ހިޒްބުﷲއިން އިސްރާއީލުގެ އަސްކަރީ ތަންތަނަށް ހަމަލާދީ އަސްކަރީ ކެމެރާތައް ހަލާކުކޮށްލައިފި

ހިޒްބުﷲ ގެ ހަމަލާތަކެއް އިސްރާއީލުގެ އުތުރަށް ދެނީ

ދެކުނު ލުބްނާން (23 އޮކްޓޯބަރު 2023) : ލުބްނާނުގެ ސަރަހައްދީ ރޮނގުގެ ކައިރީގައިވާ އިސްރާއީލުގެ އަސްކަރީ ތަންތަނަށް އެންޓިޓޭންކް މިސައިލުން ހިޒްބުﷲ ވަރުގަދަ ހަމަލާތަކެއް ދީފިއެވެ.

ލުބްނާނުގެ ހަނގުރާމަވެރި ޖަމާއަތްކަމަށްވާ ހިޒްބުﷲ ބުނިގޮތުގައި އެޖަމާއަތުން ހަމަލާދިނީ ދެކުނު ލުބްނާނާ ކައިރީގައި އިސްރާއީލު ބިނާކޮށްފައިވާ ޔަހޫދީ އަވަށްތަކުގައި އިސްރާއީލު ސިފައިން ގާއިމްކޮށްފައިވާ އަސްކަރީ މޮނިޓަރިން ކެމެރާތައް ހަލާކު ކުރުމަށެވެ. އެކަންތައް މިހާރު ވަނީ ކުރެވިފައެވެ.

ހިޒްބުﷲ ވަނީ އިސްރާއީލުގެ މޮނިޓަރިން ކެމެރާތައް ހަލާކޮށްލުމަށް ދިން ހަމަލާތަކުގެ ވީޑީއޯ ނެރެފައެވެ. މިއާއެކު އިސްރާއީލުން ވަނީ ހިޒްބުﷲ އަށް އިންޒާރުދިނުމަށްފަހު ލުބްނާނުގެ ކައިރީގައި އިސްރާއީލު ބިނާކޮށްފައިވާ ޔަހޫދީ އަވަށްތަކުގެ ތެރެއިން 14 އަވަށަކުން މީހުން ބާލައި އެ މީހުން ލުބްނާނުގެ ސަރަހައްދީ ރޮނގާ ދުރުގައިވާ ސަރަހައްދުތަކަށް ގެންގޮސްފައެވެ. އަދި ދެކުނު ލުބްނާނުގައި ހަރަކާތްތެރިވަމުންދިޔަ ހިޒްބުﷲ ގެ ސެލްއަކަށްވެސް ހަމަލާދިންކަމަށް އިސްރާއީލު ބުނެފައިވެއެވެ.

އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ޣައްޒާގެ ދިފާއުގައި ހަނގުރާމައިގެ ތެރެއަށް ހިޒްބުﷲ ވަދެއްޖެނަމަ ޣައްޒާއަށް ބޮންއަޅާގޮތަށް ލުބްނާނުގެ އެކި ސަރަހައްދުތަކަށް ބޮންއަޅާނެކަމުގެ އިންޒާރު ދީފައެވެ.

މުހައްލިލުން ބުނާގޮތުން ޣައްޒާގައި އިސްރާއީލާ ދެކޮޅަށް ޖިހާދުކުރާ ފަލަސްތީނުގެ ޖަމާއަތްތަކާއެކު ހިޒްބުﷲ ގެންދަނީ ކޮމާންޑް އެންޑް ކޮންޓްރޯލްގެ ކަންކަމުގައި މަޝްވަރާކޮށް ވިލަރެސް ކުރަމުންނެވެ. އިސްރާއީލު ސިފައިން ޣައްޒާއަށް އެއްގަމުން އަރައިގެންފިނަމަ ހިޒްބުﷲ ގެ ހަނގުރާމަވެރިން އިސްރާއީލުގެ އުތުރުގެ ސަރަހައްދުތަކަށް އަރައިގަނެ ހަނގުރާމައިގެ އިތުރު ފްރަންޓެއް އިސްރާއީލާ ދެކޮޅަށް ހުޅުވަންޖެހިދާނެކަމުގެ އިންޒާރު ހިޒްބުﷲ ވަނީ ދީފައެވެ.

ޣައްޒާއަށް ލުއި ހޯދައިދިނުމުގެ ގޮތުން އިސްރާއީލުގެ އުތުރުގެ ސަރަހައްދުތަކަށް ހިޒްބުﷲ ގެންދަނީ ހުއްޓުމެއްނެތި ހަމަލާތައް ދެމުންނެވެ. މިކަމުގެ ސަބަބުން އިސްރާއީލު ސިފައިންގެ ބޮޑު ބާރެއް ހިޒްބުﷲ އާ ކުރިމަތިލުމަށް އިސްރާއީލުގެ އުތުރުގައި ބާއްވަންޖެހޭތީ މިކަން އިސްރާއީލަށް ވަނީ ވަރަށް ދަތިކަމަކަށްވެފައެވެ.

އަސްކަރީ މުހައްލިލުން ވިދާޅުވާގޮތުގައި އިސްރާއީލާއި ހިޒްބުﷲ އިން ހަމަލާތައް ބަދަލުކުރިނަމަވެސް އަދި އެއްފަރާތުން އަނެއް ފަރާތަށް ހަރުކަށި އިންޒާރުތައް ދިންނަމަވެސް މިދެ ފަރާތްވެސް ހަނގުރާމައެއް ކުރާކަށް ބޭނުމެއް ނުވެއެވެ. ހިޒްބުﷲ ހަނގުރާމައަކަށް ވަންނަން ބޭނުންނުވަނީ އިސްރާއީލުން ބޮން އަޅައި ލުބްނާނުގެ އާންމުން މަރައި ޣައްޒާއަށް ހަދަމުންދާގޮތް ލުބްނާނުގެ ސިޓީތަކަށް ހަދާލާނެތީއެވެ.

ހިޒްބުﷲ ގެ ސަބަބުން މިފަދަ ހާލަތެއް ލުބްނާނަށް މެދުވެރިވެއްޖެނަމަ ލުބްނާނުގެ އާންމުން ހިޒްބުﷲ ދެކެ ރުޅިއައުމުގެ ފުރުސަތު ބޮޑުވާނެތީ އިސްރާއީލާ ދެކޮޅަށް ހަނގުރާމައެއް ފެށުމަކީ ހިޒްބުﷲ އަށްވެސް ކުރަން ފަސޭހަކަމެއްނޫނެވެ.

އަނެއްކޮޅުން ހިޒްބުﷲ އާ ދެކޮޅަށް ހަނގުރާމަކުރަން އިސްރާއީލުވެސް ބޭނުމެއް ނުވެއެވެ. އެއީ އިސްރާއިލު ސިފައިންގެ ކިބާގައި އެއްގަމުމަގުން ހިޒްބުﷲ އާ ކުރިމަތިލުމުގެ ގާބިލުކަން ނުހުންނާނެތީއެވެ. މީގެއިތުރުން ހިޒްބުﷲ އާއެކު ހަނގުރާމައަކަށް ގޮސްފިނަމަ ހިޒްބުﷲ ގެ އެކި ސައިޒްގެ ރޮކެޓްތަކާއި މިސައިލްތަކުން އިސްރާއީލުގެ އުތުރުގެ ބޮޑުބައެއް ފުނޑުފުނޑުކޮށްލާނެކަމުގެ ބިރުވެސް އިސްރާއީލަށް އޮންނާތީއެވެ.

ހަމާސް އާ ޚިލާފަށް ހިޒްބުﷲ އަކީ އީރާނުގެ އަސްކަރީ ސަޕްލައި ލިބޭ ހާލަތުގައި އޮންނަ ޖަމާއަތެކެވެ. ހިޒްބުﷲ އަތުގައި ދެލައްކައަށްވުރެ ގިނަ ރޮކެޓް ހުރިކަމަށް އިސްރާއީލާއި އެމެރިކާ އަންދާޒާ ކުރެއެވެ.

އަނެއްކޮޅުން ހިޒްބުﷲ އަކީ އިސްރާއީލުގެ ޓޭންކްތަކާއި ބަރުހަތިޔާރުތަކާ ކުރިމަތިލެވޭވަރުގެ ޒަމާނީ ހަތިޔާރު ހުރި އަދަދުގެ ގޮތުންނާއި ހަތިޔާރުގެ ގޮތުންނާއި ސަޕްލައިގެ ގޮތުން ހަމާސްއަށްވުރެ އެތައް ގުނައެއް ބާރުގަދަ ޖަމާއަތެކެވެ. މި ސަބަބުތަކާ ގުޅިގެން އިސްރާއީލްއަށްވެސް އަދި ހިޒްބުﷲ އަށްވެސް ހަނގުރާމައަކަށް ވަނުމަކީ ފަސޭހަކަމެއްނޫނެވެ.

ހިޒްބުﷲ އާއި އިސްރާއީލާ ދެމެދު މިހާރު ބަދަލުކުރަމުންގެންދާ ހަމަލާތަކުގައި އިސްރާއީލު ސިފައިންގެ ބައެއް މީހުން މަރުވެފައިވާއިރު އިސްރާއީލުގެ ހަމަލާތަކުގައި ހިޒްބުﷲ ގެ ބައެއް މުޖާހިދުން ވެސް ޝަހީދުވެފައިވެއެވެ. ނަމަވެސް އެއްފަރާތުން އަނެއްފަރާތަށް އާދަޔާ ޚިލާފު ބާރުގަދަ ހަމަލާތައް މިހާތަނަށް ދީފައެއް ނުވެއެވެ.

comment ކޮމެންޓް