އިތުބާރުގެ މައްސަލަ ނުނިމުނަސް، ހުވާ ނުކުރެވޭނެ ސަބަބެއް ނެތް: ދައުލަތް

ޑިމޮކްރެޓްސްގެ ބާނީ ރައީސް ނަޝީދާއި އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު -- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރުގެ މައްސަލަ ނުނިމޭތީ މަޖިލިސް ހުއްޓިފައި އޮތް ނަމަވެސް، އޭގެ ސަބަބުން އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ހުވާ ކުރެއްވުމަށް ހުރަހެއް ނޭޅޭނެ ކަމަށް މިއަދު ދައުލަތުން ސުޕްރީމް ކޯޓުގައި ބުނެފިއެވެ.

ނަޝީދުގެ ކޮއްކޯފުޅު އަދި ނައިބު ރައީސް އީވާ އަބްދުﷲ ހާޒިރުވެވަޑައިނުގަންނަވާތީ އެ މަނިކުފާނުގެ އިތުބާރުގެ މައްސަލަ ކުރިއަށްނުގެންދެވިގެން އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުން މިއަދު ވަނީ ފަށައިފައެވެ.

އެ އަޑުއެހުމުގައި ބަންޑާރަ ނައިބު އޮފީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ހަލީމްއާ، ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ އިންތިޚާބީ ރައީސް ހުވާކުރެއްވުމަށް ހުރަސް އެޅޭނެތޯ ސުވާލުކުރައްވާފައެވެ.

އެ ސުވާލުކުރައްވާފައި ވަނީ، އެމްޑީޕީން ހުށަހަޅާފައިވާ މައްސަލައިގައި، މަޖިލީހުގެ ރައީސް ވަކިކުރުމުގެ ގަރާރެއް ހުށަހެޅުމަށް ފަހު އެވަގުތަކު މަޖިލީހަށް ހުށަހެޅިފައިވާ އެހެން އެއްވެސް ކަމަކާމެދު ބަހުސް ކުރެވޭނީ ނުވަތަ ގޮތެއް ނިންމަން ވާނީ މަޖިލީހުގެ ރައިސްގެ މަގާމުން ވަކިކުރުމުގެ ގަރާރާމެދު ގޮތެއް ނިންމުމަށް ފަހުގައި ކަމަށް މަޖިލީހުގެ ގަވާއިދުގައި ބުނާ މާއްދާ ދައުލަތުންނާއި އެމްޑީޕީގެ ފަރާތުން ފާހަގަކޮށްފައިވާތީއެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ފާތިމަތު ހަލީމް ވިދާޅުވީ މަޖިލީހުގެ މަސައްކަތްތައް ނުކުރެވުނު ނަަމަވެސް، ހުވާ ކުރެއްވުމަށް ހުރަހެއް ނޭޅޭނެ ކަމަށެވެ. ނަމަވެސް އާ ރައީސްގެ ކެބިނެޓް އައްޔަން ކުރުމަށް ހުރަސް އެޅިދާނެ ކަން ފާހަގަކުރެއްވިއެވެ.

"އިންތިޚާބީ ރައީސް ހުވާކުރުމާ ގުޅޭ ގޮތުން މި މާއްދާއަށް ބަލާއިރުގައި މިއަށް ފޯލް ނުވާ ސަބަބަކީ ފުރަތަމަ ކަމަކަށް މި މާއްދާގައި ވަރަށް ސްޕެސިފިކް ދެ ކަމެއްގެ ވާހަކަ ބުނަނީ. އެއް ކަމަކީ ބަހުސް ކުރެވޭ ހާލަތާ ގޮތް ނިންމަން ޖެހޭ ހާލަތު. މަޖިލީހުން ގޮތް ނިންމަން ޖެހޭ ކަންތައްތަކުގެ ވާހަކަ ގާނޫނު އަސާސީގެ 87 ވަނަ މާއްދާގައި އެބަ ބަޔާންކުރޭ، އޭގެ ތެރެއަކު މި ދެންނެވިހެން ރައީސުލްޖުމްހޫރިއްޔާގެ ހުވާ ކުރުމުގެ ވާހަކައެއް ނާދޭ،" ފާތިމަތު ހިލްމީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދެން ފާހަގަކޮށްފައި އޮތީ ބަހުސް ނުކުރެވޭނެ ވާހަކަ ކަމަށާއި، ބަހުސަކީ އޭގެ ޒާތުގައި ގަރާރަކާ މެދު ކުރެވޭ ކަމަކަށްވާއިރު، ރައީސްގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތާ ގާނޫނުގައި އޮންނަ ގޮތުން ގަރާރަކާ ނުގުޅޭ ކަމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

"ލިޓަރެލް އިންޓަޕްރިޓޭޝަނަކަށް ދިޔަ ނަމަވެސް ހުވާ ނުކުރެވޭނެ އެއްވެސް ސަބަބެއް ނެތް،" ފާތިމަތު ހިލްމީ ވިދާޅުވިއެވެ.

ނަޝީދު ވަކިކުރުމުގެ މައްސަލަ އެންމެ ފުރަތަމަ އެޖެންޑާ ކުރީ މިދިޔަ އާދިއްތައިގައެވެ. އެކަމަކު، އީވާ އެ ހަފުތާ އެއްކޮށް އާލާސްކަންފުޅާ ސަލާން ވިދާޅުވުމުން އެ ހަފުތާގައި މައްސަލަ ކުރިއަކަށް ނުގެންދެވުނެވެ. މި ހަފުތާގައި އެ ކަމަނާ ވިދާޅުވީ، ސުޕްރީމް ކޯޓަށް އެމްޑީޕީން އެ މައްސަލަ ވެއްދީމާ، އެހެންވެ ދެން ރިޔާސަތު ބެލެހެއްޓިދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

އޭގެ ފަހުން މަޖިލީހުގެ އިދާރާއިން ވަނީ ސުޕްރީމް ކޯޓުގައި އޮތް އެކަމާ ގުޅުންހުރި މައްސަލަ ނިމެންދެން ނަޝީދުގެ އިތުބާރުގެ މައްސަލަ ދެން އެޖެންޑާ ނުކުރާނެ ބުނެފައެވެ.

comment ކޮމެންޓް