ގިނަ ފަންނާނުންނާ އެކު ބައިސްކޯފުން ފަލަސްތީނަށް އެހީވާން ހަރަކާތެއް ބާއްވައިފި

"ފަލަސްތީނާއެކު ފަންނާނުން" އިވެންޓްގެ ތެރެއިން --- ފޮޓޯ/ ބައިސްކޯފު

ބައިސްކޯފުން އިންތިޒާމް ކޮށްގެން ''ފަލަސްތީނާ އެކު ފަންނާނުން''ގެ ނަމުގައި ދިވެހި ރެޑް ކްރެސެންޓާ ގުޅިގެން ފަލަސްތީނަށް އެހީތެރިވުމަށް ޓަކައި އިވެންޓެއް ބާއްވައިފިއެވެ.

މި އިވެންޓް ކުރިއަށް ދިޔައީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު އޮލިމްޕަހުގައެވެ.

ގިނަ ފަންނާނުންތަކެއްގެ ހުނަރުވެރި ހުށަހެޅުންތަކެއް ދައްކައިލި މި އިވެންޓްގައި، ފަލަސްތީނާއި އިސްރާއިލްގެ ހަނގުރާމައާ ގުޅޭގޮތުން ގިނަ ފަރާތްތަކުން ވީޑީއޯ މެސެޖް ވެސް ދީފައިވެއެވެ.

ފަލަސްތީނާއި އިސްރާއިލްގެ މެދުގައި އޮންނަ ހަމަނުޖެހުމަކީ ވަރަށް ކުރިންސުރެ ވެސް އޮންނަ ހަމަނުޖެހުމެކެވެ. ބައިސްކޯފުގެ އާޓް ޑިރެކްޓާ ނޫރާ ރަޝީދު ވިދާޅުވި ގޮތުގައި މި ވީޑިއޯ މެސެޖްތަށް ދީފައިވަނީ އިސްރާއީލާއި ފަލަސްތީނުގެ ހަމަނުޖެހުން ދަންނަ ތާރީޚީ ބޭފުޅުންނެވެ.

މި ވީޑިއޯ މެސެޖްތަށް މި އިވެންޓު ތެރޭ ހިމަނާލައިފައިވަނީ މި ކަމާ ގުޅޭގޮތުން މީހުން ހޭލުންތެރިކޮށް އަޑުފެތުރުމުގެ މަޤްސަދުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

މި އިވެންޓާ ގުޅޭ ގޮތުން ބައިސްކޯފުން މައުލޫމާތު ދިން ގޮތުގައި ފަލަސްތީނަށް އެހީތެރިވުމަށް ފަންނާނުންނާ އެކު މި އިވެންޓް ކުރިއަށް ގެންދިޔަ ސަބަބަކީ ބައިސްކޯފަކީ ސްޓްރީމިން ޕްލެޓްފޯމެއް ކަމުން މުނިފޫހިފިލުވުމުގެ ދާއިރާގެ ތެރެއިން ފަންޑްރައިސް ކުރުމުގެ ގޮތުންނެވެ. މި އިވެންޓްގައި ބައިވެރިވި ހުރިހާ ފަންނާނުން ވެސް މި އިވެންޓްގައި ބައިވެރިވެފައި ވަނީ ހިލޭ ސާބާހަށެވެ.

މި އިވެންޓް ކުރިއަށް ދިޔައިރު ވެސް ފަލަސްތީނަށް އެހީވާން ފުރުސަތު ހުޅުވައިލެވިފައިވާ ކަމަށް ބައިސްކޯފުން ބުންޏެވެ. އެގޮތުން، މި މަހުގެ 12ވަނަ ދުވަހުގެ ނިޔަލަށް އެހީވުމުގެ ފުރުސަތު ވަނީ ހުޅުވައިލެވިފައެވެ.

"ފަލަސްތީނާ އެކު ފަންނާނުން" އިވެންޓްގައި ކުރެހުންތެރިއެއް ކުރަހަނީ -- ފޮޓޯ/ ބައިސްކޯފު

މި އިވެންޓްގެ ތެރެއިން، ކުރެހުންތެރިއެއްގެ ކުރަހުން ވެސް ލައިވްކޮށް ކުރިއަށް ދިޔައެވެ. ފަލަސްތީނުގެ ދިދައިގެ ކުލަތަށް އެކުލެވިގެންވާ މި ކުރެހުމުން ފަލަސްތީން ރަމްޒުކޮށްދެއެވެ. މި ކުރެހުން ވިއްކާލުމަށް ޓަކައި މިހާރު ވަނީ ބައިސްކޯފުގެ އިންްސްޓަގްރާމަށް ލާފައެވެ. އެގޮތުން، މި ކުރެހުން ވިއްކާލައިގެން ލިބޭ ހުރިހާ ރުފިޔާއެއް ވެސް ފަލަސްތީނަށް ހަދިޔާ ކުރަން ނިންމާފައިވާ ކަމަށް ބައިސްކޯފުން ބުންޏެވެ.

އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންގެންދާ ލާއިންސާނީ އަނިޔާގައި ހާލުގައިޖެހިފައިވާ ރައްޔިތުންނަށް ޚާއްސަކޮށް ބައިސްކޯފުން ވަނީ ލަވައެއް ވެސް އުފައްދާފައެވެ. މީގެ އިތުރުން ވެސް ފަލަސްތީނަށް އެހީ ވުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދެއެވެ. އެގޮތުން ފަންޑްރެއިޒިންސް ހަރަކާތްތަކާ، މިއުޒިކް ޝޯ ފަދަ ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.

comment ކޮމެންޓް