ހިތަދޫ-ހުޅުމީދޫ ބްރިޖުގެ ސާވޭއަށް 30 މިލިއަން ރުފިޔާ

އައްޑޫ ސިޓީ ހިތަދޫ: --

އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް އައްޑޫ ސިޓީ ހިތަދޫއާއި ހުޅުމީދޫ ގުޅުވައިދޭ ބްރިޖުގެ މަސައްކަތް ފެށުމަށް ސާވޭ ހަދަން 30 މިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިފިއެވެ.

ބްރިޖަކުން ހިތަދޫ އާއި ހުޅުމީދޫ ގުޅާލުމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް 2018 ވަނަ އަހަރު އިންތިޚާބުތެރޭ އައްޑޫއަށް ވެވަޑައިގެންފައިވާ ވައުދުފުޅެކެވެ. ނިމިދިޔަ ރިޔާސީ އިންތިޚާބުގައި، ޕީއެންސީގެ ޓިކެޓުގައި ވާދަކުރެއްވި ޑރ، މުއިއްޒު ވެސް ވަނީ ހިތަދޫ އާއި ހުޅުމީދޫ ބްރިޖަކުން ގުޅާލަ ދޭނެކަމަށް ވައުދުވެ ވަޑައިގެންފައެވެ.

އެގޮތުން މުއިއްޒު ވިދާޅުވީ، ހުޅުމީދޫ ބްރިޖުގެ މަސައްކަތް އެންމެ ފުރަތަމަ އަހަރު ވެސް ފަށާނެ ކަމަށެވެ. އަދި މިއީ ނުކުރެވޭ ކަމެއް ކަމަށް ބައެއް މީހުން ބުނާ ބުނުން މުއިއްޒު ވަނީ ދޮގު ކުރައްވާފައެވެ.

އަންނަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓުގައި އެންމެ ބޮޑު ޕްރޮޖެކްޓަކަށް ވަނީ، ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއެވެ. އެ މަޝްރޫއަށް ބަޖެޓުކޮށްފައި ވަނީ 400 މިލިއަން ރުފިޔާއެވެ.

އަނަން އަހަރުގެ ބަޖެޓުގައި އައްޑޫއަށް ކޮށްދިނުމަށް ގިނަ ކަންތައްތަކެއް ކަނޑައަޅާފައި ވެއެވެ. އޭތެރޭގައި އެކި މަރުހަލާތަކުގައި ހިމެނޭ މަޝްރޫއުތައް ހިމެނެއެވެ.

comment ކޮމެންޓް