ގަވައިދާ ޚިލާފަށް މަސްވެރިކަންކުރި ބޭރުގެ ބޯޓުތަކެއް ފަސްލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި

ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ މަސްވެރިކަން ކުރި ލަންކާގެ ބޯޓެއް.-- ފޮޓޯ: ފިޝަރީޒް މިނިސްޓްރީ

ރާއްޖޭގެ ކަނޑުން ގަވައިދާ ޚިލާފަށް މަސްވެރިކަންކުރި ބޯޓުތަކެއް ފަސް ލައްކަ ރުފިޔާއިން ޖޫރިމަނާ ކޮށްފިއެވެ.

ފިޝަރީސް އެންޑް އެގްރިކަލްޗާ މިނިސްޓްރީން މިރޭ ކުރި ޓްވީޓެއްގައި ބުނީ މިދިޔަ މަހުގެ 18ގައި ކޯސްޓު ގާޑުން ހިފެހެއްޓި ލަންކާގެ ފަސް ބޯޓެއްގެ މައްސަލަ ބަލައި އެބޯޓުތައް ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން ފިޝަރީސް މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ، ގަވާއިދާ ޚިލާފަށް މަސްވެރިކަންކުރި ކޮންމެ ބޯޓެއް ޖޫރިމަނާ ކުރީ އެއް ލައްކަ ރުފިޔާއިން ކަމަށެވެ.

އެ މަސްބޯޓުތަކުން ޖޫރިމަނާ ދެއްކުމުން މިހާރު އަނބުރާ ގައުމަށް ފޮނުވާލާފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން، މަސްވެރިކަމުގެ އާ ގާނޫނަށް 2019ގައި އަމަލުކުރަން ފެށި ފަހުން، ރާއްޖޭގެ ޚާއްޞަ އިގުތިސާދީ ސަރަހައްދަށް ވަދެ މަސްވެރިކަން ކުރި ބޭރުގެ 20 މަސްބޯޓެއްގެ މައްސަލަ މިހާތަނަށް ބަލައި އެ އުޅަނދުތައް ޖޫރިމަނާ ކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މީގެ ކުރިން ވެސް އެކި ފަހަރު މަތިން، ލަންކާގެ މަސްބޯޓުތައް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ، މަސްވެރިކަން ކުރަމުން ދަނިކޮށް ކޯސްޓްގާޑުން ހިފަހައްޓާފައިވެއެވެ. އަދި ބައެއް ފަހަރު ހާލުގައި ޖެހިފައިވާ މީހުންނާއެކު ވެސް ލަންކާގެ ބޯޓުތައް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ފެނިފައިވެއެވެ.

comment ކޮމެންޓް