ރާއްޖޭގެ ބޭންކްތަކުން ކަސްޓަމަރުންނަށް ކޭޝް ކާޑު ދޫކުރަން ފެށި ފަހުން މިހާތަނަށް 1.2 މިލިއަން ކާޑު ދޫކޮށްފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ރާއްޖޭގެ ބޭންކަކުން ޑެބިޓް ކާޑު އެންމެ ފުރަތަމަ ތައާރަފު ކުރީ 2000 ވަނަ އަހަރުއެވެ. އަދި ކްރެޑިޓް ކާޑު ތައާރަފްކޮށްފައި ވަނީ 2004 ވަނަ އަހަރުއެވެ.
އޭގެ ފަހުން މިދިޔަ އަހަރުގެ ނިޔަލަށް 1.2 މިލިއަން ކާޑު ވަނީ ދޫކޮށްފައެވެ.
މަރުކަޒީ ބޭންކުން ބުނި ގޮތުގައި އޭގެ ތެރެއިން 74 ޕަސެންޓު ކާޑުތަކަކީ އަދިވެސް އެކްޓިވް ކާޑުތަކެވެ. މީގެ ތެރެއިން ހަ ޕަސެންޓަކީ ޑެބިޓް ކާޑެވެ. އަދި 36 ޕަސެންޓަކީ ޕްރިޕެއިޑް ކާޑެވެ. އަދި ބާކީ ހަތަރު ޕަސެންޓަކީ ކްރެޑިޓް ކާޑެވެ.
ޑެބިޓް ކާޑުގެ ތެރެއިން:
- ވިސާ ކާޑު - 48 ޕަސެންޓު
- މާސްޓާ ކާޑު - 24 ޕަސެންޓު
- އެމެރިކަން އެކްސްޕްރެސް (އެމެކްސް) - 22 ޕަސެންޓު
ކްރެޑިޓް ކާޑުގެ ތެރެއިން:
- ވިސާ ކާޑު - 64 ޕަސެންޓު
- އެމެރިކަން އެކްސްޕްރެސް (އެމެކްސް) - 28 ޕަސެންޓު
- މާސްޓާ ކާޑު - 8 ޕަސެންޓު
ޕްރީޕެއިޑް ކާޑުތަކަށް ބަލާއިރު މާސްޓާކާޑަކީ އެންމެ މަގުބޫލު ކާޑެވެ. އެގޮތުން ބޭންކްތަކުން ދޫކުރާ ޕްރިޕެއިޑް ކާޑުގެ 99 ޕަސެންޓަކީ މާސްޓަކާޑެވެ.
މިދިޔަ އަހަރު އެކަނި ވެސް ބޭންކުތަކުން ވަނީ 750 ޑެބިޓް ކާޑު ދޫކޮށްފައެވެ. އޭގެ ތެރެއިން 64 ޕަސެންޓަކީ އެކްޓިވް ނުވަތަ ބޭނުން ކުރަމުން އަންނަ ކާޑުތަކެވެ.
މަރުކަޒީ ބޭންކުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެއް އަހަރުން އަނެއް އަހަރަށް ކާޑުގެ މުއާމަލާތްތައް އަންނަނީ އިތުރުވަމުންނެވެ.
އެގޮތުން މިދިޔަ އަހަރު ކާޑުތަކުން 45.7 މިލިއަން ޓްރާންސެކްޝަން ކޮށްފައިވެއެވެ. އެއީ 17.9 ބިލިއަނެއްހާ ރުފިޔާގެ މުއާމަލާތެވެ. އޭގެ ތެރެއިން 17 ބިލިއަން ރުފިޔާގެ ޓްރާންސެކްޝަން ހިންގީ ޑެބިޓް ކާޑުތަކުންނެވެ. ބާކީ އެއް ބިލިއަން ރުފިޔާގެ މުއާމަލާތް މިދިޔަ އަހަރު ހިންގީ ކްރެޑިޓް ކާޑުތަކުންނެވެ. އޭގެ ކުރީ އަހަރު (2021 ވަނަ އަހަރު) ކާޑު ބޭނުންކޮށްގެން 39 ޓްރާންސެކްޝަނުން 16 ބިލިއަން ރުފިޔާގެ މުއާމަލާތް ހިންގާފައިވެއެވެ.
މިދިޔަ އަހަރު ނިމުނު އިރު ރާއްޖޭގައި ޖުމްލަ 182 އޭޓީއެމް ވަނީ އޮޕަރޭޓް ކޮށްފައެވެ. މީގެ ތެރެއިން 42 ޕަސެންޓް އޭޓީއެމް މާލެ ސަރަހައްދުގައި ހުރިއިރު ބާކީ 58 އިންސައްތަ އޭޓީއެމް ހުންނަނީ އަތޮޅުތެރޭ ރަށްތަކުގައެވެ.
އެމްއެމްއޭއިން ބުނި ގޮތުގައި ރާއްޖޭގެ އާބާދީގެ ކޮންމެ ލައްކައަކަށް 3،000 ޕީއޯއެސް ޓާމިނަލް ހުރިއިރު، މިދިޔަ އަހަރުގެ ނިޔަލަށް ރާއްޖޭގައި 8،700 އަށްވުރެ ގިނަ ޕީއޯއެސް ޓާމިނަލްތައް ހިންގަމުން ދިޔައެވެ.
ކާޑުތަކުގެ މުއާމަލާތްތަކުގެ 85 ޕަސެންޓަކީ ޕީއޯއެސް ނުވަތަ ކާޑު މެޝިނުން ހިންގި މުއާމަލާތްތަކަށް ވީއިރު ބާކީ 15 ޕަސެންޓު ކާޑު މުއާމަލާތް ހިންގީ އޮންލައިންކޮށެވެ.