އެފްއޭއެމުން ދެވަނަ ޑިވިޝަން ފަސްކޮށްފި

އެފްއޭއެމް ސެކަންޑް ޑިވިޝަންގެ ފައިނަލުގައި ބުރު ސްޕޯޓްސް ކްލަބް އަދި ކްލަބް ޓީނޭޖް ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފައިލް ފޮޓޯ/ މުހައްމަދު ހައްޔާން

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން ބާއްވާ ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތް ފަސްކޮށްފިއެވެ.

އެފްއޭއެމުން ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތް ބޭއްވުމަށް ކުރިން ތާވަލުކޮށްފައިވަނީ މިމަހުގެ 20 ގައި ފަށާ ގޮތަށެވެ. އެއާއެކު ގިނަ ކްލަބުތަކަކުން މިހާރު ވަނީ އެ މުބާރާތުގެ ތައްޔާރީތައް ވެސް ފަށައި، ކުޅުންތެރިން ގެނައުމުގެ މަސައްކަތްތައް ފަށައިފައެވެ.

ނަމަވެސް އެފްއޭއެމްގެ ފޭސްބުކް ޕޭޖުގައި ކުރި ޕޯސްޓެއްގައި ބުނީ އެ މުބާރާތް ފަށާނީ އަންނަ މަހުގެ ދިހަވަނަ ދުވަހު ކަމަށެވެ. އެ މުބާރާތް ފަސްކުރީ ކަމެއް އެފްއޭއެމުން ބުނެފައެއް ނުވެއެވެ.

އެފްއޭއެމުން ވަނީ ދާދި ފަހުން ވަގުތީގޮތުން ދިވެހި ޕްރިމިއާ ލީގު ވެސް މެދުކަނޑާލައިފައެވެ. އެފްއޭއެމުން ލީގު މެދުކަނޑާލާފައިވަނީ ފައިސާގެ މައްސަލަތަކެއް ތަހުގީގުކުރުމަށް އެފްއޭއެމް ހައުސްއަށް ފުލުހުން ވަދެ، ބައެއް ސާމާނުތައް ގެންދިއުމާ ގުޅިގެން މުބާރާތްތައް ކުރިއަށް ނުގެންދެވޭނެ ކަމަށްބުނެ ނޫސްބަޔާނެއް ނެރުމަށްފަހުއެވެ.

މިދިޔަ މަހުގެ ތެރޭގައި އެފްއޭއެމްގެ ހައުސްއަށް ފުލުހުން ވަދެފައިވަނީ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުގެ އެދުމުގެ މަތިންނެވެ. ފުލުހުންގެ މައްޗަށް ޕީޖީން ކޮށްފައިވާ އަމުރުގައި ވަނީ، އެފްއޭއެމްއަށް އެކި ފަރާތްތަކުން ދޭ ފައިސާއަށް އެ އެސޯސިއޭޝަންގެ އިސްވެރިން ހިޔާނާތްތެރިވެ، އިތުރު ކުށުގެ އަމަލުތައް ހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ އެއްވެސް ހިސާބެއްގައި މަނީ ލޯންޑަރިންއާއި، ވައްކަމާއި، ޚިޔާނާތާއި، މަކަރާއި ޙީލަތުގެ ނުވަތަ އެ ނޫން ވެސް ޖިނާއީ ކުށެއްގެ މައްސަލައެއް ހިނގަމުންދާނަމަ، އެ ކަމެއް ތަހުގީގުކޮށްދެއްވައި، އެ މައްސަލައިގައި ދައުވާއެއް ކުރެވެން އޮތް ބައެއްގެ މައްޗަށް ދައުވާކުރުމަށް ފޮނުވުމަށެވެ.

އެފްއޭއެމްގެ ފައިސާއަށް އެ އިދާރާގެ އެއްވެސް ވެރިޔަކު އަދި މުވައްޒަފަކު ވެސް ހިޔާނާތްތެރިނުވާނެ ކަމަށްބުނެ، އެ އިދާރާ އިން މިދިޔަ މަހު ނެރުނު ބަޔާނުގައި ބުނީ އެފްއޭއެމް ހައުސް ބަލައި ފާސްކޮށް، ފުލުހުން ވަނީ ގިނަ އަދަދެއްގެ ލިޔެކިޔުމާއި ސާވާ ބެކަޕް އަދި ހާޑް ޑިސްކް ފަދަ އާލާތްތައް ގެންގޮސްފައި ކަމަށެވެ. އޭގެ ސަބަބުން އެ އިދާރާގައި ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތަކަށް ބުރޫއަރައި ހުއްޓުމަކަށް އައުމާ ގުޅިގެން ފުޓުބޯޅަ ލީގާއި، ރޭވިފައި ހުރި އެނޫންވެސް އެހެނިހެން މުބާރާތްތައް ކުރިއަށްގެންދިއުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް އެފްއޭއެމުން ބުނެފައިވެއެވެ.

comment ކޮމެންޓް