މިދިޔަ މަހު އެންމެ ގިނަ ފަތުރުވެރިން އައީ ޗައިނާއިން

ފަތުރުވެރިން ރާއްޖެ އައުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައީ ޗައިނާއިން ކަމަށް މޯލްޑިވްސް އިމިގްރޭޝަންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިދިޔަ މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 159،141އަށް އަރާއިރު، ޗައިނާއިން އައި ފަތުރުވެރިން އަދަދަކީ 17،406 އެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެވްރެޖުކޮށް ދުވާލަކު 5،135 ފަތުރުވެރިން އައިސްފައިވެއެވެ.

ފަތުރުވެރިން ރާއްޖެ އައުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ މަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ޖުމްލަ 1.5 މިލިއަނަށް ވުރެ ގިނައެވެ. މިއީ މިދިޔަ އަހަރާ އަޅައި ބަލާއިރު 13 ޕަސެންޓު އިތުރު އަދަދެކެވެ.

މިދިޔަ މަހު އެންމެ ގިނައިން ޓޫރިސްޓުން އައި ފަސް ގައުމަކަށް ބަލާއިރު:

  • ޗައިނާ: 17،406 ފަތުރުވެރިން
  • ރަޝިއާ: 17،032 ފަތުރުވެރިން
  • ޖަރުމަން: 15،973 ފަތުރުވެރިން
  • އިންޑިއާ: 14،664 ފަތުރުވެރިން
  • އިނގެރޭސިވިލާތް: 13،615 ފަތުރުވެރިން

އަންނަ އަހަރާ ހަމަޔަށް ސަރުކާރުން ވަނީ 1.9 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށް އަމާޒެއް ކަނޑައަޅާފައެވެ.

ޗައިނާ އަކީ ކޮވިޑްގެ ކުރިން ރާއްޖޭއަށް އެންމެ ގިނަ ފަތުރުވެރިން އައި މާކެޓެވެ. ކޮވިޑްގެ ސަބަބުން ބޯޑަރު ބަންދުކުރުމާ ގުޅިގެން ޗައިނާ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް ދަށަށް ދިޔައެވެ.

ޗައިނާއިން އަލުން ރާއްޖެއަށް ސީދާ ދަތުރުތައް ފަށާފައިވަނީ މި އަހަރުގެ ޖެނުއަރީގައެވެ. ވޭތުވެދިޔަ ހައެއްކަ މަސް ދުވަހުގެ ތެރޭގައި ޗައިނާ ފަތުރުވެރިންގެ އަދަދު ވަރަށް ހަލުވިކަމާ އެކު ކުރިއަރަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފައެވެ.

comment ކޮމެންޓް