މިލާނުން ފަހަތުން އަރައި ޕީއެސްޖީ ބަލިކޮށްފި

ރޭގެ މެޗުގެ ތެރެއިން / ފޮޓޯ: ޕްލެޖް ޓައިމްސް

ޔުއޭފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް އެފްގައި އިޓާލިއަން ސެރީއާގެ އޭސީ މިލާނުން ފަހަތުން އަރައި ފްރެންޗް ލީގް އާންގެ ޕެރިސް ސެއިންޓް ޖާމެއިން ބަލިކޮށްފިއެވެ.

މިލާންގެ ސެންސީރޯ ސްޓޭޑިއަމްގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ 2-1 އިންނެވެ.

ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޕީއެސްޖީންނެވެ. ނަމަވެސް މި ކަމުގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ޕީއެސްޖީއަކަށް ނުނެގުނެވެ.

އެ ޓީމުން ވަރަށް ފޯމާ އެކު ފެށި މި މެޗުގެ ފުރަތަމަ ލަނޑު މެޗުގެ ނުވަވަނަ މިނެޓުގައި ލިބުނު ކޯނަރަކުން ކާމިޔާބުކޮށްފައިވަނީ މިލާން ސްކްރިނިއާއެވެ. މި ލަނޑާ އެކު އަނެއްކާ ވެސް ޕީއެސްޖީ އަތުން ތަފާތު ބޮޑު ނަތީޖާއަކުން މިލާން ބަލިވެގެން ހިނގައިދާނެ ކަމަށް ބެލެވިގެންދިޔައެވެ.

ނަމަވެސް މި ފަހަރުގެ ޗެމްޕިއަންސް ލީގުގައި މާ ރަނގަޅު ކުޅުމެއް ފެނިގެން ނުދާ މިލާންގެ ފަރާތުން ފެނުނީ ތަފާތު ކުޅުމެކެވެ. ޕީއެސްޖީން ލަނޑު ޖަހައި މެޗުގެ ލީޑު ނެގިތާ ތިން މިނެޓު ފަހުން މިލާނުން އުފެއްދި ހަމަލާއެއްގައި ލަނޑެއް ޖަހައި، މެޗުގެ ނަތީޖާ ވަނީ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ރަފައެލް ލިއާއޮއެވެ.

މެޗުގެ ފުރަތަމަ ހާފުގައި އިތުރު ލަނޑެއް ފެނިގެން ގޮސްފައެއް ނުވެއެވެ. މެޗުގައި މިލާން މޮޅުވި ލަނޑު މެޗުގެ 50 ވަނަ މިނެޓުގައި ތިއޯ ހެނާންޑެޒް ނަގައިދިން ހުރަހެއްގައި ބޮލުން ޖަހައި ކާމިޔާބުކޮށްދިނީ އޮލިވިއާ ޖިރޫއެވެ.

މެޗުގެ ނަތީޖާ ހަމަހަމަ ކުރެވޭތޯ ޕީއެންސްޖީން މަސައްކަތް ކުރި ނަމަވެސް މިލާންގެ ޑިފެންސް ފެނިގެންދިޔައީ އެއަށް ވުރެ ވަރުގަދަ ކޮށެވެ.

މޮޅާ އެކު މިދިޔަ ސީޒަންގެ ސެމީފައިނަލްގައި ވާދަކުރި މިލާންއަށް ދެވަނަ ބުރަށް ދިއުމުގެ ދޮރުވަނީ ހުޅުވިގެން ގޮސްފައެވެ.

މި ގްރޫޕްގައި މިލާން އުޅެނީ ކުޅުނު ހަތަރު މެޗުން ފަސް ޕޮއިންޓާ އެކު ގްރޫޕްގެ ތިންވަނައިގައެވެ. އެއްވަނައިގައި ބޮރޫޝިއާ ޑޯޓްމުންޑް އޮތީ ހަތް ޕޮއިންޓާ އެކުގައެވެ. ދެވަނައިގައި އޮތް ޕީއެސްޖީއަށް ލިބިފައިވަނީ ހަ ޕޮއިންޓެވެ. އަދި، އެންމެ ފުލުގައި މި ވަގުތު އޮތް ނިއުކާސްލް ޔުނައިޓެޑަށް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ.

comment ކޮމެންޓް