ހަފީޒް އެކްސިޑެންޓުވި ސައިކަލު ދުއްވި ޒުވާނާއަށް ދެ އަހަރުގެ ޖަލު ހުކުމެއް

ސައިކަލަކުން ޖެހި އަނިޔާވި، އެމްއެންޔޫ ލެކްޗަރާއެއް ކަމަށްވާ އަލީ ހަފީޒް --

ނުރައްކާތެރިކޮށް ޒުވާނަކު ދުއްވި ސައިކަލަކުން, އެމްއެންޔޫ ލެކްޗަރާއެއް ކަމަށްވާ އަލީ ހަފީޒްގެ ގައިގައި ޖެހި ހިނގައިދިޔަ ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން، ސައިކަލު ދުއްވި 22 އަހަރުގެ ޒުވާނާއަށް އެއް އަހަރާއި ދިހަ މަހާއި 29 ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން މިއަދު އިއްވައިފިއެވެ.

މި މައްސަލައިގައި ދައުލަތުން ދައުވާ އުފުލައި، ހުކުމް އިއްވައިފައިވަނީ ސައިކަލު ދުއްވި ރ. އިނގުރައިދޫ، ޝަމްއާން އަބްދުއްޝުކޫރުގެ މައްޗަށެވެ. އޭނާ ސައިކަލު ދުއްވިއިރު، ލައިސަންސް ވެސް ނެތެވެ. އެހެންވެ، ދައުލަތުން އޭނާގެ މައްޗަށް އުފުލީ މީހަކަށް އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާއެވެ.

އެ ކުށަށް ޝަމްއާން އިއުތިރާފުވީއިރު، ދައުލަތާއި އޭނާއާ ދެމެދު އިއުތިރާފުގެ އެއްބަސްވުމެއް ވެސް ހަދައިފައިވެއެވެ.

އެ މައްސަލައަށް އޭނާ އިއުތިރާފުވެފައިވާތީ މައްސަލަ ނިންމައިފައިވަނީ އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައެވެ.

މި އަހަރުގެ ޖޫން 28 ވަނަ ދުވަހު ހަފީޒް އެކްސިޑެންޓުވީ ހީނާމާގޭ ޕާކިން ޒޯނު ކައިރީގައި ހުންނަ މިސްކިތުގައި ފަތިސް ނަމާދު ކުރުމަށް ފަހު، ކަފިހި ހުރަހުން މަގު ހުރަސް ކުރަނިކޮށް ބާރަށް ދުއްވާފައި އައި ސައިކަލެއްގައި ޖެހިގެންނެވެ.

މި އެކްސިޑެންޓުގައި ހަފީޒަށް ލިބުނު ސީރިއަސް ޒަޚަމްތަކަށް އެންމެ ފުރަތަމަ ފަރުވާ ދިނީ އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައެވެ. އެއަށް ފަހު އިތުރު ފަރުވާއަށް އިންޑިއާއަށް ގެންދިޔައީ ޖުލައި މަހުގެ ހަތަރުވަނަ ދުވަހުއެވެ. އޭނާއަށް ފަރުވާ ދިނީ ކޮޗިންގައި ހުންނަ އެސްޓާ މެޑިސިޓީ ހޮސްޕިޓަލުންނެވެ.

އެ އެކްސިޑެންޓުގައި ބޮޑެތި އަނިޔާތަކެއް ވެފައި ވަނީ ހަފީޒްގެ ބޮލަށާއި މޫނަށެވެ.

comment ކޮމެންޓް