އިސްރާއީލާއި ފަލަސްތީނުގެ ހަނގުރާމަ ހިގަމުންދާ ދަނޑިވަޅުގައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓޮނީ ބްލިންކެން އިރާގަށް ވަޑައިގަންނަވައިފިއެވެ.
މެދުއިރުމައްޗަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްގައި ބްލިންކެން އިރާގަށް ވަޑައިގަންނަވާފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ.
އިރާގަށް ކުރެއްވި މި ދަތުރުފުޅުގައި ބްލިންކެން ވަނީ އިރާގުގެ ބޮޑު ވަޒީރު މުހައްމަދު ޝިއާ އަލް ސޫދާނީއާ ގާތްގަޑަކަށް ގަޑިއެއްހާއިރު ބައްދަލުކުރައްވައިފައެވެ.
އެ ބައްދަލުކުރެއްވުމުގައި ހަރުދަނާ މަޝްވަރާތަކެއް ކުރެއްވި ކަމަށް ފާހަގަކުރައްވަމުން ބްލިންކެން ވިދާޅުވީ، އިރާގުގައި ތިބޭ އެމެރިކާ ސިފައިންނަށް ދޭ ހަމަލާތަކަކީ އެއްގޮތަކަށް ވެސް ގަބޫލުކުރެވޭނެ ކަމެއް ނޫނެވެ. މީގެ އިތުރުން އިސްރާއީލާއި ފަލަސްތީނުގެ ވެރިކަންކުރާ ހަމާސް ޖަމާއަތާ ދެމެދު މިހާރު ކުރަމުންދާ ހަނގުރާމައަށް ސަރަހައްދީ އެހެން ގައުމުތަކުން ވަނުމުގެ ފުރުސަތު ކުޑަކުރުމަށް ކުރެވޭނެ ކަންތައްތަކާ މެދު ވެސް ދެ ގައުމުން މަޝްވަރާ ކުރެއްވި ކަމަށް ބްލިންކެން ވިދާޅުވިއެވެ.
ޣައްޒާއަށް އިންސާނި އެހީ ފޯރުކޮށްދިނުމަށް ހަނގުރާމަ މެދުކަނޑާލުމާއި ގުޅޭ މަޝްވަރާތައް ވެސް ކުރިއަށްދާނެ ކަމަށް ބްލިންކެން ވިދާޅުވިއެވެ.
ސީއެންއެންއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ބްލިންކެން ވަނީ އިރާގުގައި ހުންނަ އެމެރިކާގެ އެމްބަސީއަށް ވެސް ޒިޔާރަތްކުރައްވާފައެވެ. އިރާގުގައި ތިބޭ އެމެރިކާ ސިފައިންނަށް ދޭ ހަމަލާތަކާގުޅޭ ސެކިއުރިޓީ ބްރީފިން އެއްވެސް ބްލިކެންއަށް އަރުވާފައިވާ ކަމަށް ސީއެންއެންއިން ރިޕޯޓުކުރެއެވެ.