ފަލަސްތީނަށް ތާއިދުކޮށް އެމެރިކާގައި ތާރީޚީ ބޮޑު އެއްވުމެއް

ފަލަސްތީނަށް ތާއިދުކޮށް ވޮޝިންގްޓަންގައި ބޭއްވި އެއްވުމުގެ ތެރެއިން ފޮޓޯ/ޔޫއެސް ނޫސް

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ރަހުމުކުޑަ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް މިލިއަނަކަށްވުރެ ގިނަ މީހުން އެއްވެ އެމެރިކާގެ ވެރިރަށް ވޮޝިންޓަންގައި އިއްޔެ މުޒާހަރާކޮށްފިއެވެ.

މިއީ އެމެރިކާގެ ތަރީޚުގައިވެސް ފަލަސްތީނަށް ތާއީދުކޮށް މިހާ ގިނަ މީހުން އެއްފަހަރާ އެއްވި ފުރަތަމަ ފަހަރެވެ.

މިޑްލް އީސްޓް އައި އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ އެއްވުން އިންތިޒާމްކޮށްފައިވަނީ ޕަލަސްތީނިއަން ޔޫތު މޫވްމެންޓާއި ދަ ނޭޝަނަލް ސްޓޫޑެންޓްސް ފޯ ޖަސްޓިސް އިން ފަލަސްތީން އަދި ޔޫއެސް ކެމްޕޭން ފޯ ޕަލަސްތީނިއަން ރައިޓްސް ފަދަ ގިނަ ޖަމިއްޔާތަކުން އެއްވެގެންނެވެ.

ވޮޝިންޓަންގައި މުޒާހަރާ ކުރި ގިނަ މީހުން ވަނީ އެމެރިކާގެ ރައީސް، ޖޯ ބައިޑެން އިސްރާއީލަށް ވާގިވެރިވާ ކަމަށް ބުނެ ނުރުހުން ފާޅުކޮށްފައެވެ. ފަލަސްތީނުގެ މީހުން ޝަހީދު ކުރުމަށް މަގުފަހިކޮށްދޭ އިސްރާއީލަށް އެއްބާރުލުންދޭ ކަމަށާއި، މިކަން ކުރުމަށްފަހު ބައިޑެންއަށް ނުފިއްލެވޭނެ ކަމަށްވެސް މުޒާހަރާގެ ބައިވެރިން ވަނީ ބުނެފައެވެ. އަދި ގަތުލު އާންމު ހިންގުމުގެ ދައުވާ ކުރާނެ ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުން، މުޒާހަރާގެ ބައިވެރިން ވަނީ ފަލަސްތީނު މީހުން ބޭނުންކުރާ ކަހަލަ ފޮތިގަނޑެއް ނުވަތަ ފަލަސްތީނު ދިދައެއް ހިފައިގެން ތިބެ ހަނގުރާމަ ހުއްޓާލުމަށް ގޮވާފައެވެ. އަދި ޣައްޒާ މީހުން ދިރިއުޅުނަ ދިނުމަށްވެސް ބައިވެރިން ދިޔައީ ގޮވަމުންނެވެ.

ފަލަސްތީނަށް ތާއިދުކޮށް ވޮޝިންގްޓަނުގައި ބޭއްވި އެއްވުން. އެއްވުމުގެ ބައިވެރިން ވަނީ ފަލަސްތީނުގެ ދިދަ އާއި ފަލަސްތީނު ރަމްޒުކޮށްދޭ ތަކެތި ބޭނުންކޮށްފައި ފޮޓޯ/ޔޫއެސް ނޫސް

އެއްވެތިބި މީހުންނާ މުޚާތަބުކޮށް ވާހަކަ ދެއްކި މީހުންގެ ތެރޭގައި ފަލަސްތީނުގެ އެކްޓިވިސްޓް އަދި ލިޔުންތެރިޔާ މުޙައްމަދު އަލް ކޫދްއާއި ރެޕާ މެކްލްމޯގެ އިތުރުން އެއްވުން އިންތިޒާމްކުރި ބައެއް ފަރާތްތައްވެސް ހިމެނެއެވެ.

އިސްރާއީލްގެ ހަމަލާތައް ހުއްޓުވުމަށް ބައިޑެން ދެކޮޅު ހައްދަވާފައިވާއިރު، އެމެރިކާގެ 66 އިންސައްތަ މީހުން ހަނގުރާމަ ހުއްޓާލުމަށް ތާއީދުކުރާ ކަމަށް އެއްވުން އިންތިޒާކުރި އެއް ފަރާތް ކަމަށްވާ، ޔާރާ ޝައުފާނީ ބުންޏެވެ. އަދި ޣައްޒާގެ މީހުން ތިބީ އެކަނި ނޫން ކަމަށާއި އެމީހުންވެސް ތިބީ ޣައްޒާއާއެކު ކަމަށް ޔާރާ ބުންޏެވެ.

އެމެރިކާ ސަރުކާރުގެ ތާއިދާއެކު އިސްރާއީލުން ވެސް ބުނަމުން އަންނަނީ ހަމަލާތައް ހުއްޓާނުލާނެ ކަމަށެވެ. އިސްރާއީލުގެ ރައީސް ބެންޖަމިން ނަތަންޔާހޫ ވަނީ ހަނގުރާމައިގެ އިތުރު މަރުހަލާއަކަށް ތައްޔާރުވުމަށްވެސް ބުނެފައެވެ.

އެމެރިކާގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަންނަނީ ފަލަސްތީނަށް ތާއީދުކޮށް މުޒާހަރާ ކުރަމުންނެވެ.

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ރަހުމުކުޑަ އަނިޔާތައް ހުއްޓުމަކަށް ގެނެސް ހަމަލާތައް ހުއްޓާލުމަށް ގޮވާލައި އިނގިރޭސިވިލާތުގެ ވެރި ރަށް ލަންޑަންގައިވެސް އިއްޔެ ވަނީ މުޒާހަރާކޮށްފައެވެ. ލަންޑަންގެ އިތުރުން، މެންޗެސްޓާ، އޮކްސްފޯޑް، ނިއުކާސަލް އަދި ލިވާޕޫލްގައިވެސް މުޒާހަރާކުރިއެވެ. ލެޓިން އެމެރިކާގެ ބައެއް ގައުމުތަކުގައިވެސް ވަނީ އެފަދަ އެއްވުންތައް ބާއްވާފައެވެ.

ފަލަސްތީނަށް ތާއިދުކޮށް ވޮޝިންގްޓަންގައި ބޭއްވި އެއްވުމުގައި ފަލަސްތީނުގެ ދިދަ ދަމާލާފައި ފޮޓޯ/ޔޫއެސް ނޫސް

އިސްރާއީލުން ފަލަސްތީނުގައި ހިންގާ ގަތުލުއާންމުގައި މިހާތަނަށް ގާތްގަނޑަކަށް 10،000 މުސްލިމުން ޝަހީދުކޮށްލާފައިވެއެވެ. އޭގެތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

ގެދޮރު ގެއްލިފައިވާ އެތައް ބަޔަކު ވަގުތީ ހިޔާތަކުގައި ތިބިއިރު، ޒަޚަމްވެފައިވާ އެތައް ސަތޭކަ ބަޔަކަށް ފަރުވާ ދެވޭނެ ގޮތެއްވެސް ޣައްޒާގައި ނެތެވެ. ފެނާއި ކަރަންޓާއި ކާބޯތަކެތިވެސް އެކަށީގެންވާ ގޮތަކަށް ނުލިބޭއިރު، ތެޔޮ ނުލިބުމުގެ ސަބަބުން ޣައްޒާގައި ހުރި އެތައް ހޮސްޕިޓަލެއްގެ މަސައްކަތް މިވަގުތު ވަނީ ހުއްޓިފައެވެ.

comment ކޮމެންޓް