އައިޔޫއެމްގެ 14 ދަރިވަރަކަށް ޗައިނާގެ ސްކޮލާޝިޕް

"ޗައިނީސް އެމްބެސެޑާ ބާސަރީ ޕްރޮގްރާމްގެ" އެވޯޑިން ސެރެމަނީގެ ތެރެއިން -- ސަން ފޮޓޯ/މުހައްމަދު ޝާތިއު

'ޗައިނީސް އެމްބެސެޑާ ބާސަރީ ޕްރޮގްރާމްގެ' ދަށުން އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް)ގެ 14 ދަރިވަރަކަށް މިއަދު ސްކޮލާޝިޕް ދީފިއެވެ.

މި ޕްރޮގްރާމަކީ މަތީ ތައުލީމު ހާސިލު ކުރުމަށްޓަކައި މާލީ އެހީތެރިކަން ބޭނުންވެފައިވާ ކިޔެވުމަށް މޮޅު ދަރިވަރުންނަށް ޗައިނާ އެމްބަސީގެ ފަރާތުން މާލީ އެހީތެރިކަން ފޯރުކޮށްދޭ ޕްރޮގްރާމެކެވެ.

މި އެވޯޑު ދަރިވަރުންނަށް ހަވާލު ކުރުމަށްޓަކައި އައިޔޫއެމްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވައިފައި ހުންނަވާ އެމްބެސެޑަރު، ވަންގް ލިންޒިން ވިދާޅުވީ މި ޕްރޮގްރާމަކީ ހަމައެކަނި ސްކޮލަޝިޕެއް ނޫން ކަމަށެވެ.

އޭގެ އިތުރަށް މި ޕްރޮގްރާމްގެ ސަބަބުން ރާއްޖެއާއި ޗައިނާއާ ދެމެދު މީހުން ބަދަލު ކުރުމަށް ވެސް މިކަމުން މަގުފަހިވާނެ ކަމަށާއި، ރާއްޖޭގެ ޒުވާނުން ޗައިނާގެ ސަގާފަތަށް އަހުލުވެރިވާނެ ކަމަށް ވެސް އެމްބެސެޑަރު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރަށް އެމްބަސެޑަރު ވަނީ މި ޕްރޮގްރާމްގެ ސަބަބުން ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ޒަމާންވީ އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިވާކަން ވެސް ފާހަގަ ކުރައްވައިފައެވެ.

"ޗައިނީސް އެމްބެސެޑާ ބާސަރީ ޕްރޮގްރާމްގެ" އެވޯޑިން ސެރެމަނީގެ ތެރެއިން -- ސަން ފޮޓޯ/މުހައްމަދު ޝާތިއު

ވަންގް ލިންޒިން އިތުރަށް ވިދާޅުވީ މިއީ ޗައިނާ އެމްބަސީން ރާއްޖެއަށް މިގޮތަށްދޭ އެންމެ ފުރަތަމަ މާލީ އެހީތެރިކަން ކަމަށެވެ.

މީގެ އިތުރަށް އެމްބެސެޑަރު ވިދާޅުވީ ރާއްޖޭގެ ޒުވާނުން ހާސިލު ކުރަން ބޭނުންވާ ހުރިހާ ކާމިޔާބީއެއް ހާސިލު ކުރުމަށްޓަކައި ޗައިނާއިން އަބަދު ވެސް އެހީވާން ތިބޭނީ ތައްޔާރަށް ކަމަށެވެ. އަދި، ސިނަމާލޭ ބްރިޖާއި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ރާއްޖޭގައި ބިނާ ކުރުމަށް އެހީވި ފަދައިން ދެން ވެސް ރާއްޖޭގެ އިޖުތިމާއީ އަދި އިގްތިސޯދީ ކުރިއެރުމަށް ވެސް އެހިވާނެ ކަމުގެ ޔަގީންކަން ޗައިނާއިން ވަނީ ދީފައެވެ.

comment ކޮމެންޓް