ފުރުސަތުގެ ބޭނުންހިފާ، އަދަބީ ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް އެދެފި

ހުތްޢަލިދީދީގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ ޅެން ހެދުމުގެ 26 ވަނަ ޤައުމީ މުބާރާތާ ގުޅުވައިގެން، ޅެން ހެދުމާއި ބަނދި ހެދުމަށް ދަރިވަރުން ތަމްރީނު ކުރުމުގެ ސެޝަންތަކެއް ދިވެހި ބަހުގެ އެކެޑަމީން ފަށައިފައި ވާއިރު، ފުރުސަތުގެ ބޭނުންހިފާ މި ސެޝަންތަކުގައި ބައިވެރި ވުމަށް އަލްއުސްތާޛު އާދަމް ޒާހިރު އެދިލައްވައިފިއެވެ.

މި ސެޝަންތަކުގައި ކިޔަވައި ދެއްވާ އާދަމް ޒާހިރު ވިދާޅުވީ، ސެޝަންތަކުގައި ފުރިހަމަ ޅެމެއް ހަދާނެ ގޮތް ކުދިންނަށް ކިޔައިދެއްވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ، މި ސެޝަންގެ މަގުސަދަކީ ކުރިއަށް އޮތް ޅެން ހެދުމުގެ ގައުމީ މުބާރާތުގައި ބައިވެރިވާ ދަރިވަރުންނަށް ފުރިހަމަ ޅެމެއް ހަދާނެ ގޮތް ކައިދިނުން ކަމަށެވެ.

"ހަމަ އެގޮތަށް ބަންޖާ ބެހޭ މައުލޫމާތު ވެސް ދޭނެ. އެކަމު އެއީ މި ހަފުތާއަކު ނޫން. މި ކުލާހާ ބެހޭ އެހެން ބައެއްގައި ބަންޖާ ގުޅޭ މައުލޫމާތު ފޯރުކޮށްދޭނީ،" އޭނާ ވިދާޅުވިއެވެ.

އާދަމް ޒާހިރު ވިދާޅުވީ، ޅެމާމެދު ކިތަންމެ ޝައުގުވެރިކަމެއް އޮތް ނަމަވެސް ރަށްރަށުގައި ކިޔަވާ ދަރިވަރުން ގިނައިން ތިބެނީ މިފަދަ ސެޝަންތަކުން ބާކީވެފައި ކަމަށެވެ. އެހެންކަމުން، އެކެޑަމީން އިސްނަގައިގެން މި ސެޝަންތައް މުޅި ރާއްޖެއަށް ހުޅުވައިލާ، އޮންލައިންކޮށް ބައިވެރިވުމުގެ ފުރުސަތު ދަރިވަރުންނަށް ހޯދައިދިނުމަކީ ވަރަށް އުފާކުރާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ދިވެހި ބަހުގެ އެކަޑަމީން ބާއްވާ ޅެންވެރިކަން ދަސްކޮށްދިނުމުގެ ސެޝަންތަކުގެ ތެރެއިން--

"އެކުދިންނަށް ވެސް މި ބައިވެރިވެވެނީ އޮންނަ ގައުމީ އަދަބީ މުބާރާތެއްގެ ތަމްރީނު ހަރަކާތްތަކެއްގައި،" އޭނާ ވިދާޅުވިއެވެ.

އޭނާ ފާހަގަކުރެއްވިގޮތުގައި އަދަބީ ކަންކަމަށް ޝައުގުވެރިކަން ހުންނަ ދަރިވަރުންނަށް ޚާއްސަކޮށް ދައުލަތުގެ މުއައްސަސާތަކުން މިފަދަ ސެޝަންތައް ކުރިއަށް ގެންދިޔަ ނަމަވެސް ގިނަ ފަހަރަށް އެ ސެޝަންތަކަށް މާބޮޑު ތަރުހީބެއް ނުލިބެއެވެ.

އެހެންކަމުން މިފަދަ މުހިންމު ފުރުސަތުތަކުގެ ބޭނުން ހިފުމަށް އާދަމް ޒާހިރު ވަނީ އެދިލައްވާފައެވެ.

މި ސެޝަންގައި ބައިވެރިވި ދަރިވަރެއް "ސަން"އާ ވާހަކަ ދައްކަމުން ބުނީ، މިއަދު ހެނދުނު ސެޝަން ފެށިއިރު ޅެން ހެދުމާ ބެހޭގޮތުން މާބޮޑު އެއްޗެއް ނޭންގޭ ކަމަށެވެ. ނަމަވެސް، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވަރަށް ގިނަ އެއްޗެހި މިހާރު އެނގިފައި ވާހަކަމަށް އެ ދަރިވަރު ބުންޏެވެ.

އެ ދަރިވަރު ބުނިގޮތުގައި އެ ކުދިންގެ ތެރެއިން ޅެމެއްގެ ބައިތެއް ވެސް ހަދަން އެނގެނީ ވަރަށް މަދު ކުދިންނަށެވެ. އެހެންކަމުން ނެތެމުންދާ މިފަދަ ކަންކަން ދިރުވުމަށް މިފަދަ ސެޝަންތައް މުޅި ރާއްޖެއަށް ހުޅުވާލައިގެން ގެންދިއުމަކީ މުހިންމު ކަމެއްކަމަށް އެ ދަރިވަރު ބުންޏެވެ.

ދިވެހި ބަހުގެ އެކެޑަމީން ބުނީ މި ސެޝަންތައް ކުރިއަށް ގެންދާނީ ތިން ދަންފަޅިއަކަށް ކަމަށެވެ. އެއީ މިއަދު ހެނދުނު 8:00 އިން 11:00 އަށް، މެންދުރު 13:00 އިން 15:00 އަށް އަދި ރޭގަނޑު 8:00 އިން ފެށިގެން 10:00 އަށެވެ.

އެކެޑަމީން ބުނީ މި ސެޝަންތަކުުގައި، 76 ސްކޫލަކުންނާއި އަމިއްލަ 17 ފަރާތަކުން ބައިވެރިވެފައިވާކަމަށެވެ. ކުރިއަށް ހުރި ސެޝަންތަކުގައި ބަނދިހެދުމާ ގުޅޭ ގޮތުން މައުލޫމާތުދިނުން އޮންނާނެކަމަށް ވެސް އެ އެކެޑަމީން ވަނީ ބުނެފައެވެ.

ދާދި ފަހަކުން ދިވެހި ބަހުގެ އެކެޑަމީން ވަނީ ވާހަކަދެއްކުމުގެ ގައުމީ މުބާރާތަށްވެސް ކުދިން ތައްޔާރު ކުރުމުގެ ގޮތުން ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް އޮންލައިންކޮށް މިފަދަ ސެޝަންތަކެއް ނަގައިދީފައެވެ.

comment ކޮމެންޓް