''ކާމަން ވީކް'' އަންނަ ބުދަ ދުވަހު ފަށަނީ

"ކާމަން ވީކް" ބުދަ ދުވަހު ފަށަނީ _

ދުނިޔޭގެ ޖައްވީ ދާއިރާގެ އެކި ކަންކޮޅުތަކުގެ ލީޑަރުން ހިމެނޭ ބައިނަލްއަގުވާމީ ކާމަން ޕްރޮޖެކްޓުގެ ފްލެގްޝިޕް ކަމަށްވާ "ކާމަން ވީކް" އަންނަ ބުދަ ދުވަހު ފަށާނެ ކަމަށް މޯލްޑިވްސް ސްޕޭސް ރިސާޗް އޮގަނައިޒޭޝަން (އެމްއެސްއާރުއޯ) އިން މިއަދު ބުނެފިއެވެ.

ކާމަން ފެލޯސްގެ އިސް ބޭފުޅުންގެ ވަފުދެއް މި ހަރަކާތުގައި ބައިވެރިވުމަށް ރާއްޖެ އަންނަން ވަނީ ހަމަޖެހިފައެވެ.

މި ހަރަކާތް ކުރިއަށް ދާނީ އަންނަ ބުދަ ދުވަހުން ފެށިގެން އާދިއްތަ ދުވަހުގެ ނިޔަލަށެވެ. މި ހަރަކާތަކީ އެމްއެސްއާރުއޯ އާއި ސިކްސް ސެންސަސް ލާމު ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ.

ކާމަން ވީކްގެ އެންމެ މުހިންމު އިވެންޓަކީީ މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނާއި ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީއާ ގުޅިގެން ޖައްވީ ދާއިރާގެ ވަޒީފާތަކާ ބެހޭ ގޮތުން ބާއްވާ ޕަބްލިކް ޑިސްކަށަނެވެ.

މި މަޝްވަރާ ބައްދަލުވުން އޮންނާނީ އަންނަ ބުދަ ދުވަހުގެ ހެނދުނު 9:30 އިން 11:00އަށް ގައުމީ ޔުނިވާސިޓީގެ އޮޑިޓޯރިއަމްގައި، އެންމެންނަށް ބައިވެރިވެވޭ ގޮތަށެވެ.

އެ ޑިސްކަޝަނުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލެވިފައިވާއިރު، ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ލިންކެއް މެދުވެރިކޮށް ބައިވެރިވެވޭނެއެވެ.

ކޮންމެ އަހަރަކު ދުނިޔޭގެ ޖައްވީ ދާއިރާގައި އިސް މާހިރުން ބައިވެރިވާ ކާމަން ފެލޯޝިޕް ވީކްގެ އަމާޒަކީ، ސެޓެލައިޓް ޓެކްނޮލޮޖީގެ ބޭނުންހިފުމުގައި ބައިނަލްއަގުވާމީ އެއްބާރުލުން ދައްކުވައިދިނުމާއި، މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ގޮތުން ކުރެވޭ މަސައްކަތްތައް ޓެކްނޮލޮޖީގެ އެހީގައި އިތުރަށް ހަރުދަނާކުރުމެވެ.

ކާމަން ޕްރޮޖެކްޓްގެ މެނޭޖިން ޑިރެކްޓަރު ހަނާ އަޝްފޯޑް ވިދާޅުވީ، މި ހަރަކާތުގެ މަގްސަދަކީ ޖައްވީ ދާއިރާގެ މާހިރުންގެ ތަޖުރިބާއާއި ވަސީލަތްތައް ބޭނުން ކޮށްގެން ރާއްޖެ ބާރުވެރިކޮށް ރާއްޖެއަށް މަންފާ ހޯދައިދިނުން ކަމަށެވެ.

މި އަހަރުގެ ކާމަން ވީކްގައި ފުޅާ ދާއިރާއެއްގައި ވޯކްޝޮޕްތަކާއި، ބައިވެރިވެނިވި ހިޔާލުބަދަލުކުރާ ސެޝަންތަކާއި، ފީލްޑް ޓްރިޕްތަކާއި ލޯކަލް އައުޓްރީޗް އެންގޭޖްމަންޓްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާއިރު، އީޖާދީ ޚިޔާލުތަކާއި ތަފާތު މައުލޫމާތު ބަދަލުކުރެވޭ މާހައުލެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ޖައްވީ ހޯދުމާއި ދިރާސާކުރުމުގައި ރާއްޖެ ކުރިއަރުވާއި ދިވެހިންނަށް އާ ފުރުސަތުތައް ފަހިކޮށްދިނުން،" އެމްއެސްއާރުއޯގެ ރަައީސް މަދީން މަސީހު ވިދާޅުވިއެވެ.

ހަމައެއާއެކު، ރާއްޖޭގެ މޫސުމީ މޮނިޓަރިން ހަރުދަނާ ނިޒާމެއްގެ ގޮތުގައި ތަރައްގީ ކުރުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އެެމްއެސްއާރުއޯއިން ބުންޏެވެ.

comment ކޮމެންޓް