އޮޑިޓް އޮފީހަށް ބަޖެޓު ފާސްކޮށްދިނީ އެދުނު މިންވަރަށްވުރެ 11 މިލިއަން މަދުން

23 އޮކްޓޯބަރު 2023: ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

އޮޑިޓާ ޖެނެރަލްގެ އޮފީސް (އޮޑިޓް އޮފީސް)އިން މާލިއްޔަތު ކޮމިޓީއަށް ހުށަހެޅި ބަޖެޓު ދިރާސާކޮށް، އެ އޮފީހަށް 112 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްދީފިއެވެ.

އޮޑީޓާ ޖެެނެރަލްގެ އޮފީހުން އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ގޮތުގައި ޖުމްލަ ހުށަހަޅައިފައިވަނީ 123.7 މިލިއަން ރުފިޔާއެވެ. ބަޖެޓު ބޮޑުވީ އެ އޮފީހުން އަލަށް ތައާރަފްކުރި މުވައްޒަފުންގެ އެލެވެންސަކާ ހެދި ކަމަށް އެ ކޮމިޓީގެ މުގައްރިރު ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް ވިދާޅުވިއެވެ.

ޑިޕެންޑެންސީ އެލަވަންސްގެ ނަމުގައި އާ އެލަވަންސެއް ތައާރަފު ކޮށްފައިވާއިރު މިއީ ބަޖެޓަށް 13 މިލިއަން ރުފިޔާ އިތުރުވި ސަބަބެއް ކަމަށް ނާޝިޒް ވިދާޅުވިއެވެ.

"އެކަމާ ގުޅޭ ގޮތުން އަޅުގަނޑުމެން މިނިސްޓްރީ އޮފް ފިނޭންސަށާއި ޕޭ ކޮމިޝަނަށް ދެ ސިޓީއެއް އަޅުގަނޑުމެން އެ ބޭފުޅުން ދެކޭ ގޮތް ހޯދުމަށް ޓަކައި ފޮނުވީ. ދެން އަޅުގަނޑުމެންނަށް މިއަދު ލިބުނު ޖަވާބުގައި މިވަނީ ހަތަރު ފަސް ނުކުތާއަކަށް،" ނާޝިޒް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ އިދާރާތަކުން ފުރަތަމަ ކަމަކަށް ފާހަގަކުރީ ދައުލަތުގެ ބަޖެޓުން އެ ފަދަ ކަމަކަށް ހުއްދަ ދެވޭނީ އެ އާ އެލަވަންސް ތަންފީޒުކުރުމަށް ޕޭ ކޮމިޝަނުން ދޭ ލަފާގެ މަތިން ނިންމާ ނިންމުމަކުން ކަމަށެވެ.

މަޝްވަރާތަކަށް ފަހު ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު ވަނީ އިސްލާހެއް ހުށަހަޅުއްވައިފައެވެ. އޭނާ ހުށަހެޅުއްވީ ޑިޕެންޑެންސީ އެލަވަންސް ބޮޑުކުރުމަށް ބަޖެޓުކުރި ފައިސާ އުނިކުރުމަށެވެ.

އަދި، އެ އޮފީހުގެ އާ އޮފީސް އިމާރާތުގެ ބަޖެޓެއްގެ ގޮތުގައި 38.1 ކަނޑައެޅުމަށެވެ. މީގެ އިތުރުން ރިކަރަންޓަށާއި ކެޕިޓަލް ޚަރަދަށް އޮތް ފައިސާ 74.14 މިލިއަން ރުފިޔާއަށް ކުޑަކުރުމަށެވެ.

އެއާއެކު ބަޖެޓު ފާސްކުރީ 112 މިލިއަން ރުފިޔާގެ ގޮތުގައި ކަނޑައެޅުމަށެވެ.

އެ އޮފީހުން މި އަހަރަށް ކަނޑައެޅީ 93 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް އެއަށްވުރެ ބޮޑު ޚަރަދެއްކުރަން ޖެހުނީ އޮޑިޓް އޮފީސް ޣާޒީ ބިލްޑިން ތަޅައިލުމަށް ބަދަލުކުރަން ޖެހުމުންނެވެ.

comment ކޮމެންޓް