ފިލްމު 'ފައިޓާ'ގެ ރޯލަށް ހަށިގަނޑު ތައްޔާރުކުރުމުގައި އަނިލް އަވަދިނެތި ޖިމްގައި

ބޮލީވުޑް އެކްޓަރު އަނިލް ކަޕޫރު

ބޮލީވުޑްގެ މަގުބޫލު އެކްޓަރު އަނިލް ކަޕޫރަކީ ޢުމުރުން 66 އަހަރު ވެފައިވާ ފަރާތެއް ނަމަވެސް ޒުވާންކަން މަތީގައި ދެމިހުރުމަކީ ނުވާނެ ކަމެއް ނޫންކަން އަނިލް ވަނީ އެ ޢުމުރުގެ އެހެން ތަރިންނަށް ސާބިތުކޮށް ދީފައެވެ.

މި އަހަރުގެ ޑިސެމްބަރު މަހު ރިލީޒް ކުރުމަށް ތައްޔާރަށް އޮތް ފިލްމު "އެނިމަލް" އަނިލް ކަޕޫރު ފެންނަނީ ރަންބީރު ކަޕޫރުގެ ބައްޕަގެ ރޯލް އިންނެވެ. މި ރޯލަށް ތައްޔާރު ވުމަށް ހަށިގަނޑަށް ބޮޑު ބަދަލެއް ގެނައުމަށްފަހު އަނިލް މިހާރު އަވަދިނެތި އުޅެނީ ކުރިޔަށް އޮތް ފިލްމު "ފައިޓާ"ގެ ރޯލަށް ހަށިގަނޑަށް ބޮޑު ބަދަލެއް ގެނައުމަށެވެ.

ފިލްމު "ފައިޓާ"ގެ ރޯލަށް ތައްޔާރު ވުމުގެ ގޮތުން އަނިލް ކަޕޫރު ކަސްރަތު ކުރާ ހާއްސަ ކުލާހެއްގައި

ރިތިކް ރޯޝަން ލީޑް ރޯލް ކުޅޭ ފިލްމު "ފައިޓާ"ގައި އަނިލް ކުޅެން ހަމަޖެހިފައި ވަނީ ޢުމުރުން 45 އަހަރުގެ އެއާފޯސް އޮފިސަރެއްގެ ރޯލެވެ. ފިލްމު "ފައިޓާ"ގައި ހަށިގަނޑަށް ބޮޑު ބަދަލެއް ގެނެސް އެކަމަށް ތައްޔާރުވާން ފަށާފައި ވާކަން ހާމަކޮށް އަނިލް ވަނީ 'ސީރިއަސް ފިޒިކަލް ޓްރާންސްފޮމޭޝަން'ގެ ނަމުގައި އިންސްޓަގްރާމް ޕޯސްޓެއް ވެސް އާއްމުންނަށް ދޫކޮށްލާފައެވެ.

ފިލްމު "އެނިމަލް" އާއި "ފައިޓާ"ގެ ރޯލަށް ތައްޔާރުވުމުގެ ދަތުރަކީ އުނދަގޫ ދަތުރެއް ކަމަށާއި އެއާފޯސް ޔުނިފޯމަށް ހުރުމަތްތެރިކޮށް ހިތަން ބޭނުންވާ ކަމަށް އަނިލް ބުނެފައި ވެއެވެ. އެހެންވެ އެ ޔުނިފޯމަށް އިންސާފުވެރި ވެވޭނީ ހަށިގަނޑަށް ބޮޑު ބަދަލެއް ގެނެސްގެން ކަމަށް ދެކޭ ކަމުގައި އަނިލް ވަނީ ބުނެފައެވެ.

އަންނަ މަހު ރިލީޒް ކުރެވޭ އަނިލްގެ ފިލްމު "އެނިމަލް"ގެ ޕޯސްޓަރެއް

އަނިލް ކަޕޫރަކީ، މީގެ ކުރިން ވެސް އޭނާ ކުޅޭ ރޯލް ތަކަށް ފުރިހަމައަށް ތައްޔާރު ވުމުގައި އަބަދުވެސް ވަރަށް ފަރުވާތެރި ކަމާއެކު މަސައްކަތް ކުރާ އެކްޓަރެކެވެ. އަބަދުވެސް ހަށިގަނޑު ދުޅަހެޔޮ ކަންމަތީ ބެހެއްޓުމަށް އިސްކަންދޭ އެކްޓަރުގެ ފިލްމު "ފައިޓާ" ބެލުންތެރިންނާ ހަމައަށް އަންނާނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ ޖަނަވަރީ މަހުގެ 25ގައެވެ.

comment ކޮމެންޓް