ކާމިޔާބު ކުއްޖަކަށްވުމަށް ޅަ އުމުރުގައި މަސައްކަތް ދަސްކުރުން މުހިންމު: ސިޔާމް

ދ. ބަނޑިދޫ ސްކޫލުގެ އިނާމު ދިނުމުގެ ޖަލްސާގައި ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު -- ސަން ފޮޓޯ

ކާމިޔާބު ކުއްޖަކަށް ވުމަށްޓަކައި ޅަ އުމުރުގައި މަސައްކަތުގެ ހުނަރު ދަސްކުރުމަކީ މުހިންމު ކަމެއް ކަމަށް ދ. މީދޫ ދާއިރާގެ މެންބަރު އަދި އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް މުޙައްމަދު މިރޭ ވިދާޅުވެއްޖެއެވެ.

ބަނޑިދޫ ސްކޫލުގެ އިނާމު ދިނުމުގެ ހަފުލާގައި ވާހަކަފުޅުދައްކަވަމުން ސިޔާމް ވިދާޅުވީ ކިޔަވަން ޖެހެނީ މަންމަގެ އުނގުން ފެށިގެން ކަށްވަޅަށް ދިއުމާ ހަމައަށް ކަމަށެވެ.

އެ ކަން އެހެން އޮތްއިރު، ތައުލީމާ އެކު ޅަ އުމުރުގައި މަސައްކަތެއް ދަސްކުރުމަކީ ވެސް މުހިންމު ކަމެއް ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ނަމަވެސް ރާއްޖޭގައި ތައުލީމީ ނިޒާމު ބައްޓަންވެފައި އޮންނަ ގޮތުން ޒަމާންވީ ސަގާފަތަކަށް ވެފައި އޮތީ ސްކޫލު މަރުހަލާގައި ހަމައެކަނި ފޮތުން ދަރިވަރުންނަށް އުނގަންނަައިދިނުން ކަމަށެވެ.

އެއީ، އެ ކަން އޮންނަންވީ ގޮތް ނޫންކަމަށާއި، ސްކޫލު ނިންމާއިރު އެ ކުއްޖަކަށް ސްކޫލު މާހައުލުން އަމަލީ ދާއިރާގެ މަސައްކަތެއް ދަސްވެގެން ނިކުތުމަކީ މުހިންމު ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ހަމައެކަނި ސްކޫލުން ކިޔަވާ އެއްޗިއްސަކީ ހުރިހާ މައިދާނެެއްގައި ބޭނުންކުރެވޭނެ އެއްޗެއް ނޫން.... މަސައްކަތް ކުރުން އަޅުގަނޑުމެންގެ ތެރޭގައެއް ނެތް،" ސިޔާމް ވިދާޅުވިއެވެ.

ސިޔާމް ވިދާޅުވީ ޅަ އުމުރުގައި މަސައްކަތްކުރުމަކީ ކުއްޖެއްގެ މުސްތަގްބަލު އުޖާލާކުރުމަށް ޓަކައި ކުރުން މުހިންމު ކަމެއް ކަމަށެވެ. އަދި، ކުދިންނަށް އެ ފަދަ ކަންކަމުގައި އެހީތެރިވުމަށް ޓަކައި ވެސް ބެލެނިވެރިންގެ ކިބައިން ސިޔާމް އެދިލެއްވިއެވެ.

ދ. ބަނޑިދޫ ސްކޫލުގެ އިނާމު ދިނުމުގެ ޖަލްސާގައި މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު -- ސަން ފޮޓޯ

އެއާއެކު އެ މަނިކުފާނުވަނީ އެ މަނިކުފާނުގެ އަމިއްލަ ތަޖުރިބާއިން އެކަމުގެ މިސާލެއް ހިއްސާކުރައްވައިފައެވެ.

"އުމުރުން 12 އަހަރު އަޅުގަނޑު މައިންބަފައިން ކައިރީ ބުނެފިން އަޅުގަނޑު ބޭނުމެއް ނޫނޭ މައިންބަފައިންގެ ފަރާތުން ފައިސާއެއް އެހީތެރިކަމެއް. އަޅުގަނޑު ބޭނުންވަނީ އަޅުގަނޑު އަމިއްލައަށް މަސައްކަތްކޮށްގެން ލާރި ހޯދާށޭ. ބައްޕަ ވިދާޅުވީ ކިހިނެއްހޭ ދަރިފުޅު ތިކަން ކުރާނީ. ކިހިނެއްހޭ ފައިސާ ހޯދާނީ ތިހާ ކުޑަކުއްޖެއް،" އެ މަނިކުފާނު ވިދާޅުވިއެވެ.

އެ ދުވަހު ވަޒީފާއެއް ލިބޭނެ ގޮތަކާމެދު އެ މަނިކުފާނުގެ ބައްޕަ ސުވާލު އުފެެއްދި ނަމަވެސް ވަޒީފާއަކީ އެ މަސައްކަތަކަށް ޝައުގުވެރިކަން ފާޅުކޮށް އެ ކަމާ އުޅުމުން ހާސިލްވާނެ ކަމެއްކަމަށް މިއަދު ސާބިތުކޮށްދެވިފައިވާ ކަމަށް މިއަދު ސަން ޓްރެވަލްސް ކުންފުނީގެ ދަށުން ކާމިޔާބު ވިޔަފާރިއެއް ކުރައްވަމުން އަންނަ ސިޔާމް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އެ މަނިކުފާނު ވިދާޅުވީ ގަދައަޅައި މަސައްކަތްކުރާ ކުދިންނަށް ކާމިޔާބީ ހައްގު ކަމަށެވެ.

"މަސައްކަތްކުރާ ކުއްޖެއްގެ ހައްގެއް ކާމިޔާބީއަކީ. އެއްވެސް ކަމެއް ނުކޮށެއް ކާމިޔާބެއް ނުވާނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.

އަދި، ކާމިޔާބުގެ ބޮޑު ބަޔަކީ އަޚްލާގުކަމަށާއި އަޚްލާގު ނެތްނަމަ ތައުލީމުން ލިބޭނެ ކާމިޔާބެއް ނޯންނާނެކަމަށް ފާހަގަކުރެއްވިއެވެ.

މި ހަފްލާގައި ސިޔާމް ވަނީ ބަނޑިދޫގެ ދަރިވަރުންނާއި، ޓީޗަރުންގެ ފަރާތުން އެ މަނިކުފާނަށް ކީ މަރުހަބާއަށް ޝުކުރު އަދައިކުރައްވައިފައެވެ.

comment ކޮމެންޓް