މަޓާޓޯގެ ރައްދު މިނިސްޓަރަށް: މައުލޫމާތު އެއްކުރީ އިތުބާރުހުރި ބައިނަލްއަގުވާމީ އިދާރާތަކުން

ފަތުރުވެރިން ރާއްޖޭ މައި އެއާ ޕޯޓްގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވަމުން އައި ނަމަވެސް، ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ މުއްދަތު މަދުވެއްޖެ ކަމަށާއި، އެކަމުގެ ސަަބަބުން އާމްދަނީ ދަށްވެއްޖެ ކަމަށް ބުނެ މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓްރެވަލް އެޖެންޓްސް އެންޑް ޓުއަ އޮޕަރޭޓާޒް (މަޓާޓޯ)އިން ބުނި ބުނުމަކީ އޮޅުވާލުމެއް ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވުމުން, މަޓާޓޯއިން އެކަން ދޮގުކޮށްފިއެވެ.

މިނިސްޓަރުގެ ބަސްފުޅު ދޮގުކޮށް މަޓާޓޯއިން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ އެ އެސޯސިއޭޝަނުން މައުލޫމާތު އެއްކޮށްފައި ވާނީ އިތުބާރު ހުރި ބައިނަލްއަގުވާމީ އަދި، ގައުމީ އިދާރާތަކުން ކަމަށެވެ.

https://sun.mv/184459

އެގޮތުން މައުލޫމާތު ހޯދި ފަރާތްތަކުގެ ތެރޭގައި ޔޫއެންޑަބްލިއުޓީއޯ، ޕާޓާ އަދި ޓޫރިޒަމް މިނިސްޓްރީގެ އިތުރުން މީރާ އާއި އެމްއެމްއޭ ވެސް ހިމެނޭ ކަމަށް މަޓާޓޯއިން ބުންޏެވެ.

އެހެންކަމުން މިނިސްޓަރު ވިދާޅުވި ވާހަކައަށް އެ އެސޯސިއޭޝަނުން އިންކާރު ކުރާ ކަމަށް މަޓާޓޯއިން ބުނެފައިވެއެވެ.

ފަތުރުވެރިން ރާއްޖެ އައުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އެ ޖަމިއްޔާގެ ސަމާލުކަމަށް އައީ ރާއްޖޭގެ އޮކިއުޕަންސީއަށް އައިސްފައިވާ ބަދަލު ކަމަށެވެ. އެގޮތުން ލިބެން ހުރި ޖުމްލަ އެނދުގެ އަދަދަށް ބަލާއިރު މި އަހަރުގެ މި މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް އޮކިއުޕައި ކުރެވިފައިވަނީ 51 ޕަސެންޓުގެ އެނދު ކަމަށް އެ އެސޯސިއޭޝަނުން ބުނެފައިވެއެވެ.

މިއީ މިނިސްޓްރީން ކޮންމެ ހަފުތާއަކު ނެރޭ ފަތުރުވެރިކަމުގެ ތަފާސްހިސާބުތަކުގެ ތެރެއިން މި މަހުގެ ދެ ވަނަ ދުވަހު ނެރެފައިވާ ތަފާސްހިސާބުތަކުގައި ވާ އަދަދުތައް ކަމަށްވެސް އެ އެސޯސިއޭޝަނުން ފާހަގަކުރިއެވެ.

މީގެ އިތުރުން އެ އެސޯސިއޭޝަނުން ބުނީ މިހެން ވާން ދިމާވަނީ ޗައިނާއިން އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވީ ނަމަވެސް ރާއްޖޭގައި ފަތުރުވެރިން މަޑުކުރާ މުއްދަތު މަދުވުމުން ކަމަށެވެ.

އަދި އެންމެ ފަހުން އޮތް ޑަބްލިއުޓީއެމް ފެއާ އާއި، މިހާރު އިންޑަސްޓްރީން ދެކެމުން އަންނަ ގޮތުން ހާމަކޮށްދެނީ އޮކިއުޕެންސީ ރޭޓު ދަށް ވަމުން އަންނަ ކަން ކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ. އަދި އަގުބޮޑު ރިސޯޓުތަކުގެ ރޫމް ރޭޓުތައް ވެސް އެންމެ ޕީކް ދުވަސްވަރު ދަށް ކުރަމުން ގޮސްފައިވުމުން ވެސް އެކަން ހާމަވާ ކަމަށް މަޓާޓޯއިން ބުންޏެވެ.

މި ބަޔާނުގައި މަޓާޓޯއިން ވަނީ ޗައިނާ އިން ރާއްޖެ އަންނަ ފްލައިޓުތައް ކެންސަލް ވަމުން ދިޔުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި، ޗައިނާގެ މާކެޓު ދަށަށްދާ ކަމުގެ ހެއްކެއް ކަން ވެސް ފާހަގަކޮށްފައެވެ.

އިތުރަށް މަޓާޓޯއިން ބުނީ، މި އަހަރުގެ ފުރަތަމަ އަށް މަސް ދުވަހަށް ބަލާއިރު ވެސް، ފަތުރުވެރިކަމުގެ ސިނާއަތުން ލިބުނު އާމްދަނީއަށް ބޮޑު ވެއްޓުމެއް އައިސްފައިވާ ކަމަށެވެ. އެގޮތުން، އެމްއެމްއޭއިން ލިބިފައިވާ މައުލޫމާތުގެ އަލީގައި މަޓާޓޯއިން ބުނީ ކުރީ އަހަރާ އަޅާބަލާއިރު، 160 މިލިއަން ޔޫއެސްޑޮލަރު އާމްދަނީން ދަށަށް ގޮސްފައިވާ ކަމަށެވެ. މިއީ ފަސް ޕަސެންޓުގެ ވެއްްޓުމެއް ކަން ވެސް އެ އެސޯސިއޭޝަނުން ފާހަގަކޮށްފައިވެއެވެ.

މި މައުލުމާތުތަކަކީ އެމްއެމްއޭއިން ނެރެފައިވާ ތަފާސްހިސާބުތަކުން ނެރެފައިވާ މައުލޫމާތުކަން ފާހަގަކޮށް މަޓާޓޯއިން ވަނީ މިނިސްޓްރީން، މީޑިއާތަކަށް ''ނުބައި'' މައުލޫމާތު ދިނުމުގެ ބަދަލުގައި، ފުރަތަމަ މައުލޫމާތު ހޯދައިފައިވާ މަސްދަރާ މަޝްވަރާ ކުރުމަށް ގޮވައިލައިފައެވެ.

ފަތުރުވެރިން ރާއްޖޭ މައި އެއާ ޕޯޓްގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޓޫރިޒަމް މިނިސްޓްރީއާ އިންޑަސްޓްރީއާ އޮތް ގުޅުން ވަރަށް ބޮޑަށް ހީނަރުވެ އިންޑަސްޓްރީގައި ހުރި ގޮން ޖެހުންތަކުގެ މައުލޫމާތު އެންމެ ފުރިހަމައަށް މިނިސްޓްރީއަށް ލިބެމުން ނުދާ ކަމަށް އެ ޖަމިއްޔާއަށް މިހާރު ގަބޫލު ކުރެވޭ ކަމަށްވެސް މަޓާޓޯއިން ބުނެފައިވެއެވެ.

އެ ބަޔާނުގައި މަޓާޓޯއިން އިންޑަސްޓްރީގައި މިހާރު ހުރި ބައެއް ކަންބޮޑުވުންތައް ވަނީ ހާމަކޮށްފައެވެ. އެގޮތުން ހޯމް ސްޓޭ ފަދަ ބައެއް ޕްރޮޖެކްޓުތަކާ ގުޅޭގޮތުން އެ ޖަމިއްޔާއިންވަނީ ކަންބޮޑުވުން ފާޅުކުރިއެވެ.

މީގެ އިތުރުން ޓްރެވެލް އެޖެންޓުންނަށް ކުރިމަތިވެފައިވާ ދަތިތައް ވެސް މަޓާޓޯއިން ވަނީ ހާމަ ކޮށްފައެވެ. އެގޮތުން ޓްރެވެލް އެޖެންސީތަކާ ގުޅޭ ގާނޫނެއް ތައާރަފު ކުރެވިފައި ނެތް ކަންވެސް އެ އެސޯސިއޭޝަނުން ފާހަގަކޮށްފައިވެއެވެ. އަދި ގާނޫނާ ޚިލާފަށް ބިދޭސީ ޓްރެވެލް އެޖެންސީތައް ހިންގާ ކަމާއި، ބޭންކުން ޕޭމަންޓް ހެދުމުގައި ހުރި ގޮންޖެހުންތައްވެސް އެ އެސޯސިއޭޝަނުން ފާހަގަ ކޮށްފައިވެއެވެ. އަދި ވެސް އެތައް ގޮންޖެހުންތަކެއް ހުރިކަމަށް އެ ޖަމިއްޔާއިން ބުނެފައިވެއެވެ.

މަޓާޓޯއިން ބުނީ ފަތުރުވެރިންގެ ބޭނުންތަކަށް އަންނަމުންދާ ޒަމާނީ ބަދަލުތަކުގެ މުހިންމުކަމާ ދޭތެރޭގައި، ވިސްނާލުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އެހެންކަމުން މިހާރު ކުރިމަތިވަމުން އަންނަ ގޮންޖެހުންތައް ދެނެގަނެ، އެކަންކަމާ ކުރިމަތިލުމަށްޓަކައި، އެކަމާގުޅޭގޮތުން ހަދާ ރިޕޯޓުތަކަކީ ވަރަށް މުހިންމު އެއްޗެއްކަން އެ އެސޯސިއޭޝަނުން ފާހަގަކުރިއެވެ.

މީގެ ކުރިން 'ސަން'އަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު މައުސޫމް ވަނީ މަޓާޓޯއިން އާމްދަނީ ދަށްވަމުން ދާކަމަށް ބުންޏަސް އެއީ ވަރަށް ބޮޑަށް 'މިސްލީޑިން' ވާހަކައެއް ކަމަށް ވިދާޅުވެފައެވެ. އަދި ޗައިނާގެ ފަތުރުވެރިން އައިސް ރާއްޖޭގައި މަޑު ކުރާ މުއްދަތު މަދު ނަމަވެސް، މިހާރު ރަޝިއާގެ ފަތުރުވެރިން ވަރަށް ގިނައިން ރާއްޖެ އަންނަ ކަމާއި ގިނަ ދުވަހު ރާއްޖޭގައި އެމީހުން ތިބޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް