ގެމަނަފުށީ ''އޯކިޑް 707'' ދޯނި ބިންދައިގެން ގޮސްފި

ބިންދައިގެން ދިޔަ ގެމަނަފުށީ މަސްދޯނި ކަމަށްވާ "އޯކިޑު 707"-- ފޮޓޯ/ ފޭސްބުކް- އޯކިޑް 707

ގެމަނަފުށީގައި ފުޅާ ދާއިރާއެއްގައި މަސްވެރިކަން ކުރާ ދޯންޏެއް ކަމަށްވާ "އޯކިޑް 707" ބިންދައިގެން ގޮސްފިއެވެ.

އެމްއެންޑީއެފްއިން ބުނިގޮތުގައި މި ދޯނި ބިންދައިގެން ދިޔައީ އައްޑޫ ސިޓީގެ ހުޅަނގު އުތުރުން ގާތްގަނޑަކަށް 25 ނޯޓިކަލް މޭލު ބޭރުގައި އޮށްވައެވެ.

ސިފައިން ބުނީ މި ިޙާދިސާގައި ދޯނީގެ ކުރީކޮޅާއި ފަހަތުކޮޅު އެއްކޮށް ވަކިވެފައިވާކަމަށެވެ. ނަމަވެސް ދޯނީގައި ތިބި 10 ދިވެހިންނާއި 13 ބިދޭސީންގެ ޙާލު ރަގަޅުކަމަށް ބުންޏެވެ.

އެމްއެންޑީއެފްއިން ބުނީ އެ ސަރަހައްދުގައި މިހާރު ކޯސްޓްގާޑުގެ ފާސްޓް އިންޓާސެޕްޓާ ކްރާފްޓް ‘ ދޮށިމޭނާ’ ދަނީ ހަރަކާތްތެރިވަމުން ކަމަށެވެ.

މިކަމާ ގުޅޭގޮތުން ސަން އަށް މައުލޫމާތު ދެއްވަމުން ގެމަނަފުށީ ކައުންސިލުގެ ރައީސް އިބްރާހިމް ނާޝިދު ވިދާޅުވީ، މި ހާދިސާ ހިނގަން މެދުވެރިވި މައިގަނޑު ސަބަބެއް އަދި އެނގިފައި ނުވާ ކަމަށެވެ.

އިތުރަށް އޭނާ ވިދާޅުވީ އެ ދޯންޏަށް އެހިތެރިކަން ފޯރު ކޮށްދޭން މަސްދޯނިތައް މިހާރު އެ ސަރަހައްދަށް ދަތުރު ކުރަމުން އަންނަ ކަމަށެވެ.

އޭނާ ވިދާޅުވީ މި ދޯންޏަކީ އެ ރަށުގައި އެންމެ ވަރުގަދައަށް މަސްވެރިކަން ކުރާ ދޯނި ކަމަށެވެ.

މި ދޯންޏަކީ 2016 ވަނަ އަހަރު ރާއްޖޭގައި ހުރި އެންމެ ޒުވާން ކެޔޮޅު ކަމަށްވާ ހަސަން ޒާހިރުގެ ކެޔޮޅު ކަމުގައި ގެމަނަފުށީގައި ދުއްވާ ދޯންޏެކެވެ.

ދޯނި ބިންދައިގެން ދިއުމަކީ މީގެ ކުރިން ވެސް ރާއްޖޭގައި ހިނގާފައިވާ ކަމެކެވެ. އެގޮތުން ގެމަނަފުށީގެ އިތުރު މަސް ދޯންޏެއް ވެސް މީގެ ކުރިން މިގޮތަށް ބިންދައިގެން ގޮސްފައިވެއެވެ.

comment ކޮމެންޓް