ސަލްމާން އާއި ކެޓްރީނާގެ ފިލްމު 'ޓައިގާ3'ގައި ރިތިކް ރޯޝަން

މި މަހުގެ 12ވަނަ ދުވަހު ސިނަމާތަކުގައި އަޅުވާ ސަލްމާން ޚާން އާއި ބަތަލާ ކެޓްރީނާ ކައިފް ލީޑްރޯލްއިން ފެންނަ ފިލްމު "ޓައިގާ3"އިން މަގުބޫލު އެކްޓަރު ރިތިކް ރޯޝަންގެ ވަރަށް ހާއްސަ މަންޒަރުތަކެއް ފެންނާނެކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

މި ޚަބަރާއެކު ފިލްމު "ޓައިގާ3"ގެ ހައިބަތުކަން ބޮޑުވެއްޖެ ކަމަށާއި ފިލްމު ބެލުމުގެ ޝައުގުވެރިކަން މާބޮޑަށް ވެސް އިތުރުވެއްޖެކަމަށް އާއްމުންގެ ގިނަ ބަޔަކު ވަނީ ބުނެފައެވެ.

ފިލްމުގައި ސަލްމާން އާއި ކެޓްރީނާ ކުޅޭ ޓައިގާއާއި ޒޯޔާގެ ރީޔޫނިއަން ބަލަން ބެލުންތެރިން ކެތްމަދުވެފައިވާއިރު ރިތިކް ރޯޝަން އާއެކު ޝާހްރުކް ޚާން ވެސް "ޓައިގާ3"ގެ ހާއްސަ މަންޒަރުތަކުން ފެންނާނެއެވެ. ރިތިކް ރޯޝަން މި ފިލްމުގައި ފެންނާނީ ވައިއާރްއެފްގެ ސްޕައި ޔުނިވާސްގެ ފިލްމު "ވޯ"ގެ ކަބީރުގެ ކެރެކްޓާއިންނެވެ. އަދި ޝާހްރުކް ޚާން ފެންނާނީ އެ ކުންފުނިން ގެނެސްދިން ބްލޮކްބާސްޓަރ "ޕަތާން"ގެ ޕަތާން ކެރެކްޓާއިންނެވެ.

ރިތިކް ރޯޝަން ފެންނަ ކަބީރުގެ ރޯލް ވިޝުއަލައިޒް ކުރާގޮތް އެނގެނީ ވަރަށް މަދު ބަޔަކަށް ކަމަށާއި މި މަޢުލޫމާތު ސިއްރުކުރެވިފައިވާއިރު ފިލްމުގެ ޕްރޮޑިއުސަރު އަދިތުޔަ ޗޯޕްރާ ބޭނުންވަނީ މި ޚަބަރު ބޮޑު ސްކްރީން މެދުވެރިކޮށް ބެލުންތެރިންނަށް ހާމަކުރުމަށެވެ.

ފިލްމު "ޓައިގާ3"ގެ ޕޯސްޓަރެއް

އިންޑިއާގެ އެންމެ ބޮޑު ތިން ސުޕަސްޓާރުން ކަމަށްވާ ސަލްމާން، އެސްއާރްކޭ އަދި ރިތިކް އަކީ އެއް ޔުނިވާސްއެއްގައި މަސައްކަތްކުރާ ތަރިންނަށްވެފައި މި ތިން ތަރިން އެއް ފިލްމަކުން ފެނުމަކީ ސިނަމާއަށް ފިލްމު ބަލަން ވަންނަ އެންމެންވެސް އުފާކުރާނެ ކަމެއްކަމުގައި ސްޕައި ޔުނިވާސްއާ ގުޅުންހުރި ފަރާތަކުން ވަނީ ބުނެފައެވެ.

ފިލްމު "ޓައިގާ3"އަކީ ވައިއާރްއެފްގެ ސްޕައި ޔުނިވާސްއިން ގެނެސްދޭ މި ސިލްސިލާގެ ފަސްވަނަ ފިލްމެވެ. މަނީޝް ޝަރުމާ ޑައިރެކްޓްކޮށްފައިވާ މި ފިލްމު ހިންދީ ބަހުގެ އިތުރުން ތަމަޅަ އަދި ތެލުގޫ ބަހުންވެސް ރިލީޒްކުރާގޮތަށް ވަނީ ނިންމާފައެވެ.

comment ކޮމެންޓް