ޓެރަރިޒަމްގެ ދެ ދައުވާ ވެސް ސާބިތުވެ އަމީން 27 އަހަރަށް ޖަލަށް

ޓެރަރިޒަމް ގެ ދައުވާ ސާބިތުވެފައިވާ މުހައްމަދު އަމީން ---

އިސްލާމިކް ސްޓޭޓް (އައިއެސް)ގެ އިސް ވެރިއެއްގެ ގޮތުގައި ރާއްޖޭގައި ހަރަކާތްތެރިވެ، އަފްޣާނިސްތާނަށް މީހުން ޖިހާދަށް ފޮނުވާ ކަމުގެ ތުހުމަތުގައި ކުރި ޓެރަރިޒަމްގެ ދެ ދައުވާ ވެސް ސާބިތުވެ ޏ. ފުވައްމުލަކު، ކުރިއްޔާވިލާ މުހައްމަދު އަމީން 27 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފިއެވެ.

އަމީންގެ މައްޗަށް ކޮށްފައިވާ ދެ ދައުވާއަކީ ޓެރަރިސްޓު ޖަމާއަތެއްގައި ބައިވެރިވިކަމުގެ ކުށުގެ ދައުވާއާއި ޓެރަރިސްޓު އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށްގެންދިޔަ އަޑުއެހުމުގައި ގާޒީ ޢަލީ އާދަމް ވިދާޅުވީ، އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާތައް ސާބިތު ވާވަރަށް ހެކި ލިބިފައި ވާކަމަށެވެ.

އެގޮތުން އޭނާގެ މައްޗަށް ސާބިތުވެފައިވާ ކަންކަމަކީ:

  1. ސީރިއާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގައި ބައިވެރިވުމަށް ދިވެހިން ރެކްރޫޓުކޮށް އެމީހުން ސީރިއާއަށް ފޮނުވާފައި ވުން.
  2. ސީރިޔާގެ ހަނގުރާމަ ނިމުމާއެކު އަފްޣާނިސްތާނުގެ ހުރަސާން ޕްރޮވިންސްގައި ހަރަކާތްތެރިވާ އައިއެެސް ހުރަސާންއަށް ދިވެހިން ރެކްރޫޓު ކުރުމަށް ރޭވުން
  3. އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އައިއެސް ހުރަސާންގެ ރާއްޖޭގެ ސެލްގެ ވެރިއެއްގެ ގޮތުގައި އެގައުމަށް މީހަކު ފޮނުވާފައި ވުން
  4. އައިއެސްގެ ރާއްޖޭގައި ހުންނަ ވެރިއެއްގެ ގޮތުގައި ހަރަކާތްތެރި ވެފައި ވުން
  5. ދީނީ ވަކި ފިކުރެއް ކުރިއަރުވަން މަސައްކަތް ކުރުން

ނަމަވެސް، މިކަންކަމަށް އަމީން ވަނީ އިންކާރު ކޮށްފައެވެ.

އަމީން 27 އަހަރަށް ޖަލަށް ލާން ހުކުމް ކުރި ނަމަވެސް، އޭނާ ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން އޭނާ ޖަލުގައި ހޭދަކުރަން ޖެހޭނީ 23 އަހަރެވެ.

އަމީންއަކީ 2007 ވަނަ އަހަރު ސަލްޓަން ޕާކުގައި ބޮން ގޮއްވި މައްސަލާގައި ތުހުމަތު ކުރެވުނު އެކަކެވެ. އެ މައްސަލައިގައި ހައްޔަރު ކުރަން އުޅުމުން އަމީން ވަނީ ފިލައިގެން ލަންކާއަށް ގޮސްފައެވެ. އަދި އޭނާ ހޯދަން އިންޓަޕޯލް ރެޑް ނޯޓިސް ވެސް އޭރު ނެރުނެވެ. ލަންކާއިން ހައްޔަރުކޮށް މާލެ ގެނެސް ދެ މަސް ވަންދެން ބަންދުގައި ބެހެއްޓުމަށްފަހު 2012 ވަނަ އަހަރު އޭނާ ދޫކޮށްލީއެވެ.

އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯއެފްއޭސީ) އިން އެކުލަވާލި ޓެރަރިސްޓުންގެ ލިސްޓުގައި ވެސް އަމީން ވަނީ ހިމަނައިފައެވެ. އޭނާ އަކީ އެ ލިސްޓުގައި ހިމެނި ފުރަތަމަ ދިވެއްސެވެ.

އަފްޣާނިސްތާން އަދި ޕާކިސްތާނުގައި އައިއެސްއިން ހިންގަމުން އަންނަ ގޮތްޕަށް އަމީން އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް އެމެރިކާގެ ކަމާ ބެހޭ ފަރާތްތަކުން އޭނާއަށް ތުހުމަތު ކުރެއެވެ. އެގޮތުން ފައިސާގެ އެހީތެރިކަމާއި، މުދަލާއި، ޓެކްނޮލޮޖީގެ ދާއިރާއިންވެސް އަމީން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ތުހުމަތު ކުރެއެވެ.

comment ކޮމެންޓް