އޮޑިޓު އޮފީހަށް 112 މިލިއަނުގެ ބަޖެޓެއް ފާސްކޮށްފި

އެސްއޯއީތައް ޒިންމާދާރުކުރުމައް އިފްތިތާހުކުރި ގަވައިދުތައް އިއުލާން ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ: އަޙްމަދު އައިމަން އަލީ

އޮޑިޓާ ޖެނެރަލްގެ އޮފީހަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކުރި 112 މިލިއަން ރުފިޔާގެ ބަޖެޓު، މިއަދު ތަޅުމުން ވެސް ފާސްކޮށްފިއެވެ.

އޮޑީޓާ ޖެެނެރަލްގެ އޮފީހުން އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ގޮތުގައި ޖުމްލަ ހުށަހަޅައިފައިވަނީ 123.7 މިލިއަން ރުފިޔާއެވެ. އެކަމަކު، ބައެއް ޚަރަދުތައް އުނިކުރުމަށް ފަހު، މާލިއްޔަތު ކޮމިޓީން ފާސްކޮށްދިނީ 112 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.

އެ ބަޖެޓާ ގުޅޭ ގޮތުން ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓު މިއަދު ވަނީ ތަޅުމަށް ހުށަހަޅައި ވޯޓަށް އަހައިފައެވެ. އެ ވޯޓުގެ ބައިވެރިވެލެއްވި 52 މެންބަރުންގެ އިއްތިފާގުން ނިންމާފައިވަނީ ރިޕޯޓު އޮތް ގޮތަށް ފާސް ކުރާށެވެ.

ކޮމިޓީގެ ރިޕޯޓު ހުށަހަޅުއްވަމުން މުގައްރިރު، ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް ވިދާޅުވީ، ބަޖެޓު ފާސް ކުރީއިރު ކޮމިޓީން ފިނޭންސް މިނިސްޓްރީއާއި ޕޭ ކޮމިޝަންގެ ލަފާ ވެސް ހޯދާފައިވާ ކަމަށެވެ.

އޮޑިޓު އޮފީހުން ހުށަހެޅި 123.7 މިލިއަން ރުފިޔާގެ ބަޖެޓުން، ކޮމިޓީ މަރުހަލާގައި އުނިކޮށްފައިވަނީ ޑިޕެންޑެންސީ އެލަވަންސް ބޮޑުކުރުމަށް ބަޖެޓުކުރި ފައިސާއެވެ. އަދި، އެ އޮފީހުގެ އާ އޮފީސް އިމާރާތުގެ ބަޖެޓެއްގެ ގޮތުގައި 38.1 މިލިއަން ރުފިޔާ ކަނޑައަޅައި، ރިކަރަންޓަށާއި ކެޕިޓަލް ޚަރަދަށް އޮތް ފައިސާ 74.14 މިލިއަން ރުފިޔާއަށް ކުޑަ ކުރަން ކޮމިޓީން ނިންމިއެވެ.

އޮޑިޓު އޮފީހުގެ ބަޖެޓަކީ ދައުލަތުގެ ބަޖެޓު ފާސް ކުރުމުގެ ކުރީގައި ފާސްކުރަން ޖެހޭ ބަޖެޓެކެވެ.

comment ކޮމެންޓް