ކޮންމެ ފަހަރަކު ފުލެޓުގެ 'ހައްގުވެރިން'ނަށް ވަނީ 'ވެރިން'؟

ކޮންމެ ސަރުކާރަކުން ވެސް އެތައް ފުލެޓެއް އަޅައެވެ. އަދި، ސަރުކާރުގެ ބޮޑު ކާމިޔާބަށް ހަދައި އެ ފުލެޓުތަކުގެ ހައްގުވެރިންގެ ލިސްޓެއް ނެރެއެވެ. އެކަމަކު، ދުވަހަކު ވެސް އެއިން ފުލެޓެއް އޭގެ ހައްގުވެރިންނަށް ލިބުނު ކަމަކަށް ނުވިއެވެ.

ކޮންމެ ފުލެޓު ލިސްޓަކާ އެކު ހިލިގަންނަނީ ވެރިންނާއި އެ ބޭބޭފުޅުންގެ އަރިސް މީހުންނަށް "ނިކަމެތިން"ގެ ފުލެޓުތައް ބަހައިލި ކަމުގެ ޝަކުވާއެވެ. ކޮންމެ ސަރުކާރަކުން ވެސް އޮތީ ބޯހިޔާވަހިކަމުގައި ދިވެހީންނަށް ބޭއިންސާފުވެފައެވެ. ނޫން ނަމަ، ބޯހިޔާވަހިކަމުގެ މައްސަލަ މިއަދާ ހިސާބަށް މިހާ ހިތްދަތިކޮށް ވާރުތައެއް ނުވީހެވެ. މި ފަހަރު ވެސް މި ސަރުކާރުގެ ފުލެޓުތައް ލިބުނު "ހައްގުވެރިން"ގެ ލިސްޓު އާންމު ކުރުމާ އެކު އާންމުން ރުޅިން ތުރުތުރުލާފައި ގޮސް އެއްވީ މިނިސްޓްރީއަށެވެ.

އަށް ދުވަސް ތެރޭ ނިމެންދާ ސަރުކާރުން އާންމުކުރި ލިސްޓެއްގައި ވެސް "ހައްގުވެރި"އަކު ނެތެވެ. މައިގަނޑަކަށް އޮތީ 'ވެރިން'ނާއި އެ ބޭބޭފުޅުންގެ އަނބިދަރީންނާއި އާއިލާ މީސްމީހުންނެވެ. ދެން ފަހިދިރިއުޅުން ކޯޕަރޭޝަންގެ އިސް ވެރިޔާ ވިދާޅުވިހެން އެ ކަމަނާއަށް ފުލެޓު ލިބުން އެއީ އިއްތިފާގެއް ކަމަށް ބަލާފައި ނިންމާލަންވީއެވެ. ނޫނީ، ފުލެޓު ކޮމިޓީގެ ޗެއާމަން އަކްރަމް ކަމާލުއްދީން ވިދާޅުވިހެން އެއޮތީ އެ މީހަކު ދިން މައުލޫމާތަކަށް ޕޮއިންޓު ދީފައެވެ. ލިސްޓުގައި އެއޮތް 'ވެރިން'ނަކީ ވެސް 'ހައްގުވެރިން'ނެވެ.

ފްލެޓް ދިން ގޮތާމެދު ހިތްހަމަ ނުޖެހިގެން އިއްޔެ އާއްމުން ޕްލޭނިން މިނިސްޓްރީއަށް އެއްވި ވަގުތު --- ސަން ފޮޓޯ/ އަބްދުﷲ ޝާތިއު

އެއީ، ފާއިތުވި ހުރިހާ ސަރުކާރަކުން ކަން ކުރި ގޮތެވެ. އަދި، ނަންގަވައި ދިފާއު ވެސް މެއެވެ. ހަމައެކަނި މި ސަރުކާރުން ދިވެހީންނަށް ދިން ލަގާއެއް ނޫނެވެ.

ނަސީބު ކަން ދިމާ ކުރާ ގޮތުން ކޮންމެ ސަރުކާރަކަށް ވެސް އަޅަން ފަށައި ފުލެޓުތަކުގެ ހައްގުވެރިންގެ ލިސްޓެއް ނެރެވެނީ އެ ވެރިންނަށް ރައްޔިތުން ދިން ފަސް އަހަރު ހަމަވާން ހައެއްކަ ދުވަހަށްވާ ފަހުންނެވެ. މިދިޔަ ޕީޕީއެމް ސަރުކާރުގައި ވެސް ވީ އެ ވަރެވެ. ދެން އެ ލިސްޓެއްގެ ސަކަރާތާ ޖެހޭއިރު ރައްޔިތުން އޮންނަނީ އެ ވެރިންނަށް ނޫނެކޭ ބުނެފައެވެ.

ހައްގުވެރިންނަކީ ކޮބައި؟

މިހާ ހިސާބަށް ބޯހިޔާވަހިކަމުގެ މައްސަލަ ދިޔައިމާ ދެން ޖެހޭނީ ހައްގުވެރިންނަކީ ކޮބައިތޯ ވެސް ބަލައިލަންތާއެވެ. ގައުމު ކޮންމެ ސަރުކާރަކުން އެ ވަރަށް ފުލެޓު އަޅާފައި، އެ ސަރުކާރެއްގެ ފަރިކަމާއި ފޮނިކަމަށް އެ ފުލެޓުތައް ދައްކާއިރު ދުވަހަކު މި މައްސަލަ ހައްލުނުވެ، ހައްތަހައި ގޯސްވާނީ ސަބަބެއް އޮތީމައެވެ.

ފުލެޓެއް ނުވަތަ އެޕާޓުމެންޓެއް އެއީ ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް ދެކެނީ އިޤްތިޞާދީ ބަހުރުވައިން ނަމަ "ނީޑެއް"ގެ ގޮތުގައެވެ. އެއީ، ކޮންމެހެން ވެސް އެންމެނަށް ފޯރުކޮށްދޭން ޖެހޭ ކަމެކެވެ.

ކުރިން ދޫކުރި ފުލެޓުތަކެއްގެ ތަޅުދަނޑި ބަރިއެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެހެންވީމާ ދިވެހި ރައްޔިތެއް ވެއްޖިއްޔާ އެ މީހަކު އުފަން ބިމުން ބޯހިޔާވަހިކަމެއް ކަށަވަރުވާން ޖެހޭނެއެވެ. ހައްގުވެރިވާނެއެވެ. މައްސަލަ ޖެހެނީ އެންމެނަށް ބޭނުންވާ މިންވަރަށް އެއްވެސް ސަރުކާރަކަށް ބޯހިޔާވަހިކަން ފޯރުކޮށްނުދެވޭތީއެވެ. އެހެންވެ، އިސްކަން ދޭން ޖެހެނީ އަބަދު ވެސް އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ އާއިލާތަކަށެވެ. އެންމެ ހާލުގައި ދިރިއުޅޭ ނިކަމެތިންނަށެވެ.

މި ފަހަރު ޖެހުނު މައްސަލައަކީ އެއީއެވެ. މިނިސްޓްރީ ދޮށަށް އެއްވި މީހުން ތުހުމަތު ކުރީ ހައްގުވެރިން ބައިތިއްބާފައި، އެއަށް ވުރެ ހައްގުވެރިކަން ކުޑަ ބަޔަކަށް ދީފައިވާ ކަމެވެ.

ހިތްހަމަނުޖެހުންތައް އޮއްސައިލުމުން ހަތް އަހަރު ހައުސިން މިނިސްޓަރުކަން ކުރެއްވި މިހާރުގެ އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ފުލެޓުތައް ހަވާލުކުރުން މަޑުޖައްސައިލަން އެދިވަޑައިގެންފައެވެ. އަދި، ދައުރުގެ ބޮޑުބައި 'ލޮނުމަޑުކޮށް' އޮތް އެންޓި ކޮރަޕްޝަން ކޮމިޝަނުން ވެސް ވަނީ އެ ފުލެޓުތައް ހަވާލު ނުކުރާން އަންގައި، މިނިސްޓްރީއަށް ވަދެގަތްފައެވެ.

"ފުލެޓު ދިނުމުގައި ގޯހެއް ނުހަދަން"

މި ސަރުކާރުގެ ފުލެޓު ކޮމިޓީގެ ޗެއާމަން އަދި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވި ގޮތުގައި ފުލެޓުތައް ބެހުމުގައި ގޯހެއް ހަދައިފައެއް ނޯންނާނެއެވެ. އަދި، އެއީ އަވަސް އަރުވާލައިގެން ކުރާ ކަމެއް ވެސް ނޫނެވެ. ފުލެޓުތައް ދީފައިވާނީ އެ ކަމަށް ތައްޔާރު ކުރި ޕޯޓަލްގައި އާންމުން އަމިއްލައަށް ލިޔުނު މައުލޫމާތެއްގެ މައްޗަށް ބިނާކޮށެވެ.

އަދި، އޭސީސީން އެދުނު ހުރިހާ މައުލޫމާތެއް އެ ކޮމިޝަނާ ހަވާލުކޮށްފައިވާނެ ކަމަށާއި މިނިސްޓްރީން އެ ކަމުގައި އެއްވެސް ގޯހެއް ހަދާފައި ނޯންނާނެ ކަމަށް ވެސް އަކްރަމް ވިދާޅުވިއެވެ.

ފުލެޓު ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން އަކްރަމް -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު

"ފިޔަވަޅު އެޅޭނެ ކަމެއް ނޯންނާނެ، ފިޔަވަޅެއް ނުވެސް އެޅޭނެ އެގޮތަކަށް،" އަކްރަމް ވިދާޅުވިއެވެ.

ތިން ކޮޓަރީގެ ފުލެޓަށް ގާތްގަނޑަކަށް 2،000 ޝަކުވާ އަދި އެއް ކޮޓަރީގެ ފްލެޓަށް 900 ޝަކުވާ ލިބިފައެވެ. މިނިސްޓްރީން ބުނީ އެ ތިން ހާހެއްހާ ޝަކުވާގައި ހައްގުވެރިންގެ ލިސްޓަށް ބަދަލު އަންނަ ވަރުގެ ޝަކުވާއެއް ނެތް ކަމަށެވެ.

"މާލެ ސަރަހައްދުގައި 600 އަކަފޫޓުގެ ބޯހިޔާވަހިކަމެއް އޮތް އެއްވެސް ބޭފުޅަކު ފްލެޓު ލިބިފައި ނޯންނާނެ. ހިޔާ ފްލެޓު ލިބުނު އެއްވެސް ބޭފުޅަކު އެލިޖިބަލް ވެފައެއް ނޯންނާނެ،" ޕްލޭނިން މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު މުޙައްމަދު އާރިފް އިއްޔެ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިހާތަނަށް ގިނަ ޝަކުވާ ކޮށްފައިވަނީ އެ މީހަކު މާލޭގައި ދިރިއުނު މުއްދަތާ ގުޅޭ ގޮތުން ކަމަށް ވިޔަސް އެއީ ޝަކުވާއެއްގެ ގޮތުގައި ބަލައިނުގަނެވޭނެ ކަމަށެވެ. ވިދާޅުވީ، ޝަކުވާއެއް ކަމަށް ވާނީ އެ މީހަކަށް ޕޮއިންޓު ދީފައި ވަނީ ގޯސްކޮށް ކަމަށް ފެންނަ ނަމަ އެ ކަމަކާ ގުޅޭ ގޮތުން ކަމަށެވެ.

"އެ ބޭފުޅާއަށް ވުރެ ރަނގަޅު ހާލަތެއްގައި އުޅޭ ބޭފުޅަކަށް ނުހުންނާނެ އެ އަށް ވުރެ މަތިކޮށް ދީފައެއް އަޅުގަނޑުމެން އަމިއްލައަކަށް،" އާރިފް ވިދާޅުވިއެވެ.

"މިކަން ނިމިގެން ދާން ބޭނުން ވަނީ އެއްވެސް ބޭފުޅެއްގެ ހައްގު ނުގެއްލި،"

ހައުސިން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން އެ މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފް -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު

ފުލެޓު އުސޫލު ކަނޑައަޅާފައި އޮތް ގޮތުން ފްލެޓު ދިނުމުގައި ދިރިއުޅުމުގެ ހާލަތު ބަލާފައިވަނީ ރެންޑަމް ސާމްޕަލިން އަކުންނެވެ. ފޯމު ހުށަހެޅި 20،000 މީހުންގެ ތެރެއިން 3،000 އެއްހާ ގެއަށް ޒިޔާރަތް ކޮށްފައިވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ފުލެޓުތަކަށް މީހުންނަށް ޕޮއިންޓު ދިން ގޮތް މިއަދު ފެންނަން ހުންނާނެ ކަމަށް ވެސް މިނިސްޓްރީން އިއްޔެ ބުންޏެވެ.

ކުރީގެ ތަޖުރިބާ

މީގެ ކުރިން، އެންމެ ނަމެއް ނުޖަހައި ވެސް ފުލެޓު ލިސްޓު ނެރެފައި އެބަހުއްޓެވެ.

ކުރީގެ ޕީޕީއެމް ސަރުކާރުގައި ހުޅުމާލޭ ފުރަތަމަ ފިޔަވަހިން ދޫކުރި ފުލެޓުތަކުގެ ހައްގުވެރިންގެ ލިސްޓު އާންމުކުރިއިރު އެއްވެސް މީހެއްގެ ނަމެއް ނުޖަހައެވެ. ހަމައެކަނި ޖަހާފައި ހުރީ ފޯމު ނަންބަރެވެ. އެ ފުލެޓުގެ ހައްގުވެރިން ކަމަށް އެ ލިސްޓުގައި ބުނެފައި އޮތް ބައެއް މީހުންގެ ދިރިއުޅުމުގެ ހާލަތާއި އެ ނޫން ވެސް ކަންކަން ހާމަވެ، މުޅި ސަރުކާރަށް ލޮޅުން އެރިއެވެ.

މީގެ ކުރިން ތަރައްގީ ކުރި ބައެއް ފުލެޓުތައް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އާންމުން އޭރުގެ ޕީޕީއެމް ސަރުކާރަށް ވަރަށް ބޮޑަށް ނުރުހުންވިއެވެ. އެކަމަކު، އޭރު ވެސް އޭރުގެ ސަރުކާރުން ބުނީ ފުލެޓުތައް ލިބިފައިވާނީ ހައްގުވެރިންނަށް ކަމަށާއި އެއްވެސް އޮޅުވައިލުމެއް އެ ކަމުގައި ނޯންނާނެ ކަމަށެވެ.

އޭރު ނަން ނުޖަހައި ނެރުނު ލިސްޓުގައި ވެސް އޮތީ ހައްގުވެރިންނެވެ. ތިބި ކަމަށް ބުނެ އާންމުން ރޭރުވީ ވެރިންނަކީ ވެސް ހަމަ ހައްގުވެރިންނެވެ. އެ ވާހަކަ ދެން ދެއްކުމެއް ވެސް ނެތެވެ. އެ ފުލެޓުތައް ލިބުނު ހައްގުވެރިން މިހާރު އެ ތަންތާ ދިރިއުޅެން ވެސް ފަށައިފިއެވެ.

ހައްލަކީ ކޮބައި؟

އިޤްތިސާދީ ނަޒަރަކުން ބަލާނަމަ ހައްލު ވަރަށް ސާފެވެ. ޑިމާންޑަށް ވުރެ ސަޕްލައި އިތުރު ކުރުމެވެ. ބޯހިޔާވަހިކަމަށް ޖެހިފައި ތިބި އެންމެނަށް ބޭނުންވާ ވަރަށް ބޯހިޔާވަހިކަން ހޯދައިދިނުމެވެ.

ކޮންމެ ފަހަރަކު ނެރޭ ފުލެޓުގެ ހައްގުވެރިންގެ ލިސްޓުގައި ވެރިން ތިބޭނަމަ އެއީ މައްސަލައެކެވެ. ކޮންމެ ފަހަރަކު އެ އިރަކު ވެރިކަން ކުރާ ފިކުރެއްގެ މީހުންނަށް އެކަނި ބޯހިޔާވަހިކަން ލިބޭ ނަމަ އެއަށް ވުރެ ވަކީން ބޮޑު ބޭއިންސާފެއް ނެތެވެ. ޒަމާނުއްސުރެ ދިވެހީންނަށް ވާރުތަކުރި ބޯހިޔާވަހިކަމުގެ މައްސަލައިގެ އަސްލަކީ އެއީއެވެ. ކޮރަޕްޝަނާއި ހިޔާނާތެވެ. ހަގީގީ ހައްގުވެރިންނަށް ކޮންމެ ސަރުކާރަކުން ވެސް ބޭއިންސާފުވެފައި އޮތުމެވެ.

ބޯހިޔާވަހިކަމަށް ރައްޔިތުންގެ ފައިސާއިން ސަރުކާރުން ހަދާ ފުލެޓުތައް ބަހައިލާނެ ގޮތުގެ އުސޫލެއް އޮންނަން ވާނެއެވެ. މިހާރު މި ހަދާހެން، އެ އިރެއްގެ ސަރުކާރުން، އެ ވެރިންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ފައްކާ ކުރެވިފައި އޮންނަ ދެއުޅި އެއްނުވާ އުސޫލެއް ނޫނެވެ. ދާއިރާގެ ތަޖުރިބާކާރުންގެ ބަހާ އެކު، ހުރިހާ ސަރުކާރަކުން އަމަލު ކުރާނެ އުސޫލެއް އޮންނަން ޖެހެއެވެ. އެއަށް ފަހުގައި، އެ ވެރިންނާއި ހައްގުވެރިންނަށް ވެސް ޕޮއިންޓު ދިން ގޮތް ސާފުކޮށް ފެންނާން އޮންނަން ޖެހެއެވެ. ވަގުތުން އެ ޕޮއިންޓު ލިބުނު ގޮތެއް ރައްޔިތުންނަށް ފެންނާން އޮންނަން ވާނެއެވެ.

މިއީ މާ އުނދަގޫ ކަމެއް ނޫނެވެ. ހައްގުވެރިންނަށް ފުލެޓު ބަރި ބަހަން ތިބޭ ވެރިންގެ އިޚްލާސްތެރިކަމެއް ނެތީއެވެ. ހައްގުވެރިންގެ ލިސްޓުގައި އެ ވެރިންގެ ނަންތައް މާ ގިނައީ އެހެންވެއެވެ.

comment ކޮމެންޓް