އަމިއްލަ ދަތުރުފުޅެއްގައި ޑރ. މުއިއްޒު އަބޫދާބީއަށް

އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު - ސަން ފޮޓޯ/ މާހިލް

އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ހެނދުނު، އަބޫދާބީއަށް ވަޑައިގެންފިއެވެ.

އިންތިޚާބީ ރައީސްގެ ތަރުޖަމާނު ފިރުޒުލް އަބްދުﷲ ޚަލީލް "ސަން" އަށް ވިދާޅުވީ މިއީ މުއިއްޒުގެ އަމިއްލަފުޅު ދަތުރެއް ކަމަށެވެ.

ދަތުރުފުޅާ ގުޅޭ އިތުރު މައުލޫމާތެއް އަދި އެނބުރި ވަޑައިގަންނަވާނެ ދުވަހެއް ފިރުޒުލް ހާމައެއް ނުކުރައްވައެވެ.

މިދިޔަ ހަފުތާ ހޯމަ ދުވަހު ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މުއިއްޒު ރާއްޖެ ވަޑައިގަތީ އިއްޔެއެވެ. ސިންގަޕޫރަށް ވެސް ކުރެއްވީ އަމިއްލަފުޅު ދަތުރެކެވެ.

މި މަހުގެ 17 ވަނަ ދުވަހު ރައީސްކަމުގެ ހުވާ ކުރައްވާ މުއިއްޒު ފުރަތަމަ ރަސްމީ ދަތުރުފުޅު ކުރައްވާ ގައުމެއް އަދި މިހާތަނަށް ހާމައެއް ނުކުރެއެވެ.

މިފަހުން ރާއްޖޭގެ ރައީސްކަމަށް ވަޑައިގެންނެވި ބޭފުޅުން އެންމެ ފުރަތަމަ ކުރައްވާ ރަސްމީ ބޭރު ދަތުރުފުޅުގައި ވަޑައިގަންނަވަނީ އަވައްޓެރި އިންޑިއާއަށެވެ.

މުއިއްޒު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމާއެކު ބޭރުގެ މީޑިއާތަކުން އެ މަނިކުފާނު ސިފަ ކުރެއްވީ "ޕްރޯ ޗައިނާ" ބޭފުޅެއްގެ ގޮތުގައެވެ. އެކަމަށް ރައްދު ދެއްވައި މުއިއްޒު ތަކުރާރުކޮށް ވިދާޅުވަމުން އަންނަނީ އެމަނިކުފާނަކީ "ޕްރޯ މޯލްޑިވްސް" ސިޔާސަތު ގެންގުޅުއްވާނެ ބޭފުޅެއް ކަމަށެވެ. އެއްވެސް ގައުމަކަށް މާބޮޑަށް ބަރޯސާވެގެން އަދި އެއްވެސް ގައުމަގާ ރުޅިވެރިކަން ބާއްވައިގެން ނޫޅުއްވާނެ ކަމަށް ވިދާޅުވިއެވެ.

comment ކޮމެންޓް