ތާރާ ސްޓްރީމިން ޕްލެޓްފޯމަކަށް ކުޅޭ ފުރަތަމަ ފިލްމު އަންނަ މަހު ޑިޒްނީ ޕްލަސް ހޮޓްސްޓާއަށް

ފިލްމު 'އަޕުރްވާ'ގައި ތާރާ

ބޮލީވުޑްގެ އުއްމީދީ ބަތަލާ ތާރާ ސުޓާރިއާ ސްޓްރީމިން ޕްލެޓްފޯމަކަށް ކުޅޭ ފުރަތަމަ ފިލްމުގެ ޕޯސްޓަރާ އެކު ފިލްމު ރިލީޒް ކުރާނެ ތާރީޚު އާއްމުކޮށްފިއެވެ.

ތާރާ ވަރަށް ތަފާތު ރޯލަކުން ފެންނަ ފިލްމު "އަޕުރްވާ" ސިނަމާތަކަށް ގެނައުމުގެ ބަދަލުގައި ބެލުންތެރިންނަށް ފެންނާނީ ޑިޒްނީ ޕްލަސް ހޮޓްސްޓާ މެދުވެރިކޮށެވެ. މި ފިލްމު ޑިޒްނީ ޕްލަސް ހޮޓް ސްޓާގައި ސްޓްރީމް ކުރަން ފަށާނީ އަންނަ މަހުގެ 15 އިން ފެށިގެންނެވެ.

ތާރާގެ އިތުރުން ފިލްމުގެ މުހިއްމު ރޯލުން އެކްޓަރު އަބިޝެކް ބެނަޖީ އަދި ރާޖްޕަލް ޔާދަވް ފެންނާނެއެވެ. މި ފިލްމަކީ ތަޖުރިބާކާރު ޑައިރެކްޓަރު އަނޫރާގް ކަޝްޔަޕާ އެކު ގިނަ ފިލްމުތަކެއް ގައި މަސައްކަތް ކޮށްފައިވާ ނިކިލް ނާގޭޝް އުފައްދާ ފިލްމެކެވެ. ނިކިލް ދާދި ފަހުން ދަރުމާ ޕްރޮޑަކްޝަންސްއަށް ޑައިރެކްޓް ކޮށްދިން ފިލްމު "ކިލް"އަށް ޓޮރޮންޓޯ ފިލްމު ފެސްޓިވަލުގައި ޕްރިމިއަ ކުރުމާ އެކު ގިނަ ބަޔަކު ވަނީ ފިލްމަށް ވަރަށް ބޮޑަށް ތަޢުރީފު ކޮށްފައެވެ.

"އަޕުރްވާ' ފިލްމުގެ ޕޯސްޓަރެއް

ފިލްމު "އަޕުރްވާ"ގައި ތާރާ ކުޅެނީ ވަރަށް އާދައިގެ ދިރިއުޅުމެއް އުޅެމުން އަންނަ ހިތްވަރު ގަދަ އަންހެން ކުއްޖެއްގެ ރޯލެވެ.

އިންޑިއާގެ އެންމެ ނުރައްކާތެރި ހިސާބުތަކުގައި ދިރިއުޅެމުން އަންނަ އަންހެން ކުއްޖެއްގެ ރޯލުން ބަތަލާ ފެންނާނެއިރު ދިރި ހުރުމަށްޓަކައި ކޮންމެ ދުވަހަކު އެތައް އިމްތިހާނަކާ ކުރިމަތިލާ ކެތްތެރި އަންހެން ކުއްޖެއްގެ ދިރިއުޅުމުން މި ފިލްމުގައި ތާރާ ވަރަށް ފުރިހަމައަށް ދައްކުވައިދޭނެއެވެ.

މިއީ މީގެ ކުރިން ތާރާ ކުޅެފައިނުވާ ކަހަލަ ރޯލަކަށް ވުމުން ބެލުންތެރިން ފިލްމު ބެލުމަށް ފަހު ފިލްމާ މެދު ދެކޭގޮތް ބަލާލަން ކެތްތެރި ކަމެއް ނެތި އިންތިޒާރު ކުރެވޭ ކަމަށް ތާރާ ވަނީ ބުނެފައެވެ. ތާރާ ސުޓާރިއާ އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މި ދިޔަ އަހަރު އަރުޖުން ކަޕޫރާ އެކު ލީޑް ރޯލް ކުޅުނު ފިލްމު "އޭކް ވިލެން ރިޓާންސް" އިންނެވެ.

comment ކޮމެންޓް