އިއްބެ، މަސްއޮޑި ސްޕޯޓްސްއަށް ސޮއިކޮށްފި

އިބްރާހިމް ވަހީދު ހަސަން (އިއްބެ)، މަސްއޮޑި ސްޕޯޓްސް ކްލަބަށް ސޮއިކުރުން -- ފޮޓޯ/ މަސްއޮޑި އެސްސީ

ކްލަބު ވެލެންސިއާއަށް އާ ކުޅުންތެރިން ރަޖިސްޓްރީ ނުކުރެވޭ ގޮތަށް ފީފާއިން ސަސްޕެންޑުކުރުމާ ގުޅިގެން ކުޅުމުގެ ފުރުސަތު ގެއްލުނު މިޑްފީލްޑަރު އިބްރާހިމް ވަހީދު ހަސަން (އިއްބެ)، ދެވަނަ ޑިވިޝަނުގައި ވާދަކުރުމަށް މަސްއޮޑި ސްޕޯޓްސް ކްލަބަށް ސޮއިކޮށްފިއެވެ.

ފުރަތަމަ ޑިވިޝަންގައި ވިދާލި އިއްބެ މަސްއޮޑި ސްޕޯޓްސް ކްލަބަށް ސޮއިކުރިކަން އެ ކްލަބުން ވެސް ވަނީ އިއުލާންކޮށްފައެވެ. މަސްއޮޑިން އިއްބެ ގެންގޮސްފައިވަނީ ދެވަނަ ޑިވިޝަނަށް އެ ކްލަބު ވަރުގަދަކުރުމުގެ ގޮތުންނެވެ.

އިއްބެގެ ފުޓުބޯޅަ ކެރިއަރު އޭނާ 2013 ވަނަ އަހަރު ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ފެށުމަށްފަހު، އެންމެ ބޮޑަށް އޭނާ ވިދާލާފައިވަނީ ޓީސީ ސްޕޯޓްސް ކްލަބުންނެވެ. ޓީސީއާ 2015 ވަނަ އަހަރު ގުޅުމަށްފަހު އޭނާ ވަނީ އެ ކްލަބަށް ފުރަތަމަ ފަހަރަށް ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކޮށްދިނުމުގައި އިސް ދައުރެއް އަދާކޮށްފައެވެ.

ޓީސީގައި އިއްބެ ދެއްކި މޮޅު ކުޅުމާއެކު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން އޭނާ ގެންދިޔައެވެ. މިދިޔަ ތިން އަހަރު ވަރުގަދަ މާޒިޔާގައި ހޭދަކުރި އިއްބެ ވަނީ އެ ކްލަބާއެކު ވެސް ލީގު ކާމިޔާބުކޮށްފައެވެ.

އިއްބެއަކީ ގައުމީ ފުޓުބޯޅަ ޓީމުގައި ވެސް ވިދާލި ކުޅުންތެރިއެކެވެ. އިއްބެ 2016 އިން ފެށިގެން ގައުމީ ޓީމަށް ކުޅެމުންދާ އިރު، އޭނާ ވަނީ ރާއްޖެއަށް 2018ގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްދިނުމުގައި ވެސް އިސް ދައުރެއް އަދާކޮށްފައެވެ. އެއީ ސާފް ޗެމްޕިއަންޝިޕްގެ ތާރީހުގައި ރާއްޖެ އިން ހޯދި ދެވަނަ ތައްޓެވެ.

އިއްބެއަށް ފުރަތަމަ ޑިވިޝަނަށް ކުޅުމުގެ ފުރުސަތު ގެއްލުނީ މިއަހަރުގެ ސީޒަނަށް ވެލެންސިއާއަށް ގުޅުމާއެކުއެވެ. އެއީ ވެލެންސިއާއަށް ކުޅުނު ބިދޭސީ ފޯވަޑް ބޯހަސް މާޓިންއަށް ދޭން ޖެހޭ މުސާރަ ދީފައިނުވާތީ، ފީފާ އިން އެ މައްސަލަ ބެލުމަށްފަހު އާ ކުޅުންތެރިން ރަޖިސްޓަރީ ނުކުރެވޭ ގޮތަށް އެ ކްލަބު ސަސްޕެންޑުކުރުމުންނެވެ.

އިއްބެއަށް ފުރަތަމަ ޑިވިޝަންގެ މެޗެއްގައި ކުޅެވިފައި ނުވި ނަމަވެސް، އޭނާއަށް މިއަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ގައުމީ ސްކޮޑުން ފުރުސަތު ލިބުނެވެ. މިއަހަރު އިންޑިއާގައި ބޭއްވި އެ މުބާރާތުގެ ބައެއް މެޗުތަކުގައި ވެސް އޭނާ ކުޅުނެވެ.

comment ކޮމެންޓް