ކުރިއަށް އޮތް 48 ގަޑިއިރު ތެރޭގައި ޣައްޒާ ތެރެއަށް ވަންނާނެ ކަމަށް ޔަހޫދީ އިސްރާއީލުން ބުނެފިއެވެ.
ހާރްޒް ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ކުރިއަށް އޮތް 48 ގަޑިއިރު ތެރޭގައި ޣައްޒާ ތެރެއަށް ވަދެ ހަމަލާތައް ދޭން ފަށާނެ ކަމަށް ޔަހޫދީން ވަނީ އިންޒާރު ދީފައެވެ. އަދި މި އޮޕަރޭޝަންގެ މަގްސަދަކީ ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުގެ އަސްކަރީ މަރުކަޒުތަކާއި އެ މީހުންގެ އާންމުން މީހުން ތިބޭ ތަންތަން އަދި އެ މީހުން ތިބޭ ހޮހޮޅަތައް ނައްތައިލުން ކަމަށް ޔަހޫދީ އަސްކަރިއްޔާއާ ހަވާލާދީ އެ ނޫހުން ރިޕޯޓުކުރެއެވެ.
ހަމާސް ނައްތައިލުމަކީ ކުރެވިދާނެ ކަމެއް ކަމަށާއި ނަމަވެސް އެ ކަމަށް ވަގުތު ބޭނުންވާ ކަމަށް ވެސް ޔަހޫދީ އަސްކަރިއްޔާއިން ބުނެއެވެ.
ކުރިއަށް އޮތް 48 ގަޑިއިރު ތެރޭ ޣައްޒާއަށް ވަތް ނަމަވެސް، މި ވަގުތު ހަމާސް ޖަމާއަތުގެ މުޖާހިދުން ތިބޭ ހޮހޮޅަތަކަށް ނުވަންނާނެ ކަމަށާއި އެއީ އެ ތަންތަނުގައި އެ މީހުންނަށް ލަނޑުދޭން އެކި ކަހަލަ ކަންތައްތައް ހަމާސްއިން ކޮށްފައި ހުރެދާނެތީ ކަމަށް ޔަހޫދީން އަސްކަރިއްޔާއިން ބުނެއެވެ. އެ ތަންތަނާއި މެދު ކުރަން ޖެހޭ ކަމެއް ކުރާނީ އެ ކަމަށް ހާއްސަ ޓީމަކުން ކަމަށް ވެސް ވަނީ ބުނެފައެވެ.
އެމެރިކާގެ އެހީތެރިކަމާ އެކު ޔަހޫދީ އިސްރާއީލުން ޣާއްޒާގެ އާންމުންނަށް ދެމުންގެންދާ ހަމަލާތަކަށް ހުއްޓުމެއް ނާންނައިރު، ހަމަލާތަކުގައި ފަލަސްތީނުގެ ގާތްގަޑަކަށް 10،000 މީހުން ވަނީ ޝަހީދުވެފައެވެ. އިތުރު އެތައް ހާސް ބަޔަކު ޒަޚަމްވެފައިވާއިރު، އެތައް ސަތޭކަ ބަޔަކު ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ.