ވާދޫން ފަލަސްތީނުގެ 1،000 މީހުންނަށް ބިން ދޫކުރަން އެދެނީ

ގދ. ވާދޫ-- ފޮޓޯ/ ފޭސްބުކް

ގދ. ވާދޫގެ ރައްޔިތުންގެ އެދުމުގެ މަތިން އެ ރަށު ކައުންސިލުން އިސްނަގައިގެން، ހާލުގައި ޖެހިފަ ތިބި ފަލަސްތީނުގެ 1،000 މީހަކަށް ބިން ދޫކުރުމަށް ސަރުކާރުގައި އެދުމުގެ މަޝްވަރާތައް ކުރަމުންދާ ކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ.

މިދިޔަ މަހުގެ ހަތް ވަނަ ދުވަހު ޔަހޫދީ އިޒްރޭލުން ފަލަސްތީނުގެ ޢައްޒާއަށް ދެމުންގެންދާ ލާއިންސާނީ އަނިޔާގައި އެތައް ބަޔަކު ޝަހީދުވެ އާއިލާތައް އަންނަނީ ނިކަމެތިވަމުންނެވެ.

'ސަން' އާ ވާހަކަދައްކަވަމުން ވާދޫ ކައުންސިލްގެ ރައީސް ހަސަން އަބްދުﷲ ވިދާޅުވީ، އާއިލާތައް ގެއްލި ނިކަމެތިވަމުންދާ ޢައްޒާގެ މުސްލިމުންނަށް ކުރިމަތިވަމުންދާ އެ ހާލަތަށް އެހީތެރިވުމަށް ވާދޫގެ ރައްޔިތުން އެދެމުންދާ ކަމަށެވެ. އެގޮތުން ރައްޔިތުން އެދެނީ އެ ރަށުން ބިން ދޫކޮށް ހާލުގަ ޖެހޭ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުން ކަމަށް ހަސަން ވިދާޅުވިއެވެ.

"އަޅުގަނޑުމެން ނިންމާފަ މިވަނީ ކުޑަކުދިން ހިމެނޭ ގޮތަށް 1،000 މީހުންނަށް ދިރިއުޅެވޭ ވަރަށް ބިން ދޫކުރުމަށް،" ހަސަން ވިދާޅުވިއެވެ.

"ބިމުގެ މައްސަލަ ދިމާވެގެން އުޅޭއިރު، އިސްލާމީ ގައުމަކުން އެ ފަރާތްތަކަށް ބިން ލިބެން ޖެހޭނެ ކަމަށް ވާދޫ ރައްޔިތުންނާ ކައުންސިލުން ވެސް ގަބޫލުކުރަނީ،"

ގދ ގާދޫ ---

ހަސަން ވިދާޅުވީ އިންޓަނޭޝަނަލް އެއިޑްސް ޖަމިއްޔާތަކާ ވެސް ގުޅިގެން ގާނޫނީ ހަމަތަކުގެ މަތިން އެކަން ކުރެވޭތޯ ކައުންސިލުން މަޝްވަރާކުރަމުންދާ ކަމަށެވެ.

މީގެ އިތުރުން އެ ރަށު ރައްޔިތުންގެ އެންމެ ބޮޑު ބޭނުމަކީ، އެ ރަށަށް ރާޅާ އެޅުމަށް ދާ އިޒްރޭލުގެ ޓޫރިސްޓުން އެ ރަށަށް ނޭރޭ ގޮތް ހެދުން ކަމަށް ހަސަން ވިދާޅުވިއެވެ. ކޮންމެވެސް ވަރަކަށް ލޯކަލް ޓޫރިޒަމްގެ ވިޔަފާރި ކުރަމުން އަންނަ ވާދޫއަށް އާންމު ގޮތެއްގައި ޓޫރިސްޓުން ދަނީ ރާޅާ އެޅުމަށެވެ. އެގޮތުން އިޒްރޭލުގެ ޓޫރިސްޓުން ރަށުގެ ރައްޔިތުންނަށް ޖެއްސުން ކުރުމުގެ ގޮތުން ވެސް އެކި ކަހަލަ ކަންކަން ކުރުމުންދާކަން ފާހަގަކުރެއްވިއެވެ.

ފަނަރަސަތޭކައެއްހާ މީހުންގެ އާބާދީއެއް އޮންނަ ވާދޫގައި ދިރިއުޅެނީ 600އެއްހާ މީހުންނެވެ. އެ ރަށު ކައުންސިލުން ބުނި ގޮތުގައި ކުރިއަށް އޮތް 50 އަހަރަށް ގޯތި ދޫކުރުމަށް ފަހު ވެސް ގޯތި ދޭނެ ޖާގަ އެ ރަށުގައި އެބައޮތެވެ. އެހެންކަމުން ރައްޔިތުން އެދޭ ގޮތަށް އެކަން ކުރުމަށް ކައުންސިލުން މަޝްވަރާކުރަމުންދާ ކަމަށް އެ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

އަދި އެ ކަމުގައި ސަރުކާރުގެ އެއްބާރުލުން ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށާއި އެކަމުގައި ސަރުކާރުން އެއްބާރުލުން ނުދީފި ނަަމަ އެއީ ވަރަށް "ދެރަވަރު" ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

ރާއްޖޭގެ ގިނަ ރަށްރަށުން މިހާރު ވެސް އަންނަނީ އިޒްރޭލު ޓޫރިސްޓުން އެތެރެކުރުން މަނާކުރުމަށް އެދެމުންނެވެ. އަދި ރާއްޖޭގައި އިޒްރޭލު ޕާސްޕޯޓު ބޭން ކުރުމަށް ވެސް އަންނަނީ ޕެޓިޝަންތަކުގައި ވެސް ސޮއިކުރަމުންނެވެ.

comment ކޮމެންޓް