ޕްރިމިއާ ލީގަށް އެންމެ ވާދަކުރާނެ އެއް ޓީމަކީ ޓޮޓެންހަމް: ވެންގާ

ޓޮޓެންހަމް ހޮޓްސްޕާ އިން ކުޅުނު މެޗެއްގައި ގޯލު ޖެހުމަށްފަހު، އެޓީމުގެ ކުޅުންތެރިން އުފާފާޅުކުރަނީ -- ފޮޓޯ/ ގެޓީ

މިސީޒަނުގައި އިނގިރޭސި ޕްރިމިއާ ލީގަށް އެންމެ ވާދަކުރާ ޓީމުތަކުގެ ތެރޭގައި ޓޮޓެންހަމް ހޮޓްސްޕާ ހިމެނޭނެ ކަމަށް އާސެނަލްގެ ކުރީގެ ކޯޗު އާސެން ވެންގާ ބުނެފިއެވެ.

މިދިޔަ ސީޒަނުގައި ލީގުގެ އަށް ވަނައިގައި ޓޮޓެންހަމް ނިންމާލި އިރު، އެންމެ މުހިންމު ފޯވަޑް ހެރީ ކޭން ވެސް އެ ކްލަބު ދޫކޮށްލިއެވެ. ނަމަވެސް އަންގޭ ޕޮސްޓެކޮގްލޫގެ އިރުޝާދުގެ ދަށުން މިސީޒަނުގައި ޓޮޓެންހަމް ފެންނަނީ އެޓޭކިން ކުޅުމަކާއެކު ރަނގަޅު ނަތީޖާތަކެއް ނެރެމުންދާ ތަނެވެ.

ޓޮޓެންހަމުން އެންމެ ފާހަގަކޮށްލެވެނީ މިސީޒަނަށް އެ ކްލަބަށް ގެނައި އިނގިރޭސި މިޑްފީލްޑަރު ޖޭމްސް މެޑިސަން އާއި ނެދަލެންޑްސް ޑިފެންޑަރު މިކީ ވެން ޑެ ވެންގެ ކުޅުމެވެ. އެ ކުޅުންތެރިންގެ ކުޅުމަށް ވެންގާ ވެސް ވަނީ ތައުރީފުކޮށްފައެވެ.

"އަހަރެން ގަބޫލުކުރަނީ މިސީޒަނުގައި ޕްރިމިއާ ލީގަށް އެންމެ ވާދަކުރާނެ އެއް ޓީމަކީ ޓޮޓެންހަމް ކަމަށް. މިޑްފީލްޑްގައި މެޑިސަން އެ ދަނީ ވަރަށް ރަނގަޅު ކުޅުމެއް ދައްކަމުން. އަދި އެޓީމުން ގެނައި ވެން ޑެ ވެންގެ ކުޅުން ވެސް މޮޅު،" ވެންގާ ބުންޏެވެ.

ވެންގާ ބުނީ ޓޮޓެންހަމްގެ އިތުރުން އާސެނަލާއި ލިވަޕޫލް ވެސް ވަރަށް ބޮޑަށް ވާދަކުރާނެ ކަމަށާއި އެ ޓީމުތައް ލީގުގެ ގަދަ ހަތަރެއްގައި ނިންމާލާނެ ކަމަށް ބެލެވޭ ކަމަށެވެ.

ޕްރިމިއާ ލީގުގެ ތާވަލުގައި ޓޮޓެންހަމް އެއްވަަނައިގައި އޮތީ ކުޅުނު ދިހަ މެޗުން ހޯދި 26 ޕޮއިންޓާއެކުއެވެ. ޓޮޓެންހަމް އާއި ދެވަނައިގައި އޮތް އާސެނަލާ ދެމެދު ދެ ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.

comment ކޮމެންޓް