ފަލަސްތީނަށް ނިއުކްލިއާ ހަމަލާދޭން ގޮވާލުން ރާއްޖޭން ކުށްވެރިކޮށްފި

ތުރުކީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އިސްރާއީލުން މިހާރު ފަލަސްތީނަށް ދެމުންދާ ނުހައްގު ހަމަލާތަކުގެ ތެރެއިން ޣައްޒާއަށް ނިއުކްލިއާ ހަމަލާއެއް ދިނުމަށް އިސްރާއީލްގެ ހެރިޓޭޖް މިނިސްޓަރު އަމިހާއި އެލިޔަހޫ ގޮވާލި ގޮވާލުން ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޢައްޒާއަށް ނިއުކްލިއާ ބޮމެއް އެޅުމަށް އަމިހާއި އެލިޔަހޫ ގޮވާލުމުން އެކަން ބަލައިނުގަނެވޭ ކަމަށެވެ. އަދި އެކަމަކީ ރާއްޖޭން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމެއް ކަމުގައި އެ ބަޔާނުގައި ވެއެވެ.

"ހާއްސަކޮށް އިޒްރޭލުގެ އަސްކަރިއްޔާއިން ފަލަސްތީނުގެ އާއްމުންނަށް އަމާޒުކޮށް ހަމަލާތަކެއް ދެމުންދާ މި ދަނޑިވަޅުގައި އިޒްރޭލުގެ ވަޒީރަކު މިފަދަ ވާހަކައެއް ދެއްކުމަކީ ވަކިން ކަންބޮޑުވާ ކަމެއް," ފޮރިން މިނިސްޓްރީން ބުންޏެވެ.

މިފަދަ އަމަލުތަކަށް ފަހު އެ މިނިސްޓަރަށް ފިޔަވަޅު އަޅާފައިނުވާ ކަމަށް ވެސް އެ ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.

އިސްރާއީލްގެ އިދިކޮޅު ފަރާތްތަކުންވެސް ވަނީ އެލިޔަހޫގެ ވާހަކަތައް ކުށްވެރިކޮށް އޭނާ މަގާމުން ވަކިކުރުމަށް ގޮވާލާފައެވެ. އެލިޔަހޫ ފަހުން ވިދާޅުވީ އޭނާ ނިއުކްލިއާ ހަމަލާ އޭ ބުނީ މިސާލު ބަހެއްގެ ގޮތުން ކަމަށެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ވަނީ ހަމަލާތައް ހުއްޓާލާ ގާޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ގޮވާލަމުންދާ ގޮވާލުންވެސް ތަކުރާރުކޮށްފައެވެ.

އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު މިހާރު 10,000 އާ ކައިރިވެފައިވާއިރު، އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުން ކަމަށް ބޭރުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.

comment ކޮމެންޓް