ދިވެހިންގެ އަޚްލާޤީ ''އަގުތައް'' އަދިވެސް ހޯދިދާނެ

ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ ސައިލެއް ފުލުހުން ނަގަނީ

އެންމެންވެސް މަސައްކަތްކުރަނީ އިސްލާހަށެވެ. ގައުމުގައި ހުރި އިޖުތިމާއީ ބަލިތަކާއި ނޭނގާނީ ކަންކަމަށް ފަރުވާ ހޯދުމަށެވެ. ޢިލްމީ ފޯރަމުތައް ބާއްވައި، ޤާނޫނުތައް އިސްލާޙްކޮށް، ގަވާއިދުތައް ޚަރުދަނާ ކުރަނީއެވެ. ހޭލުންތެރި ކުރުމުގެ ސެމިނާތަކާއި "ރިފޯމް" ޕްރޮގްރާމްތައް ކުރިއަށް ގެންދަނީއެވެ. އިސްލާހު ކުރުމުގެ ބޭނުމުގައެވެ. ގެއްލިފައިވާ އަޚުލާޤީ އާދަތައް އިޔާދަކުރެވޭތޯއެވެ.

އަނެކުންނަށް އިޙްތިރާމުކުރުމާއި، މަގުމަތީގެ ސުލޫކު ހިފަހައްޓައި އަދަބުވެރި ކުރެވޭތޯއެވެ. ޤާނޫނާއި ޤަވާއިދަށް ބޯލަބައި ބަޔަކު އުފެއްދޭތޯއެވެ. ނާއިންސާފުން ކަންކުރުމާއި، ފާސަދައަށް ހުޅުވިފައިވާ ދޮރުތައް ބަންދުކުރެވޭތޯއެވެ.

އެހެންނަމަވެސް ނަތީޖާއަކީ ކޮބައިތޯއެވެ؟ ގައުމުގެ ހާލަތު ބަދަލުވޭތޯއެވެ! އަނެކުންނަށް އިހްތިރާމުކުރުމާއި، އާންމު އަޚްލާޤީ މިންގަނޑު އަނބުރާ އެބައާދޭތޯއެވެ؟ މުޖުތަމައުގެ އަގުތަށް ގެއްލި ގެންދިއުން ފިޔަވައި އިތުރު ބަދަލެއް މުޖުތަމައުން ފެނޭތޯއެވެ؟ ޖަވާބަކީ ނޫނެކެވެ. މިހެން މިވަނީ ކީއްވެތޯއެވެ؟ ސަބަބަކީ ކޮބައި ބާވައެވެ؟

މާތްﷲ سورة الشورى ގެ 30 ވަނަ އާޔަތުގައި ވަޙީކުރައްވާފައި ވެއެވެ. وَمَا أَصَابَكُم مِّن مُّصِيبَةٍ فَبِمَا كَسَبَتْ أَيْدِيكُمْ وَيَعْفُو عَن كَثِيرٍ މާނައީ "ތިޔަބައިމީހުންނަށް ޖެހޭހާ މުޞީބާތެއް ޖެހެނީ، ތިޔަބައިމީހުންގެ އަތްތަކުން ހޯދިކަންތަކުގެ ސަބަބުންނެވެ. އަދި އެކަލާނގެ ގިނަފާފަތައް عفو ކުރައްވަތެވެ."

މިއީ ހަޤީޤަތް ނޫންތޯއެވެ. އަޅުގަނޑުމެންގެ ހާލަތު ބަދަލުކުރީ ހަމަ އަޅުގަނޑުމެން އަމިއްލަ އަށެވެ. އުޅުމާއި އަޚްލާޤުގެ ފޭރާން "ބޭނުން ނެތްކަމަށް" ކަނޑައަޅައި ދޫކޮށްލީ ހަމަ އަޅުގަނޑުމެން ނޫންތޯއެވެ. ބިރުފަހަނައަޅައި ދިއައީއެވެ. ވެރިންނަށް އިޙްތިރާމު ކުރުމާއި، މުޖުތަމައުގެ އާންމު އަޚުލާޤީ އާދަތައް ދޫކޮށްލީއެވެ. ބޮޑެއް ކުޑައެއް ނެތި ބަސްބުނުމުގެ ތަނަވަސް ޖާގަ ފަހިކޮށްލީއެވެ. "ތަސައްރަފު ނުފުދޭ" ކުޑަކުދިން އަމުރުވެރިންނަށް ހެދީއެވެ. ތަހުޒީބުގެ މާނައިގައި އެދުރުންނާއި ދުވަސްވީ މީހުންނަށް އިޙްތިރާމްކުރުން ދޫކޮށްލީއެވެ.

ޒަމާނުގެ އޮއިވަރާއެކު، "ތަޙްޒީބީ" ބަޔަކަށްވުމަށް ދަތުރު ފެށީ ފަރުދާގެ ނިވަލުގައި، ވާކަންކަމަށް އެއްވެސް މިންވަރަކަށް ފަސް އެބުރި ބަލާލުމެއް ނެތިއެވެ. ބަވަނަ ވަމުންދިއަ ދުނިޔޭގައި ތަރައްޤީގެ ދަތުރުގައި މިސްރާބު ހިފީ ކުރިމަތިވެދާނެ އޮއިވަރާއި ރާޅަށް ބެލުމެއް ނެތިއެވެ. ނަގައި ބޯމަތިވަމުން އައި ވިއްސާރަ ވިލާތަކަށް މާބޮޑު ސަމާލުކަމެއް ނުދީއެވެ. ހުރިހާ ކަމެއް ވަރިހަމަ ކޮށްގެންނެވެ. ދުރުވިސްނުން ތެރިންނާއި، ޙިކުމަތްތެރިންގެ ބަސްތަކަށް ބީރު ކަންފަތެއް ދީގެންނެވެ. ހަވާނަފުސުގެ އެދުންތައް، ގައުމުގެ އެދުން ތަކަށްވުރެ އިސްކޮށްގެންނެވެ. އޭރު އަޅުގަނޑުމެންގެ ބަސްމަގުހުރީ މާތްﷲ ޤުރުއާނުގައި ސިފަކޮށްދެއްވާފައިވާ މި މީހުން ފަދައިން ނޫންތޯއެވެ. سورة البقرة 11 ވަނަ އާޔަތުގައި ވާފަދައިންނެވެ. وَإِذَا قِيلَ لَهُمْ لَا تُفْسِدُوا فِي الْأَرْضِ قَالُوا إِنَّمَا نَحْنُ مُصْلِحُونَ މާނައީ "އަދި ތިޔަބައިމީހުން ބިމުގައި ފަސާދަ އުފައްދައި ނޫޅޭށޭ، އެއުރެންނާދިމާއަށް ބުނެފިނަމަ، ތިމަންމެންނީ، ހަމަ إصلاح ކުރަންއުޅޭ ބަޔަކީމުއޭ، އެއުރެން ބުނެތެވެ."

މިއީ ތެދެއް ނޫންތޯއެވެ. އަޅުގަނޑުމެން ދަތުރުފެށީ އިސްލާޙަށެވެ. ގައުމުގައި "އިސްލާހް" ކުރަންހުރި ކަންކަން ވަރަށް ގިނައެވެ. ހަމަމަގަށް އަޅުވަންޖެހޭ ކަންކަން މަދެއް ނޫނެވެ. މިނިވަންކަން ދޭންޖެހޭ ބާބުތައް ކަސްތޮޅުން ސަލާމަތް ކުރަން ޖެހެއެވެ. މި ކަންކަން ކުރުމުގެ ޢިލްމީ ފިލާވަޅުތަކާއި، ހަމަތައް އަޅުގަނޑުމެން ޖެހުނީ "އިންޕޯޓް" ކުރާށެވެ. "އެވެރިން"ގެ އެކުވެރިކަމުގެ ހިޔަލުގައި ތިބެގެންނެވެ. އެ ފިލާވަޅުތައް އަޅުގަނޑުމެންނަށް ހަދިޔާކުރީ ފަލްސަފީ ފިކުރާއި، އެ ބައިމީހުން ވާސިލްވުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތަކުގެ ތެރެއިންނެވެ. ހުޅަނގުގެ "ތަހްޒީބީ" އުޅުމާއި ގުޅުމުގެ ތެރެއިންނެވެ. ދެ ޢިލްމު އެއްކޮށްގެންނެވެ. މި އިސްލާމީ ވެއްޓާއި، މި ވެށީގައި ހުރި އިސްލާމީ ހަމަތަކާއި އަގުތައް އެއްފަރާތް ކޮށްފައެވެ. ދުވަސްވީ ހަރުމީހުންނާއި، ޤަދަރުވެރި "މައިންބަފައިން" އެކަހެރި ކުރުމަށް ފަހުގައެވެ. އެދުރުންގެ ވާހަކަތަކާއި، ސުކޫލުތަކުގެ ވެށިން ލިއްބައިދޭ ފިލާވަޅުތައް އެއްފަރާތް ކުރުމަށް ފަހުގައެވެ.

ނަތީޖާ މިއަދު ދެކެބަލާށެވެ. ގައުމިއްޔަތުގެ ވިންދު ޖަހާ ހިތްތަކެއް އުފަންކުރަން މަޖުބޫރުވީއެވެ. ގައުމަށްޓަކައި ގުރުބާންވި ފަހުލާވާނުންގެ މާޒީ ދަސްކޮށްދޭން ޖެހުނީއެވެ. ދިވެހީންގެ ތާރީހާ އާދަކާދަ ކިޔަވައިދޭން ލާޒިމު ވީއެވެ. ދިވެހިބަހާއި ޘަގާފަތް އަލުން ބަލުން ރުޖޫއަކުރަން މަޖުބޫރު ވީއެވެ. މި ހާލަތަށް ގައުމުގެ ކަންކަންދާން ޖެހުނީ ކީއްވެތޯއެވެ؟ މިއީ މިއަދު ވިސްނާލުން ރަނގަޅު ނުކުތާއެކެވެ. މުސްތަގުބަލަށްޓަކައެވެ.

މާއްދީއަތުގެ ކަނުލޮލުން ދުނިޔެއަށް ބެލުމުގެ ނަތީޖާ މިއަދު ވަރަށް ހިތިވެއްޖެއެވެ. ދިވެހި މުޖުތަމައުގެ އާދަތަކާއި އަގުތައް އަލުން ބަލުން ހޯދަންޖެހުނީ އެހެންވެގެންނެވެ. ދިވެހީންގެ ރީތި ދިރިއުޅުމުގައި ހުރި ސާދާގޮތްތައް ދަސްކޮށްދޭން މަޖުބޫރުވީ ޒަމާނީ އޮއިވަރާއެކު އައި ބަދަލުތަކަށް ހޭރިޔާކުރުމުގައި ކޮންމެވެސް ބައެއްގެ އިހުމާލު އޮތުމުންކަން ކަށަވަރެވެ. އަޅުގަނޑުވެސް ގަބޫލުކުރަމެވެ. ޒަމާނާއެކު ތަރައްގީވާންޖެހޭނެއެވެ. އެހެންނަމަވެސް އޭގެ މާނައަކީ ތިމާގެ އުނުއޮރިޔާން ނިވާ ނުކުރުމެއްނޫނެވެ. ތިމާއަކީ ކާކުކަން ހަނދާން ނައްތާލުމެއްވެސް ނޫނެވެ. ތިމާގެ ދީނާ، ތިމާގެ ގައުމިއްޔަތު ފުޑާލުމެއްވެސް ނޫނެވެ.

އެހެންނަމަވެސް އެ ވާހަކަ ބާއްވަމާ ހިގާށެވެ. ދިވެހިބިމުން ގެއްލި ނެތިދިއަ އާދަތަކާއި އަގުތައް އަދިވެސް ހޯދިދާނެއެވެ. އަދިވެސް އެ ފުރުޞަތު އެބައޮތެވެ. ގައުމިއްޔަތު ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވައި ދިނުމަށް ވެވުނު ވައުދު ފުއްދައިފިނަމަ އެއީ ހެޔޮ ފާލަކަށް ވާނެއެވެ. އިސްލާމީ އަހްލާޤާއި ދިވެހިންގެ ޘަގާފަތާއި އާދަކާދަ، އެއީ ސުކޫލު މާހައުލުން ދަސްކޮށްދޭ ފިލާވަޅަކަށް ހެދިއްޖެނަމަ އަލުން އެ ދުވަސް ހޯދިދާނެއެވެ. ދިވެހީންނަށް މާޒީން ދިން ފިލާވަޅު ތަކުން އިބުރަތް ހާޞިލްކޮށް ގައުމީ ބަޠަލުންގެ ޖިހާދާއި ގައުމަށްޓަކައިވި ގުރުބާނީ ދަސްކޮށްދެވިއްޖެނަމަ އަދިވެސް އެފަދަ ފަހުލަވާނުން އުފަން ކުރެވިދާނެއެވެ. ހޮޅިންނާއި ޕޯޗުގީޒުން ދިވެހިންދެކެ ބިރުގަނެ، ފަސްޖެހުނު ހަތިޔާރު އަދިވެސް އެބައޮތެވެ. ދުނިޔޭގެ ބޮޑެތި ބާރުތަކުން ދިވެހިންނާ ތޮޅެން ނުކެރި ފަސްޖެހުނު ސަބަބު އެބަތޮވެ.

އެކަން ކަށަވަރުވަނީ ތަޙްޒީބުގެ މަތިފަޑީން ޖާގަ ހޯދާފައިވާ ގައުމުތަކާ މެދު ވިސްނުމުންނެވެ. ޖަޕާނު މީހުންގެ އަހްލާގީ އަގުތަކުގެ ވާހަކަ އެންމެވެސް ދައްކައެވެ. އެ މީހުން އަނެކުންނަށް އިހްތިރާމް ކުރެއެވެ. މަގުހިގުމުގައި ރީތި ސުލޫކެއް ގެންގުޅެއެވެ. ބޮޑެތި މީހުންނަށް ކަމޭހިތައެވެ. މަސައްކަތުގައި ފަރުވާތެރިއެވެ. އެއީ ސަބަބެއް ނެތި އުފަންވެފައިވާ ކަމެއްނޫނެވެ. ތައުލީމީ ވެށިން ދަސްކޮށްދިން އަގުތަކާއި އަހްލާގުން ފާޅުވި ހަޤީޤަތެކެވެ. ގައުމުގެ ކުރިމަގާމެދު ވިސްނާ ބަޔަކު ގައުމުގެ މާޒީން ފިލާވަޅު ދަސްކުރުމުގެ ނަތީޖާއެވެ.

މިއަދު އަޅުގަނޑުމެންވެސް މުދައްރިސުންނާއި އެދުރުންނަށް ފުރުސަތު ދޭން ޖެހިއްޖެއެވެ. ކުދިން އަދަބުވެރިކުރުމަށް އަޅާނެ ފިޔަވަޅުތަކަށް ތަންދޭން ޖެހެއެވެ. ޙައްޤުތައް ހޯދުމަށް ދައްކާ ވާހަކައާ އެއްވަރަށް ޒިންމާއާ މަސްއޫލިޔަތުގެ ވާހަކަވެސް ދައްކަން ޖެހިއްޖެއެވެ. ދިވެހިބަހުން ވާހަކަދެއްކުމަކީ ތިމާގެ ނިކަމެތިކަމާއި ފަގީރުކަން ދައްކައިދޭ ކަމެއް ނޫންކަން ކިޔަވައިދޭން މަޖުބޫރު ވެއްޖެއެވެ. ތިމާއަށްވުރެ ބޮޑުތި މީހުންނަށް އިޙްތިރާމްކުރުމަކީ، ތިމާ ނިކަމެތި ވުން ނޫންކަން ބުނެދޭން ޖެހިއްޖެއެވެ. މަގުމަތީ ހިނގާފަދާ މީހާއަށް ދުއްވަމުން ދާމީހާ ތަންދިނުމަކީ، ދުއްވާ މީހާގެ ހައިބަތަށް އުނިކަމެއް އަންނާނެ ކަމެއްނޫންކަން ކިޔަވައިދޭން ޖެހިއްޖެއެވެ. ދަރިން ރީތި ޔުނީފޯމް ލައްވައިގެން ނަލަހައްދައިގެން ސައިކަލު ފަހަތުގައި ސުކޫލަށް ގެންދާއިރު، ކަފިހި ހުރަހުން މަގު ހުރަސް ނުކުރެވިފައި ހުރި މީހާއަށް ތަންދިނުމަކީ ދަރިފުޅަށް ދެވޭ ފިލާވަޅެއްކަން ގަބޫކުރަން ޖެހިއްޖެއެވެ. އޭރުން އަޅުގަނޑުމެންނަށްވެސް ތަހްޒީބުގެ ރަސްކަން ހޯދިދާނެއެވެ.

އިސްލާމްދީން ދުނިޔެއަށް ފުޅާވެ ފެތުރިގެން ދިއައީ މުސްލިމުންގެ ރީތި އަޚްލާގާއި އުޅުމުގެ ސަބަބުންކަން ކަށަވަރެވެ. އަވަށްޓެރީންގެ ގުޅުމާއި، އެކަކު އަނެކަކަށް އަޅާލުމުގެ ރީތި ސިފަތައް އަމަލުން ދައްކައި ދީގެންނެވެ. މަގުމަތީގެ އަދަބުތަކާއި މުޢާމަލާތް ކުރުމުގައި ގެންގުޅެވުނު ރީތި އަދަބުތަކުގެ ތެރެއިންނެވެ. މުސްކުޅިންނާއި އެދުރުންނަށް އިޚްތިރާމް ކުރަން ދަސްކޮށްދިން ގޮތުންނެވެ. މައިން ބަފައިންގެ ހައްޤުތަކާއި ދަރީންގެ ޙައްޤުތައް އަދާކުމުގެ ވެއްޓެއް ގާއިމުކޮށްގެންނެވެ. ނަތީޖާ އެ ވަނީ މާޒީން ފެންނާށެވެ. މިއަދުވެސް އެއީ ހަޤީޤަތެއްކަމާމެދު ދެބަސް ވާނެ މީހަކު ނެތެވެ.

ބޭނުންވަނީ އިހްލާސްތެރި ހިތެއްގެވެރި ބައެކެވެ. ބޭރުތަކެއްޗަށް ރޭރުވުން ދޫކޮށްލައި، ގައުމުގެ މަސްލަހަތަށް އިސްކަންދޭނެ ލީޑަރުންތަކެކެވެ. ގާނޫނާއި ގަވައިދަކީ ހުރިހައި ކަމެއްގެ ހައްލުކަމަށް ދެކުމުގެ ބަދަލުގައި އަމަލުން ކަންކަން ތަސްފީޒު ކުރާނެ ވެރިން ތަކެކެވެ. މުސްތަގުބަލުގެ ޖީލެއް ބިނާކުރުމަށް ދުރުވިސްނުމާއެކު ތަންދޭނެ ބައެކެވެ. މިއަދުގެ ހާލަތުން އަރައިގަތުމަށެވެ. ބައެއްގެ ނަޒަރުގައި އެއީ ކަޓު، ނާތަހްޒީބީ ކަމެއްކަމަށް ދެކިދާނެއެވެ. އެހެންނަމަވެސް މިއަދުގެ ހަގީގަތް ގަބޫލުކުރަން ޖެހެއެވެ. ކިތަންމެ ހިތިނަމަވެސް ދިވެހިވެށީގެ އަހްލާގީ މިންގަނޑު އޮތްގޮތް ބަލައިގަންނަން ޖެހެއެވެ. އެޅުނު ފިޔަވަޅުތަކާއި ކަންކުރެވުނު ގޮތްތައް ގޯސްކަން ގަބޫލުކޮށްގެންނެވެ. އިންޕޯޓް ކުރެވުނު ތަޙްޒީބީ ނިޒާމުގައި ބާތަކެއް ހުރިކަން ގަބޫލުކުރަން ޖެހެއެވެ.

ތާރީހަކީ މާދަމާއަށް ޗާޓުކުރަހަން އޮތް ގަލަމެއްކަމަށް ހަދަމާ ހިނގާށެވެ. އެހެންނޫނީ އަދިވެސް ތިބެންޖެހޭނީ މި ޝަކުވާގައެވެ. ވާނުވާ ގައެވެ. އުއްމީދުގެ ހުޅުކޮޅުން އަލިފާޅުވާން އެދިއެދި އެވެ. ނަމަވެސް އެއީ އަމިއްލަ ޒާތުގައި ވާން އޮތްކަމެއްނޫނެވެ. ބައެއްގެ މަސައްކަތާއި ވަގުތުތައް އެކަމަށް ހުސްކޮށްލަން ޖެހޭނެ ކަމެކެވެ.

comment ކޮމެންޓް