އަމާޒަކީ ސާޅިސް ދުވަހުން 'ސައިކޯ' ނިންމާލުން: މޯހިތު ސޫރީ

ޑައިރެކްޓަރު ރޯހިތު ޝެޓީ، މޯހިތު ސޫރީ އަދި އެކްޓަރު އަކްޝޭ ކުމާރު


ބޮލީވުޑްގެ ހުނަރުހުރި ދެ ޑައިރެކްޓަރުން ކަމަށްވާ ރޯހިތު ޝެޓީއާއި މޯހިތު ސޫރީ ގުޅިގެން "ސައިކޯ"ގެ ނަމުގައި ފިލްމެއް އުފައްދަން ނިންމައިފިއެވެ.

އަކްޝޭ ކުމާރު ލީޑް ރޯލް ކުޅޭ މި ފިލްމަކީ، މިހާތަނަށް ބެލުންތެރިންނަށް އަކްޝޭ ފެނިފައި ނުވާނެ ކަހަލަ ކެރެކްޓާ އަކުން އެކްޓަރު ފެންނާނެ ފިލްމެއް ކަމަށް މޯހިތު ސޫރީ ވަނީ ބުނެފައެވެ.

އަކްޝޭ ކުމާރު ސައިކޯ ކެރެކްޓާ އަކުން ފެންނާނެ ފިލްމު "ސައިކޯ" އެކްޓަރުގެ ކެރިއަރުގައި ކުޅުނު "ކިލާޅީ" ސީރީސްގެ ފިލްމުތަކުން ފެނުނު ކެރެކްޓާއާ ގުޅުވާލާނެ ކަމަށް މޯހިތު ސޫރީ ވަނީ ބުނެފައެވެ.

ރޯހިތު ޝެޓީގެ އަމިއްލަ ފިލްމު ކުންފުނީގެ ނަމުން އުފައްދާ މި ފިލްމަކީ ރޯހިތުގެ ބެލުމުގެ ދަށުން އުފައްދާ ފިލްމަކަށް ވިޔަސް މި ފަހަރު ޑައިރެކްޓަރެއްގެ ދައުރު އޭނާ ނުކުޅޭނެއެވެ.

އަންނަ އަހަރު ފިލްމުގެ މަސައްކަތް ފަށަން ތައްޔާރު ވަމުން އަންނައިރު ޕްރޮޑަކްޝަން ޓީމުގެ އަމާޒަކީ ޖުމްލަ ސާޅީސް ދުވަހުން ފިލްމުގެ ޝެޑިއުލް އެއްކޮށް ނިންމާލުމެވެ. ޕްރޮޑަކްޝަން ޓީމާ ގުޅުން ހުރި ފަރާތަކުން މީޑިއާގައި ބުނީ އަކްޝޭ ކުމާރަކީ، މަސައްކަތަށް ވަރަށް ފަރުވާތެރި ގަޑިއަށް ފިލްމުގެ ސީންތައް ނިންމާލާ އެކްޓަރެއް ކަމުން ސާޅީސް ދުވަހުން މި ފިލްމުގެ ޝެޑިއުލް ނިންމާލެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށެވެ.

އަކްޝޭ ކުމާރު އަދި ޕަރިނީތީ ޗޯޕްރާ ފިލްމު "މިޝަން ރާނީގަންޖު"ގެ މަންޒަރެއްގައި

މި މަހު ކުރީކޮޅު ފިލްމު "މިޝަން ރާނީގަންޖު" އިން ފެނުނު އެކްޓަރު ވަނީ ދާދިފަހުން ރޯހިތުގެ ފިލްމު "ސިންގްހަމް އަގައިން" އަށް ފަސް ދުވަހުގެ ކެމޯ ސީން ތަކެއްވެސް ނިންމާދީފައެވެ. ކުރިޔަށް އޮތް އަހަރަކީ އަކްޝޭ ކުމާރު ވަރަށް ގިނަ ފިލްމީ މަސައްކަތް ތަކުގައި އަވަދިނެތި އުޅޭނެ އަހަރެކެވެ. އަންނަ އަހަރު އެކްޓަރު މަސައްކަތް ކުރާނެ ފިލްމުތަކުގެ ތެރޭ "ބަޅޭ މިޔާން ޗޯޓޭ މިޔާން"، "ސްކައި ފޯސް"، "ޝަންކާރާ" އަދި ޑައިރެކްޓަރު މުދައްސަރު އަޒިޒްގެ ފިލްމު "ކޭލް ކޭލް މޭން" ހިމެނެއެވެ.

comment ކޮމެންޓް