މިދިޔަ މަހު އާމްދަނީ އިތުރުވިޔަސް، އެކްސްޕޯޓާއި އިމްޕޯޓު ދަށަށް

މިދިޔަ ސެޕްޓެމްބަރު މަހު މޯލްޑިވްސް ކަސްޓަމްސް ސާވިސްއަށް ލިބުނު އާމްދަނީ ތިން ޕަސަންޓް މަތިވެފައިވީ ނަމަވެސް، އިމްޕޯޓް އަދި އެކްސްޕޯޓް ދަށްވެއްޖެއެވެ.

ކަސްޓަމްސްއިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކައިގޮތުން، އޮގަސްޓް މަހު 324 މިލިއަން ރުފިޔާ ލިބަފައިވާއިރު، މިދިޔަ މަހު ލިބުނީ 360 މިލިއަން ރުފިޔާއެވެ. އެއީ، ތިން އިންސައްތައިގެ ކުރިއެރުމެކެވެ.

އާމްދަނީ އިތުރުވެފައިވީ ނަމަވެސް، މިދިޔަ މަހުގެ އެކްސްޕޯޓް ވަނީ 43 އިންސައްތައަށް ދަށްވެފައެވެ. ހަމަ އެފަދައިން، އިމްޕޯޓް ވެސް ވަނީ ތެޔޮ ނުހިމަނައި ބަލާނަމަ އަށް އިންސައްތަ ދަށްވެފައެވެ. ތެޔޮ ހިމަނައިގެން ބަލާނަމަ، އިމްޕޯޓް ދަށްވެފައި ވަނީ ތިން އިންސައްތައެވެ.

ތަފާސް ހިސާބުތައް ދައްކައިގޮތުން، ފާއިތުވި މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ ޔޫއޭއީ، އިންޑިއާ، އޮމާން، ސިންގަޕޯރު އަދި ޗައިނާއެވެ.

އެގޮތުން، ޔޫއޭއީން 500 މިލިއަން ރުފިޔާގެ މުދާ، އަދި އޮމާނުން 883 މިލިއަން ރުފިޔާގެ މުދާ އެތެރެ ކޮށްފައިވާއިރު އިންޑިއާއިން 681 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެ ކޮށްފައެވެ. އޭގެ އިތުރުން ޗައިނާއިން 406 މިލިއަން ރުފިޔާގެ މުދާ އަދި ސިންގަޕޫރުން ވެސް 406 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު ރާއްޖެއަށް އެތެރެކޮށްފައިވެއެވެ.

ރާއްޖެއިން ބޭރުކުރި މުދަލަށް ބަލާއިއިރު، އެންމެ ގިނަ އަދަދެއް ކަމަށްވާ 33 މިލިއަން ރުފިޔާގެ މުދާ ބޭރުކުރީ ތައިލޭންޑަށެވެ. ދެވަނައަށް އެންމެ ގިނައިން އެކްސްޕޯޓްކުރި ގައުމު ކަމަށްވާ އިނގިރޭސިވިލާތަށް ބޭރުކުރީ 21 މިލިއަން ރުފިޔާގެ މުދަލެވެ. ފްރާންސަށް ހަ މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކުރިއިރު އިންޑިއާއަށް ފަސް މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓް ކޮށްފައިވެއެވެ. އެންމެ މަދުން މުދާ އެކްސްޕޯޓު ކޮށްފައިވަނީ ޖަރުމަނަށެވެ. އެއީ ތިން މިލިއަން ރުފިޔާގެ މުދަލެވެ.

ރާއްޖެއިން އެކްސްޕޯޓްކުރި މުދަލުގެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ ފިނިކުރި ކަނޑުމަހާއި މަސްދަޅެވެ.

comment ކޮމެންޓް