ދައުލަތުގެ ލިޔެކިޔުންތައް ނައްތާލާ މައްސަލަ އެސީސީން ފުލުހަށް ހުށަހަޅައިފި

އޭސީސީގެ ރައީސް އާދަމް ޝާމިލް --

ދައުލަތުގެ ލިޔެކިޔުންތައް ނައްތާލި ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ފުލުހަށް މައްސަލައެއް ހުށަހަޅައިފިއެވެ.

އޭސީސީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ދައުލަތުގެ ލިޔެކިޔުންތައް ނައްތާލުމާއި ފޮރުވުމުގެ އަމަލުތައް ހުއްޓާލަން ގޮވާލަނީ އެފަދަ އަމަލުތަކަކީ އެ ކޮމިޝަނުން ހިންގާ ތަހުގީގުތަކަށް ހުރަސްއެޅޭނޭ ފަދަ އަމަލުތަކަކަށް ވާތީ ކަމަށެވެ.

އެ ކޮމިޝަނުން ވަނީ އެފަދަ ކަމެއް ކުރުމަށް ވަކި ފަރާތަކުން އަންގާ ހާލަތުގައިވެސް އެފަދަ އަމަލުތަކުން ދުރުހެލިވެ، ނަޒާހަތްތެރިކަން އިސްކުރުމަށް ގޮވާލައިފައެވެ. އަދި އެ ފަދަ ކަމެއް ހިނގާ ކަމުގެ މައުލޫމާތު އެއްވެސް ފަރާތަކަށް ލިބިފައިވާނަމަ އެކަމުގެ ތަފުސިލީ މައުލޫމާތު އޭސީސީއަށް ހުށަހެޅުމަށް ވެސް އެ ކޮމިޝަނުން އެދިފައިވެއެވެ.

އޭސީސީން ބުނީ ދައުލަތުގެ ލިޔެކިޔުންތަކަށް ބަދަލު ގެނައުމާއި، ނައްތާލާ ފޮރުވުން ފަދަ އަމަލުތަކަކީ ގާނޫނީ ކުށެއް ކަމަށެވެ. އެހެން ކަމުން މިހާރު ފުލުހުންގެ ސަމާލުކަމަށް އެ މައްސަލަ ގެނެސްފައިވާ ކަމަށާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މިފަދަ އަމަލުތައް ހުއްޓުވާދިނުމަށް ޕްރަވަޓައިޒޭޝަން އެންޑް ކޯޕަރައިޒޭޝަން ބޯޑުގައި އެދިފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

އޭސީސީން މި ބަޔާން ނެރެފައި މި ވަނީ އެފްއެސްއެމްއިން ލިޔެކިޔުންތަކެއް ނައްތާލިކަމަށްބުނެ މީސްމީޑިއާގައި ވީޑިއޯއެއް ދައުރުވަމުން ދަނިކޮށެވެ.

މިކަމާ ގުޅިގެން އެފްއެސްއެމުން ބުނީ ނައްތާލައިފައިވާ ލިޔެކިޔުންތަކަކީ ވަރަށް ކުރީގެ އަދި މިހާރު ކުންފުޏަށް ބޭނުން ނުހިފޭ ލިޔެކިޔުންތަކެއް ކަމަށެވެ.

https://sun.mv/183550

މީސްމިޑިއާގައި ދައުރުވާ މި ވީޑިއޯ ނަގާފައި ވަނީ އެފްއެސްއެމްގެ ޓެކްނީޝަނެއް ކަމަށްވާ އަހުމަދު އަނީސެވެ. އެ ވީޑިއޯ އާންމުވުމާ ގުޅިގެން އޭނާ ވަނީ ސަސްޕެންޑުކޮށްފައެވެ.

comment ކޮމެންޓް