ޣައްޒާ (05 ނޮވެންބަރު 2023): ޣައްޒާއަށް އަރައިގަނެގެން އުޅުނު އިސްރާއީލު ސިފައިންގެ ގުރޫޕެއް ދަންތުރައެއްގައި (އެންބުޝްއެއްގައި) ޖައްސައި އޭގެ ތެރެއިން 20 މީހުން މަރާލައިފިކަމަށް ޚަބަރު ލިބިއްޖެއެވެ.
ޣައްޒާގައި ހަރަކާތްތެރިވާ "ފޮކްސް ނިއުސް"ގެ ރިޕޯޓަރަކު ހާމަކުރި ގޮތުގައި އިސްރާއީލު ސިފައިންގެ ގުރޫޕެއް ދަންތުރައެއްގައި ޖެއްސީ ޣައްޒާގެ މުޖާހިދުންނެވެ. މި ދަންތުރާގައި އިސްރާއީލު ސިފައިން ޖެއްސީ ހަމާސްއަށް ނިސްބަތްވާ މުޖާހިދުންކަން ނުވަތަ އިސްލާމިކް ޖިހާދު ޖަމާއަތަށް ނިސްބަތްވާ މުޖާހިދުންކަން ނޭނގޭކަމަށާއި ނަމަވެސް ބާރުގަދަ އެއްޗެއް ގޮވުމާއެކު އިސްރާއީލު ސިފައިންގެ ގިނަ އަދަދެއްގެ ވެހިކަލްތައް ހަލާކުވެ އެމީހުންގެ އެތައް ބަޔަކު މަރުވެ ބިންމައްޗަށް ވެއްޓެމުންދާމަންޒަރު ފެނުނުކަމަށް "ފޮކްސް ނިއުސް"ގެ ރިޕޯޓަރު ވަނީ ހާމަކޮށްފައެވެ.
އޭނާވަނީ އެމަންޒަރުގެ ބައެއް ރިކޯޑުވެސް ކޮށްފައެވެ. ނަމަވެސް އިސްރާއީލުން އަދި މިކަމަށް އެއްބަސްވެފައެއް ނުވެއެވެ. ނަމަވެސް ހަމާސްގެ އަސްކަރީ ގޮފި އަލްގައްސާމް ބްރިގޭޑުން ވަނީ ޣައްޒާގެ އުތުރުގައި އިސްރާއީލު ސިފައިން އެއްވެފައިވާ ތަނަކަށް ސީދާ ގޮތެއްގައި ކުއްލި ހަމަލާތަކެއްދީ އިސްރާއީލު ސިފައިންގެ އެތައް ބަޔަކު މަރާލައި އަސްކަރީ 12 ވެހިކަލް ހަލާކުކޮށްލެވުނުކަން ހާމަކޮށް ބަޔާނެއް ނެރެފައެވެ.
އިސްރާއީލު ސިފައިންވަނީ ޣައްޒާގެ ހަނގުރާމައިގާ މިހާތަނަށް އިސްރާއީލު ސިފައިންގެ 345 މީހަކު މަރުވެ ހާހަކަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާކަމަށް އެއްބަސްވެފައެވެ. ނަަމަވެސް ހަމާސްގެ ހަމަލާތަކުގައި މިއަށްވުރެ މާގިނަ އިސްރާއީލު ސިފައިން މަރުވެފައިވާނެކަމަށް އެޖަމާއަތުން ލަފާކުރެއެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސްއިން އިސްރާއީލަށް ދިން ކުއްލި ހަމަލާތަކުގައި އިސްރާއީލުގެ 1400އަށް ވުރެ ގިނަ މީހުން މަރާލައި 260 މީހަކު އަސީރުކޮށްފައިވާއިރު އެމީހުން ހައްޔަރުކޮށްފައިވަނީ ޣައްޒާގެ ބިންގަރާސްތަކުގައެވެ. ޣައްޒާއަށް އިސްރާއީލުން ދޭ ވައިގެ ހަމަލާތަކުގައި އޭގެތެރެއިން 60 މީހަކު މަރުވެފައިވާއިރު އިންސާނީ ސަބަބުތަކާ ގުޅިގެން މިދިޔަ މަހު ހަމާސްއިންވަނީ އަސީރުންގެ ތެރޭގައި ހިމެނޭ އާންމުންގެ ތިން މީހަކު މިނިވަންކޮށްފައެވެ.
އިސްރާއީލުން އިއްޔެވަނީ ބޮޑު ތިން ގަތުލުއާންމެއް ޣައްޒާގައި ހިންގާފައެވެ. މީގެތެރެއިން އެންމެ ގިނަ ބަޔަކު ޝަހީދުކޮށްލާފައިވަނީ ޣައްޒާގައި ފަލަސްތީނު ރެފިއުޖީން ދިރިއުޅޭ މަޣާޒީ ރެފިއުޖީ އަވަށަށް ބޮން އަޅައިގެންނެވެ. މަޣާޒީ އަވަށުގެ ގެތަކަށް ބޮންއަޅައި އިސްރާއީލުން 55 މީހަކު ޝަހީދުކޮށްލާފައިވާއިރު ސަތޭކައަށްވުރެ ގިނަމީހުން ވަނީ ޒަޚަމްކޮށްލާފައެވެ.
އޭގެކުރިން އިސްރާއީލުވަނީ ޣައްޒާގެ ޖަބާލިޔާ ރެފިއުޖީ އަވަށުގައި އދ.އިން ހިންގާ ސްކޫލަކަށް ހަމަލާދީ 15 މީހަކު ޝަހީދުކޮށްލާފައެވެ. އޭގެކުރިން އިސްރާއީލުގެ ބޮންއަޅާ ބޯޓުތަކުންވަނީ ޣައްޒާގެ އައްޝިފާ ހޮސްޕިޓަލުގެ ކައިރީގައި އޮތް އެންބިއުލަންސަކަށް ހަމަލާދީ އިތުރު 15 މީހަކު ޝަހީދުކޮށް އެތައް ބަޔަކު ޒަޚަމްކޮށްލާފައެވެ.
އިސްރާއީލުން ބޮންއަޅައި ހަލާކުކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެ ނުނެގި ދެހާހަށް ވުރެގިނަމީހުން ތިބިކަމަށާއި މިދިޔަ މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލު ޣައްޒާގެ އާންމުންނަށް އަމާޒުކޮށް ދެމުންގެންދާ ހަމަލާތަކުގައި 10 ހާހަށްވުރެ ގިނަ އާންމުން މަރުވެ 33 ހާސް އާންމުން ޒަޚަމްވެފައިވާކަމަށް ޣައްޒާގައި ވެރިކަންކުރާ ހަމާސްގެ ސަރުކާރުން ބުނެއެވެ.