެ.

އިސްރާއީލު ސިފައިން ލުބްނާނުން ފޭބި ނަމަވެސް ބައެއް ސަހަރައްދުތައް އަދިވެސް އޮތީ އިސްރާއީލުން ހިފާފައެވެ. ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފަށް އިސްރާއީލުން ހިފާފައިވާ ލުބުނާނުގެ ކޮންމެ އިންޗިއެއް އަނބުރާ ހޯދުމަށް ހިޒްބުالله އިން ވަނީ ވައުދުވެފައެވެ.

comment ކޮމެންޓް