ޕެރިސް މާސްޓާސްގެ ޗެމްޕިއަންކަން ޖޯކޮވިޗް ހޯދައިފި

މިއީ ނޯވަކް ޖޯކޮވިޗް ކާމިޔާބުކުރި 40 ވަނަ މާސްޓާސް މުބާރާތް / ފޮޓޯ: އަޝާގް އަލް އަވްސަތު

ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހުގައި ކުރިއަށްދިޔަ ޕެރިސް މާސްޓާސް ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން ދުނިޔޭގެ އެއް ވަނައަށް ރޭންކް ކުރެވިފައިވާ ފިރިހެން ކުޅުންތެރިޔާ ސާބިއާގެ ނޯވަކް ޖޯކޮވިޗް ކާމިޔާބުކޮށްފިއެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން ޖޯކޮވިޗް ހޯދީ ފައިނަލްގައި ސީޑް ކުނުރެވޭ ކުޅުންތެރިއެއް ކަމަށްވާ ގްރިގޯ ޑިމިޓްރޯވްއާ ބައްދަލުކޮށް ސީދާ ދެސެޓުން ކާމިޔާބުކޮށްގެންނެވެ. މިއާއެކު ޖޯކޮވިޗް މިވަނީ މި މުބާރާތުގެ ތަށި ރިކޯޑް އަދަދެއް ކަމަށްވާ ހަތް ފަހަރު ކާމިޔާބުކޮށްފައެވެ.

މި މެޗްގެ ސެޓްތައް ޖޯކޮވިޗް ކާމިޔާބުކޮށްފައިވަނީ ހައެއް ހަތަރެއް އަދި ހައެއް ތިނަކުންނެވެ. މިތައްޓާއެކު މިއަހަރު ޖޯކޮވިޗް ކާމިޔާބުކުރި ތަށީގެ އަދަދު މިވަނީ ހަޔަކަށް އަރާފައެވެ. މީގެ ތެރޭގައި ގްރޭން ސްލޭމް ތިން މުބާރާތާއި ސިންސިނާޓީ މާސްޓާސް މުބާރާތް ހިމެނެއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން އުމުރުން 36 އަހަރުގެ ޖޯކޮވިޗް ހާމަކުރިގޮތުގައި މި ހަފުތާގައި އޭނާއަށް ކުރިމަތިލާން ޖެހުނު ގޮންޖެހުންތަކާއެކުވެސް މި މުބާރާތް ކާމިޔާބު ކުރެވުމުން ވަރަށް ހިތްހަމަ ޖެހޭ ކަމަށެވެ. މި ސީޒަންގައި ޖޯކޮވިޗް ފެނިގެންދަނީ ހާޑް ކޯޓްގައި ވަރަށް މޮޅު ކުޅުމެއް ދައްކަމުންދާތަނެވެ. މިގޮތުން މިހާތަނަށް 33 މެޗް ކުޅުނު އިރު ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ.

މިއީ އޭނާ ވާދަކުރި 58 ވަނަ މާސްޓާސް ފައިނަލް މެޗެވެ. އަދި މިކާމިޔާބީއާއެކު ޖޯކޮވިޗް މިވަނީ މާސްޓާސް 40 މުބާރާތް ކާމިޔާބުކޮށްފައެވެ. ޖޯކޮވިޗްއަށް މި ސީޒަންގައި ދެން އޮތީ ސީޒަން ނިންމުމުގެ ގޮތުން ކުޅުމަށް ހަމަޖެހިފައިވާ އޭޓީޕީ ޓުއާ ފައިނަލްސްއެވެ. ފިރިހެން ކުޅުންތެރިންގެ ސީޒަން ނިންމާ މުބާރާތުގައި ކުޅޭ މިމުބާރާތް މިފަހަރު ކުލުމަށް ހަމަޖެހިފައިވަނީ އިޓަލީވިލާތުގެ ޓިއުރިންގައެވެ. މި މުބާރާތްވެސް ކާމިޔާބު ކުރާނެކަމަށް ގިނަ ބަޔަކު މިހާރު އެއްބަސް ވަނީ ޖޯކޮވިޗް އަށެވެ. އަދި އެއާއެކު މިސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިންގެ އެއްވަނައިގައި އޮންނާނީވެސް ޖޯކޮވިޗްކަމަށް ގިނަ ބަޔަކު ގަބޫލްކުރެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު