އެމެރިކާގެ އެހީތެރިކަމާއެކު ޔަހޫދީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް އަމާޒުކޮށް ދެމުންދާ ރަހުމުކުޑަ ހަމަލާތައް ހުއްޓާލުމަށް އިސްރާއީލަށް މަޖުބޫރު ކުރުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ އަމިއްލަ ޕާޓީ، ޑިމޮކްރެޓިކް ޕާޓީން ޕްރެޝާ ކުރަން ފަށައިފިއެވެ.
އިސްރާއީލުގެ އަމަލުތަކާމެދު ވައިޓް ހައުސްއިން ހަރުކަށި ނިންމުމެއް ނިމުމަށް ފާއިތުވި ދުވަސްތަކުގައި އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ބައެއް މެމްބަރުން ވަނީ ގޮވައިލައްވައިފައެވެ.
އަދި ފެނާއި ކާބޯތަކެއްޗާއި ތެޔޮ ފަދަ އަސާސީ ބޭނުންތަކަށް ބޭނުންކުރާ ތަކެތި ޣައްޒާގެ އާންމުންނަށް ފޯރުކޮށްދީ، އާންމުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އިސްރާއީލުން ގެންގުޅޭ ޕްލޭން އާންމު ކުރުމަށްވެސް އެ މެމްބަރުން ވަނީ ގޮވައިލައްވާފައެވެ.
ނިއުޔޯކު ތަމްސީލު ކުރައްވާ ގާނޫނުހަދާ މަޖީލީހުގެ މެމްބަރު، އެލްގްޒެންޑްރިއާ އޮކާސިއޯ ކާޓޭޒްއާ ހަވާލާދީ ޕޮލިޓީކޯ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހަނގުރާމަ ހުއްޓާލަން ގޮވާލުމުގެ އިތުރުން ޣައްޒާގައި މިހާރު ހިނގަމުންދާ ކަންކަމުގެ މެދުވެރިއަކަށް ވުމަށް ބައިޑެންއަށް ޕްރެޝާ ކުރަން ޖެހެއެވެ.

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު އެލެގްޒެންޑްރިއާ އޮކާސިއޯ ކާޓޭޒް ފޮޓޯ/ޕޮލިޓިކޯ
ހަނގުރާމަ ހުއްޓާލުމުގެ ބަދަލުގައި ޣައްޒާއަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހަނގުރާމަ މަޑުޖައްސާލުމަށް ބައިޑެން ވަނީ މީގެކުރިން ގޮވައިލައްވާފައެވެ. ބައިޑެންގެ އިތުރުން މެދުއިރުމައްޗަށް މިހާރު ދަތުރުފުޅެއް ފައްޓަވައިގެން އުޅުއްވާ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓޮނީ ބްލިންކެން ވަނީ މި މޭރުމުން ވާހަކަފުޅު ދައްކަވާފައެވެ.
ނަމަވެސް އިސްރާއީލުގެ ރައީސް ބެންޖަމިން ނަތަންޔާހޫ ވަނީ އެމެރިކާގެ މި ގޮވާލުންވެސް ބޮލާލާޖަހާފައެވެ. އަދި އެ މީހުންގެ ހުރިހާ ބާރެއްގެ ބޭނުންކޮށްގެން ޣައްޒާގައި ހަނގުރާމަ ކުރަމުންދާނެ ކަމަށް ނަތަޔަންޔާހޫ ވަނީ ވިދާޅުވެފައެވެ.
ޣައްޒާގައި މިހާރު އޮތް ހާލަތާމެދު ވަރަށް ކަންބޮޑުވާ ކަމަށާއި އެމެރިކާއިން އަބަދުވެސް ދަމަހައްޓާ އުސޫލުތައް ކަމަށްވާ، ހަމަނުޖެހުންތަކުގައި އާންމުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމާއި، އާންމުނަށް ލިބޭ ގެއްލުތަކުން ރައްކާތެރި ކޮށްދިނުން ފަދަ އުސޫލުތައް ދަމަހައްޓަން ބާރުއަޅަން ޖެހޭ ކަމަށް އެހެން މެމްބަރެއް ކަމަށްވާ ޖެފް މާކްލޭ ވިދާޅުވިއެވެ.
މެމްބަރުންގެ ކަންބޮޑުވުންތަކަށް ޖަވާބުދެއްވައި، ސަރުކާރުގެ އޮފިޝަލުން ހާމަކޮށްފައިވާ ގޮތުގައި އިސްރާއީލް ސަރުކާރު ޖަވާބުދާރި ކުރުވަން އެމެރިކާ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި ހަނގުރާމައިގައި ޣައްޒާގެ އާންމުންގެ ރައްކާތެރިކަމާއި، އަސާސީ ބޭނުންތައް ފުއްދާނެ ތަކެތި ފޯރުކޮށްދިނުމުގެ މުހިންމުކަންވެސް ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ.
ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުގެ ހަމަލާއެއްގެ ރައްދުގައި ކަމަށް ބުނެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ކުރަމުންދާ ހަނގުރާމަ ފެށުނު ފަހުން ޣައްޒާގެ އިތުރުން އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ އާންމުނަށް ވެސް އަންނަނީ އިސްރާއީލުގެ ދުއްތުރާތައް ޖެހެމުންނެވެ. ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަސްތީނު މީހުންނާއި އިސްރާއީލު މީހުންނާއި ދެމެދު ހިނގި ހަމަނުޖެހުންތަކުގައި މިހާތަނަށް 150 ފަލަސްތީނު މީހުން ހުޅަނގު އައްސޭރިން މަރާލާފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
އިސްރާއީލުގެ ހަމަލާތަކުގައި ޣައްޒާއިން މިހާތަނަށް 10000 މީހުންނާ ގާތަށް ކުރާ އަދަދަކަށް މީހުން ޝަހީދުވެފައިވާއިރު، އެތައް ހާސް ބަޔަކު ވަނީ ޒަހަމްވެފައެވެ. އަދި އިސްރާއީލުގެ ވައިގެ ހަމަލާތަކުގައި ބިމާ ހަމަވެފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވެސް އެތައް ބަޔަކު އެބަތިއްބެވެ.