ޕާކިސްތާނު ހައި ކޮމިޝަނުން "ކަޝްމީރު ބްލެކް ޑޭ" ފާހަގަކޮށްފި

ޕާކިސްތާނު ހައި ކޮމިޝަނުން "ކަޝްމީރު ބްލެކް ޑޭ" ފާހަގަކުރުމުގެ ތެރެއިން -- ފޮޓޯ/ ޕާކިސްތާނު ހައި ކޮމިޝަން

ރާއްޖޭގައި ހުންނަ ޕާކިސްތާން ހައި ކޮމިޝަނުން "ކަޝްމީރު ބްލެކް ޑޭ" މިއަދު ފާހަގަކޮށްފިއެވެ.

މި ދުވަހަކީ، އިންޑިއާއިން 1947 ގައި ޖައްމޫ އެންޑް ކަޝްމީރު އެ ގައުމުގެ ބާރުގެ ދަށަށް ގެންދިޔަ ގެންދިޔުން ކުށްވެރިކުރުމުގެ ގޮތުން ފާހަގަކުރާ ދުވަހެކެވެ.

ޖައްމޫ އެންޑް ކަޝްމީރުގެ ރައްޔިތުންނަށް އެ ސަރަހައްދުގެ ވެރިކަމާ ބެހޭ ގޮތުން އަމިއްލައަށް ގޮތް ނިންމުމުގެ ބާރު ދިނުމަށް ގޮވާލައި އެ ސަރަހައްދުގެ ރައްޔިތުން ކުރަމުންދާ މަސައްކަތުގައި ކަޝްމީރުގެ ރައްޔިތުންނާ އެކު ތިބިކަން ހާމަކޮށް، ކޮންމެ އަހަރެއްގެ އޮކްޓޯބަރު 27 ގައި ކަޝްމީރު ބްލެކް ޑޭ ފާހަގަކުރާ މިއީ 76 ވަނަ އަހަރެވެ.

މި ދުވަސް ޕާކިސްތާނު ސަރުކާރުން މިއަދު ފާހަގަކޮށްފައިވާއިރު، އެ ކޮމިޝަނުން ވަނީ ކަޝްމީރުގެ ރައްޔިތުން އަމިއްލަ އިޚްތިޔާރުގެ ހައްގު ހޯދުމަށް ކުރަމުންދާ މަސައްކަތުގައި އެ ގައުމުން ތިބީ އެ މީހުންނާ އެކުކަން ހާމަކޮށްފައެވެ.

ކަޝްމީރު ބްލެކް ޑޭ ފާހަގަކުރުމުގެ ގޮތުން ހުޅުމާލޭގައި ހުންނަ ޕާކިސްތާން ހައިކޮމިޝަންގައި ބޭއްވި މި ހަރަކާތުގައި މާލޭގައި ދިރިއުޅޭ ޕާކިސްތާނުގެ ރައްޔިތުންނާއި، ދިވެހި އިލްމުވެރިންނާއި، ދަރިވަރުންގެ އިތުރުން ނޫސްވެރިން ވެސް ވަނީ ބައިވެރިވެފައެވެ.

ޕާކިސްތާނު ހައި ކޮމިޝަނުން "ކަޝްމީރު ބްލެކް ޑޭ" ފާހަގަކުރުމުގެ ތެރެއިން -- ފޮޓޯ/ ޕާކިސްތާނު ހައި ކޮމިޝަން

ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވައިސް އެޑްމިރަލް މުހައްމަދު ފައްޔާޒު ގިލާނީ ވިދާޅުވީ 1947 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހު އިންޑިއާއިން ގަވައިދާ ހިލާފަށް ކަޝްމީރަށް ވެރިވެގަތުމުގެ ސަބަބުން ކަޝްމީރުގެ އަމިއްލަ މިނިވަންކަން ކަނޑައެޅުމުގެ ގާނޫނީ ހަމަތަކަށް ހުރަސް އެޅިފައިވާ ކަމަށެވެ.

"ވޭތުވެދިޔަ 76 އަހަރުގެ ތެރޭގައި އިންޑިއާއިން ވަނީ ކަޝްމީރުގެ ރައްޔިތުންނަށް އަދާކުރަންޖެހޭ ވާޖިބުތައް ދޫކޮށްލުމުގެ އިތުރުން ޔޫއެންއެސްސީގެ ގަރާރުތަކަށް ފުރަގަސްދީ މަލްޓިލޭޓަރަލިޒަމްއަށް އިހުމާލުވެފައިވާކަން ވެސް ދައްކާފައި،" އޭނާ ވިދާޅުވިއެވެ.

ކަޝްމީރުގެ ރައްޔިތުންނަށް މި ދިގު މުއްދަތުގެ ތެރޭގައި ނިމުމެއް ނެތް އަނިޔާތަކެއް ލިބިފައިވާކަން ފާހަގަކުރައްވައި ހައިކޮމިޝަނަރު ގިލާނީ ވަނީ، އެ ކަން ކުށްވެރިކުރައްވައިފައެވެ. އަދި ކަޝްމީރުގެ ރައްޔިތުން އަމިއްލަ އިޚްތިޔާރުގެ ހައްގު ހޯދުމަށް ކުރަމުންދާ މަސައްކަތުގައި ކަޝްމީރުގެ ރައްޔިތުން ކުރަމުންދާ ނަމޫނާ ހިތްވަރުގެ އަގު ވަޒަންކުރެއްވިއެވެ.

ޕާކިސްތާނު ހައި ކޮމިޝަނުން "ކަޝްމީރު ބްލެކް ޑޭ" ފާހަގަކުރުމުގެ ތެރެއިން -- ފޮޓޯ/ ޕާކިސްތާނު ހައި ކޮމިޝަން

މި ހަފްލާގައި ވާހަކަދައްކަވާ ޑެޕިއުޓީ ހައިކޮމިޝަނަރު ޒުލްގަރްނައިން އަހްމަދު ވަނީ ކަޝްމީރުގެ ރައްޔިތުން ކުރާ ހިތްވަރަށް ތައުރީފް ކުރައްވައިފައެވެ. އަދި، ކަޝްމީރުގެ މައްސަލައިގެ ތާރީޚީ ނަޒަރިއްޔާގެ މައްޗަށް އަލިއަޅުއްވާލައްވައި، ކަޝްމީރުގެ މައްސަލައިގައި އދ. ގެ ޤަރާރުތަކުގެ ވާހަކަ ވަނީ ދައްކަވައިފައެވެ.

މި ހަފްލާގައި ވަނީ ކަޝްމީރާ ގުޅޭ ޑޮކިއުމެންޓްރީއެއް ދައްކާލާފައެވެ. މީގެ އިތުރުން މި ހަފްލާ ނިންމާލާފައި ވަނީ ކަޝްމީރާއި ފަލަސްތީނުގެ ޝަހީދުންނަށް ހާއްސަ ދުއާއެއް ވެސް ކިޔުމަށް ފަހުއެވެ.

comment ކޮމެންޓް