މަޓާޓޯއިން އޮޅުވައިލީ، ފަތުރުވެރިން ހޭދަކުރާ މުއްދަތު މަދެއް ނޫން: މައުސޫމް

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުالله މައުސޫމް-- ސަން ފޮޓޯ/ އިބްރާހީމް ޝަމްވީލް

ރާއްޖެ އަންނަ ފަތުުރުވެރިންގެ އަދަދު އިތުރުވަމުން އައި ނަަމަވެސް ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ މުއްދަތު މަދުވެ، އޭގެ ސަބަބުން އާމްދަނީ ވަރަށް ބޮޑަށް ދަށްވަމުންދާ ކަމަށް ބުނެ މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓްރެވަލް އެޖެންޓްސް އެންޑް ޓުއަ އޮޕަރޭޓާޒް (މަޓާޓޯ)އިން ބުނި ބުނުމަކީ އޮޅުވައިލުމެއް ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުالله މައުސޫމް ވިދާޅުވެއްޖެއެވެ.

މަޓާޓޯއިން އެންމެ ފަހުން ނެރުނު ރިޕޯޓުގައިވާ ގޮތުން، ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ މުއްދަތު މަދުވުމުގެ ސަބަބުން ގާތްގަނޑަކަށް 160 މިލިއަން ޑޮލަރުގެ ގެއްލުމެއް ވަނީ ލިބިފައެވެ. ފަތުރުވެރިންގެ އަދަދު އިތުރުވުމަކީ ޖީއެސްޓީ ފަދަ ބައެއް ޓެކްސްތަކުން އޭގެ އިތުރުވުން ފެންނާނެ ކަންކަން ކަމަށާއި ނަމަވެސް ހޭދަކުރާ މުއްދަތު މަދުވުމަކީ އޭގެ ނޭދެވޭ އަސަރު ފަތުރުވެރިކަމަށް ކުރާނެ ކަމެއް ކަމަށް މަޓާޓޯއިން ބުންޏެވެ.

https://sun.mv/184259

'ސަން' އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި އެ ކަމަށް އިޝާރާތް ކުރައްވާ މިނިސްޓަރު މައުސޫމް ވިދާޅުވީ، ފަތުރުވެރިކަމުން ލިބޭ އާމްދަނީ ދަށަށް ނުދާ ކަމަށެވެ.

"ދަށަކަށް ނުދޭ. މަޓާޓޯއިން އެ ވާހަކަ ބުންޏަސް އެއީ މިސްލީޑިން،" މިނިސްޓަރު މައުސޫމް ވިދާޅުވިއެވެ.

މިނިސްޓަރު މައުސޫމް ވިދާޅުވި ގޮތުގައި 2019 ވަނަ އަހަރު ޗައިނާ ފަތުރުވެރިން ރާއްޖެ ގިނަ އަދަދަކަށް އައި ނަމަވެސް މިދިޔަ އަހަރު ޗައިނާއިން އެއްވެސް ފަތުރުވެރިއަކު ރާއްޖެ އައިސްފައެއް ނުވެއެވެ. ނަމަވެސް 2019 ވަނަ އަހަރު ފަސް ވަނައިގަ އޮތް މާކެޓު، ރަޝިޔާއިން ވަނީ މިދިޔަ އަހަރު އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައެވެ.

ފަތުރުވެރިން ރާއްޖެ އައުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ރަޝިޔާ މީހުންނަކީ ވަރަށް ގިނަ ދުވަހު މަޑުކުރާ ބައެއް. ނުވަ ދުވަސް ނުވަތަ އެންމެ ގިނަވެގެން 14 ދުވަހު މަޑުކުރާނެ އެ މީހުން. އެހެންވީމަ ބެޑް ނައިޓްސް ވަރަށް އިތުރުވާނެތާ،" މިނިސްޓަރު މައުސޫމް ކިޔައިދެއްވިއެވެ.

"އެހެންވީމަ ޖަމިއްޔާއަކުން އެއްޗެއް ބުނާ ނަމަ 2022 ވަނަ އަހަރާ އަޅާކިޔާފައި އެއްޗެއް ބުނީމަ އެ ބުނެވެނީ ރަނގަޅަކަށް ނޫން. ޖެހޭނެ 16، 17، 18 ،19 ވަނަ އަހަރު ވެސް ގުނަން. އެއީ ދިވެހިރާއްޖޭގެ ޓޫރިޒަމްގެ ޓްރެންޑް އައި ގޮތަކީ،"

މައުސޫމް ވިދާޅުވި ގޮތުގައި 2022 ވަނަ އަހަރަކީ ތަފާތު އަހަރެއް ނަމަވެސް ނިސްބަތުން އެ އަހަރާ އަޅާ ބަލާއިރު އެހެން އަހަރުތަކުގައި އާމްދަނީ ދަށްވާނެއެވެ. އެހެންނަމަވެސް 2019 އާ އަޅާބަލާއިރު އާމްދަނީ ދަށް ނުވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މާޗް 29، 2021: ފަތުރުވެރިން ރާއްޖެ އައުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑްގެ ކުރިން އެންމެ ކުރީގައި އުޅުނު ޗައިނާ މާކެޓު އަނެއްކާވެސް ވަނީ އެންމެ ކުރިއަށް ޖެހިލާފައެވެ. އެގޮތުން މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައީ ޗައިނާއިން ކަމަށް މޯލްޑިވްސް އިމިގްރޭޝަންގެ ތަފާސްހިސާބުތަކުން ވަނީ ދައްކައިފައެވެ.

މިދިޔަ މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 159،141އަށް އަރާއިރު، ޗައިނާއިން އައި ފަތުރުވެރިން އަދަދަކީ 17،406 އެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެވްރެޖުކޮށް ދުވާލަކު 5،135 ފަތުރުވެރިން އައިސްފައިވެއެވެ.

ދެވަނާގައި އުޅެނީ ރަޝިޔާ މާކެޓެވެ. ރަޝިޔާއިން 17،032 ފަތުރުވެރިން މިދިޔަ މަހު ރާއްޖެ ޒިޔާރާތް ކުރިއެވެ.

comment ކޮމެންޓް