އެމްއާރުސީގެ ފަންޑަށް 1.6 މިލިއަން ރުފިޔާ، ޕަސެންޓެއް ނުނަގާ ފަލަސްތީނަށް

ފަލަސްތީނުގެ ޣައްޒާގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީވުމަށް ދިވެހި ރެޑް ކްރެސެންޓުން ހުޅުވާލި ފަންޑަށް، މިދިޔަ އަންގާރަ ދުވަހުގެ ނިޔަލަށް 1.6 މިލިއަން ރުފިޔާ ލިބިފައި ވާކަމަށާއި، އެ ފައިސާއިން ވަކި ޕަސަންޓެއް އެ ޖަމިއްޔާއަށް ނުނަގާނެކަމަށް ދިވެހި ރެޑް ކްރެސެންޓުން ބުނެފިއެވެ.

ރެޑް ކްރެސެންޓުގެ މަސައްކަތްތަކުގެ އެންމެ ފަހުގެ އަދާހަމަ ހިއްސާކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދިވެހި ރެޑް ކްރެސެންޓުގެ ސެކްޓްރީ ޖެނެރަލް ފާތިމަތު ހިމްޔާ ވިދާޅުވީ، މި ފަންޑަކީ ފަލަސްތީނުގެ ރެޑް ކްރެސެންޓުން ނެރުނު އެހީގެ އިލްތިމާސާ ގުޅިގެން ހުޅުވާލި އެމެޖެންސީ ފަންޑެއް ކަމަށެވެ.

"މި ފަންޑުން ލިބޭ ހުރިހާ ފައިސާއެއް ވެސް އަޅުގަނޑުމެން ފޯރުކޮށްދޭނީ ހަމަ ސީދާ ފަލަސްތީނު ރެޑް ކްރެސެންޓުގެ ފަންޑަށް ކަން އަޅުގަނޑުމެން ފާހަގަ ކޮށްލަން،" އޭނާ ވިދާޅުވިއެވެ.

ރެޑް ކްރެސެންޓުން ހުޅުވާލި ފަންޑުގެ މުއްދަތު، ފަލަސްތީނު ހަނގުރާމައިގެ ހާލަތު ބަދަލުވާ ގޮތުންނާއި އާންމުންގެ ތެރެއިން ބައެއް މީހުންގެ އެދުމުގެ މަތިން ނޮވެމްބަރު 12ވަނަ ދުވަހާ ހަމައަށް މިހާރު އިތުރުކޮށްފައި ވާކަމަށް ހިމްޔާ ވިދާޅުވިއެވެ.

އެހެންނަމަވެސް، އަންނަ ހޮނިހިރު ދުވަހާ ހަމައަށް ލިބޭ ފައިސާ ފަލަސްތީނުގެ ރެޑް ކްރެސެންޓަށް ފޮނުވުމަށް މަސައްކަތް ކުރާކަމަށް ހިމްޔާ ވިދާޅުވިއެވެ.

"އެގޮތުން މިހާރު ވެސް ފައިސާ ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ޓަކަ ފަލަސްތީނު ރެޑް ކޮރެސެންޓާ އެކީ އަދި އޭގެ އިތުރުން ކަމާ ގުޅުންހުރި އިތުރު ބޭންކްތަކާ އެކީގަ މަޝްވަރާތައް ފެށިފައި ވާކަން ފާހަގަ ކޮށްލަން،" ހިމްޔާ ވިދާޅުވިއެވެ.

އިސްރާއީލުން ފަލަސްތީނާ ދެކޮޅަށް އިއުލާނުކޮށްފައިވާ ހަނގުރާމައިގައި މިހާތަނަށް 6000 އަށްވުރެ ގިނަ ފަލަސްތީނުގެ މުސްލިމުން ވަނީ ޝަހީދުކޮށްލައިފައެވެ. އޭގެތެރޭގައި 2700އަށްވުރެ ގިނަ ކުޑަކުދިންނާއި 1500އަށް ވުރެ ގިނަ އަންހެނުން އަދި 300އަށްވުރެ ގިނަ އުމުރުން ދުވަސްވީ މީހުން ހިމެނެއެވެ.

މީގެ އިތުރުން އެކިއެކި އަނިޔާތަށްލިބި ޒަޚަމްވެފައިވާ މީހުންގެ އަދަދު ވަނީ، 17،000އަށް އަރާފައެވެ.

comment ކޮމެންޓް