ކުޑަކުދިންގެ ކުއްލި ފަރުވާ ދަސްކޮށްދޭ، އޮސްޓްރޭލިއާގެ ކޯހެއް ދިވެހި ޑޮކްޓަރުންނަށް ބާއްވައިފި

ޕިޑިއޭޓްރިކް ލައިފް ސަޕޯޓް (އޭޕީއެލްއެސް) ކޯހުގެ ތެރެއިން -- ފޮޓޯ/ އޭޕީއެލްއެސް

އޮސްޓްރޭލިއާގެ އެޑްވާންސް ޕިޑިއޭޓްރިކް ލައިފް ސަޕޯޓް (އޭޕީއެލްއެސް) ކޯސް ދިވެހި 21 ޑޮކްޓަރުންނާއި ނަރުހުންނަށް ނަގައިދީފިއެވެ.

މި ކޯހަކީ ކުޑަކުދިންނަށް ދިމާވާ ސިއްހީ ކުއްލި ހާލަތްތަކުގައި ފުރާނަ ސަލާމަތް ކުރުމަށް ދަސްކޮށްދޭ ކޯހެކެވެ. މި ކޯސް ނަގައިދިނީ އޮސްޓްރޭލިއާގެ އޭޕީއެލްއެސްގެ ހަ ޑޮކްޓަރުންނާއި މި ކޯހުގެ ތަމްރީނު ލިބިފައިވާ ދިވެހި ހަތަރު ޑޮކްޓަރުންނެވެ.

މި ކޯހުގައި އައިޖީއެމްއެޗް، އޭޑީކޭ އަދި ކުޅުދުއްފުށީގެ ޑޮކްޓަރުންނާއި ނަރުހުން ބައިވެރިވިއެވެ.

އޭޕީއެލްއެސްއިން މިކޯސް ހިންގާފައިވަނީ ޔުނިސެފްއާއި ހެލްތު މިނިސްޓްރީއާ ގުޅިގެންނެވެ.

މި ކޯހަކީ ދެ ބަޔަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ ކޯހެެެކެވެ. އެއީ އޮންލައިންކޮށާއި ޕްރެކްޓިކަލް ކްލާސްތަކެއްގެ ގޮތުގައެވެ. އެގޮތުން ޕްރެކްޓިކަލް ކްލާސްތައް ކުރިއަށްގެންދިޔައީ އަންގާރަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް، ހުޅުމާލޭގައި ހުންނަ އޯޓިޒަމް ސެންޓަރުގައެވެ.

މި ކަމާ ގުޅޭ ގޮތުން "ސަން"އަށް މައުލޫމާތު ދެއްވަމުން މިކޯހުގެ ރާއްޖޭގެ ޑައިރެކްޓަރު، އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހިތުގެ ބަލިތަކަށް ޚާއްޞަ ޑރ. އައިޝަތު އެލީނާ ވިދާޅުވީ މި ކޯހުގައި ކޮންމެ ކަހަލަ އެމަޖެންސީ ހާލަތެއްގައި ވެސް ކުއްޖާގެ ބަލި ދެނެގަންނާނެ ގޮތާއި އެކަމަށް ބޭނުންކުރާނެ އުކުޅުތައް ކިޔައިދިން ކަމަށެވެ.

ޕީޑިއޭޓްރިކް ލައިފް ސަޕޯޓް (އޭޕީއެލްއެސް) ކޯހުގެ ތެރެއިން -- ފޮޓޯ/ އޭޕީއެލްއެސް

އެލީނާ ވިދާޅުވީ، އެފަދަ ހާލަތްތަކުގައި ލިބިފައިވާ ގެއްލުމަކަށް ވަގުތުން ފަރުވާ ދިނުމަށާއި ދެން އެކަހަލަ ހާލަތްތަކުގައި ކަން ކުރަން ވީ ގޮތްތައް މި ކޯހުގެ ސަބަބުން އެނގޭނެ ކަމަށެވެ. އަދި އޮސްޓްރޭލިއާގެ ހޮސްޕިޓަލުތަކުގައި ބޭނުންކުރާ ސިއްހީ އާލަތްތައް މި ކޯހުގެ ބައިވެރިންނަށް ތައާރަފު ކޮށްދިން ކަމަށް އޭނާ ވިދާޅުވިއެވެ.

ކޯސް ގެންދިޔަ ގޮތުގެ މައުލޫމާތު ދެއްވަމުން އޭޕީއެލްއެސްގެ ރާއްޖޭގެ ކޯޑިނޭޓަރު އަދި ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރު، ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ އޮންލައިން ކުލާސްތައް ކުރިއަށް ގެންދިޔައީ މޮޑިއުލްތަކަކަށް ބަހާލައިގެން 10-8 ގަޑިއިރުގެ ކްލާސްތަކެއްގެ ގޮތުގައި ކަމަށެވެ. އޭގެ ތެރެއިން ކޮންމެ ޓްރެއިނިންއެއް ނިމުމުން ވެސް ޓެސްޓެއް ދިން ކަމަށް ޝަފީއު ފާހަގަކުރެއްވިއެވެ.

ޕްރެކްޓިކަލް ކްލާސްތައް ކުރިއަށް ގެންދިޔައީ އޮންލައިން ޓްރެއިނިންތަކަށް ބިނާކޮށް، މެންބަރުންނަށް ދަސްވި ކަންތައްތައް އަމިއްލައަށް ކޮށްގެން ކަމަށް ޝަފީއު ވިދާޅުވިއެވެ.

މިއީ ރާއްޖޭގައި ކުރިއަށްގެންދިޔަ މިފަދަ ހަވަނަ ކޯހެވެ. ކޯހުގެ އެންމެ ފަހު ޕްރެކްޓިކަލް ކުލާހުގައިވަނީ ލައިވް ސިނާރިއޯއެއް ނުވަތަ ހަގީގަތާ އެއްގޮތް ހާދިސާއެއް ކުޅެފައިވެއެވެ.

އެލީނާ ވިދާޅުވީ އެ ސިނާރިއޯއަކީ އުފެދުމުގައި ހިތުގެ މައްސަލައެއް ހުރި ކުއްޖެއްގެ ސާޖަރީއެއް ހަދާފައިވަނިކޮށް، ކުއްޖާގެ ހިތުގެ ވިންދުގެ މައްސަލައެއް ދިމާވުމުން ވާނެ ގޮތަށް ބިނާކޮށްފައިވާ ހާދިސާއެއް ކަމަށެވެ.

ޕިޑިއޭޓްރިކް ލައިފް ސަޕޯޓް (އޭޕީއެލްއެސް) ކޯހުގެ ތެރެއިން -- ފޮޓޯ/ އޭޕީއެލްއެސް

"އެކަހަލަ ހާލަތްތަކުގައި ހިތް ޕަންޕެއް ނުކުރާނެ. އެ ވިންދު ޖެހޭނެ ނޯމަލް ސައިނަސް ރިދަމް ކިޔާ ގޮތަށް ރިވާސް ވާން. އެހެންނޫން ނަމަ އެކުއްޖެއްގެ ހަށިގަނޑަށް ލެއެއް ފޯރެއް ނުކޮށްދޭނެ. ދެން ކުއްޖާގެ ފުރާނައަށް ނުރައްކާ ވާނީ," އެލީނާ ވިދާޅުވިއެވެ.

އެލާނީ ވިދާޅުވީ ކޯހުގައި ބައިވެރިވި 21 މެންބަރުން ވެސް ފާސްވި ކަމަށެވެ. އަދި މި ކޯހުން ފާސްވުމުން، ހުރިހާ މެންބަރުންނަށް ވެސް ދުނިޔެ ގަބޫލުކުރާ ފެންވަރުގެ ސެޓްފިކެޓެއް ލިބޭނެ ކަމަށް އެލީނާގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

"ވަރަށް ސަކްސެސްފުލް ކޯހެއް މިއީ. ހުރިހާ މެންބަރުންވެސް ފާސް ރޭޓަކަށް އައި ފަހަރެއް،" އެލީނާ ވިދާޅުވިއެވެ.

ޕިޑިއޭޓްރިކް ލައިފް ސަޕޯޓް (އޭޕީއެލްއެސް) ކޯހުގެ ތެރެއިން -- ފޮޓޯ/ އޭޕީއެލްއެސް

މި ކޯސް ކުރިއަށް އޮތް ތަނުގައިވެސް ބާއްވާނެ ކަމަށް އުއްމީދު ކުރާ ކަމަށް އެލީނާ އާއި ޝަފީއު ވެސް ވިދާޅުވިއެވެ.

"ހޯޕަކީ ސަޕޯޓާއެކު މި ކޯސް މުސްތަގްބަލުގައި ކުރިއަށް ގެންދެވުން. ރާއްޖޭގައި ކުޑަކުދިންގެ ކަންތައްތަކުގައި އުޅޭ ޑޮކްޓަރުންނާއި ނަރުހުންނަށް މިކަމުގެ ޓްރެއިންނިން ފިއުޗާގައި ލިބުމަށް ވަރަށް އުންމީދު ކުރަން،" އެލީނާ ވިދާޅުވިއެވެ.

comment ކޮމެންޓް