ހިތަދޫގެ ހައުސިން ޔުނިޓުތައް: 10 ބުރީގެ ދެ ޓަވަރު އަޅަނީ

ހައުސިން ޔުނިޓުތައް ގާއިމު ކުރާނެ ސައިޓުގެ ކޮންޓްރެކްޓު ކައުންސިލާއި ހަވާލުކުރަނީ _ ފޮޓޯ/ އައްޑޫ ސިޓީ ކައުންސިލް

އައްޑޫ ސިޓީ ހިތަދޫގައި 200 ހައުސިން ޔުނިޓު ހަދަނީ ދިހަ ބުރީގެ ދެ ޓަވަރުގައި ކަމަށް އެ ސިޓީގެ ކައުންސިލުން ބުނެފިއެވެ.

މިދިޔަ މަހު އެ މަސައްކަތް ހަވާލުކޮށްފައި ވަނީ އިންޑޮނޭޝީއާގެ ސިސްޓްރަމަސް ހެވީ އިންޑަސްޓްރީސްއާ އެކު ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ބީވާ ބިލްޑާސްއިން އުފައްދާފައިވާ ޖޮއިންޓް ވެންޗާއަކާއެވެ.

މިއަދު ސިޓީ ކައުންސިލުން ވަނީ އެ މަސައްކަތް ކުރާނެ ބިން އެ ކުންފުންޏާ ހަވާލުކޮށްފައެވެ.

މި މަޝްރޫއާ ގުޅޭ ގޮތުން "ސަން"އަށް މައުލޫމާތު ދެއްވަމުން ހިތަދޫ މެދެވައު ދާއިރާގެ ކައުންސިލަރު މުހައްމަދު ޝުއާއު ވިދާޅުވީ، ހައުސިން ޔުނިޓުތައް އަޅާނީ ރަނގަޅު ފެންވަރެއްގައި ކަމަށެވެ.

ހައުސިްން ޔުނިޓުތަކުގެ ސައިޓު ކައުންސިލާއި ހަވާލުކުރަން ބޭއްވި ބައްދަލުވުމުގެ ތެރެއިން _ ފޮތޯ/ އައްޑޫ ސިޓީ ކައުންސިލް

އެގޮތުން އެ މަޝްރޫއުގެ ދަށުން އަޅާ ދެ ޓަވަރުގެ ތެރެއިން ކޮންމެ ޓަވަރެއްގައި 10 ފަންގިފިލާ ހުންނައިރު، ދެ ލިފްޓު ހުންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އެއްހާސް އަކަފޫޓުގެ އެޕާޓްމަންޓެއްގަ، ތިން ކޮޓަރި އިންނާނެ،" ޝުއާއު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ޓަވަރުތަކުގެ ޑިޒައިންގެ ތަފުސީލް ކައުންސިލަށް ހުޅަހެޅުމުން ކައުންސިލުން ފާސްކުރުމަށްފަހު އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާނެ ކަމަށެވެ.

އަމަލީ މަސައްކަތަށް 540 ދުވަހުގެ މުއްދަތެއް ދީފައިވާ މި މަޝްރޫއަކީ ދައުލަތުން 214 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ ސަރުކާރުގެ ޕީއެސްއައިޕީ މަޝްރޫއެކެވެެ.

ހައުސިން ޔުނިޓުތަކުގެ ސައިޓު ކައުންސިލާއި ހަވާލުކުރަން ބޭއްވި ބައްދަލުވުމގެ ތެރެއިން_ ފޮޓޯ/ އައްޑޫ ސިޓީ ކައުންސިލް

އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރު އަލީ ނިޒާރު "ސަން"އަށް ވިދާޅުވީ، އެ ހައުސިން ޔުނިޓުތަކުގެ ސަބަބުން އައްޑޫ ސިޓީގެ ގެދޮރުވެރިކަމުގެ މައްސަލައަށް ލުޔެއް ލިބިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. މި މަޝްރޫއަކީ އައްޑޫ ސިޓީގެ ގިނަ ބަޔަކަށް މަންފާ ކުރާނެ މަޝްރޫއަކަށް ވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ގެދޮރުވެރިކަމުގެ މައްސަލައަކީ ރާއްޖޭގެ ގިނަ ރަށްތަކުގައި ވަރަށް ބޮޑު ވެފައިވާ މައްސަލައެކެވެ. މި މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން އަންނަނީ އަތޮޅުތަކާއި ވެރި ރަށް މާލޭގައި ބޯހިޔާވަހިކަމުގެ އެކި ކަހަލަ މަޝްރޫއުތައް ހިންގަމުންނެވެ.

comment ކޮމެންޓް