އެޕަލްގެ ނޭމްޑްރޮޕް: އައިފޯނުން ކޮންޓެކްޓް މައުލޫމާތު ހިއްސާ ކުރެވޭނެ ސަޅި ގޮތެއް

ނޭމްޑްރޮޕް ފީޗާ މަސައްކަތް ކުރާނީ އައިއޯއެސް 17 ފެށިގެން ފަހުގެ އޯއެސް ތަކުގައެވެ.

ބިޒީކޮށް އުޅޭ މާހައުލުތަކުގައި އެކަކު އަނެކަކަށް ކޮންޓެކްޓް ޝެއާ ކޮށްލެވޭނެ ފަސޭހަ ސަޅި ފީޗާއެއް އެޕަލްއިން މިވަނީ ތަޢާރަފުކޮށްފައެވެ. މިދިޔަ މަހު އައިއޯއެސް 17 ނެރުމާއެކު އެޕަލް އިން ވަނީ ނޭމްޑްރޮޕްގެ ނަމުގައި އާ ފީޗާއެއް ތައާރަފުކޮށް، އައިފޯން ބޭނުންކުރާ ފަރާތްތަކަށް ފަސޭހަކަމާއި އަވަސްކަމާއެކު ކޮންޓެކްޓް މައުލޫމާތު ބަދަލުކުރެވޭނެ ގޮތް ހަދައިފައެވެ.

ނޭމްޑްރޮޕްއަކީ ފޯނު ނަންބަރުތައް ކިޔުމުގެ ބަދަލުގައި ނުވަތަ މެނުއަލްކޮށް ކޮންޓެކްޓް ޑިޓެއިލްސް އިންޕުޓް ކުރުމުގެ ބަދަލުގައި ބޭނުން ކުރެވޭނެ އިތުބާރުހުރި ގޮތެކެވެ. އޭގެ ސަބަބުން ނަންތަކާއި ނަމްބަރުތައް އެއްވެސް އޮޅުމެއްނެތި، އެއްވެސް އުނދަގޫކަމެއްނެތި އެއްފޯނުން އަނެއްފޯނަށް ފޮނުވޭނެެއެވެ.

އައިފޯނު އައިއޯއެސް 17އަށް އަޕްޑޭޓް ވެފައިވާނަމަ މިހާރު މި ސަޅި ފީޗާގެ އަޖުމަލަ ބަލައިލެވޭނެއެވެ.

އައިފޯންގައި، އައިއޯއެސް 17 ގައި ނޭމްޑްރޮޕް ފީޗާ ބޭނުންކުރާނެ ގޮތް:

ނޭމްޑްރޮޕް މެދުވެރިކޮށް އެއް އައިފޯނުން އަނެއް އައިފޯން ކައިރީގައި ހިފަހައްޓައިގެން ކޮންޓެކްޓް މައުލޫމާތު ހިއްސާ ކުރެވޭނެއެވެ.

  • އައިފޯން އަންލޮކް ކުރާށެވެ. (ނޭމްޑްރޮޕް ލޮކްކޮށްފައިވާ ފޯނަކުން މަސައްކަތް ނުކުރާނެ)
  • މަތީގައިވާ ފޮޓޯއިން ފެންނަ ފަދައިން އެއް އައިފޯން އަނެއް އައިފޯނުގެ މަތީގައި ބާއްވާށެވެ.
  • ގާތްގަނޑަކަށް ތިން ސިކުންތު ވަންދެން މަޑުކޮށްލުމުން ސްކްރީނުން ޕްރޮމްޕްޓެއް ފެންނާނެއެވެ.
  • "ރިސީވް އޮންލީ" ނުވަތަ "ޝެއާ" މިއިން ކޮންމެސް އެއްގޮތެއް އިޚްތިޔާރު ކުރެވިދާނެއެވެ. ޑައުން އެރޯ ބޭނުންކޮށްގެން ފޮނުވަން ބޭނުންވާ ކޮންޓެކްޓް މައުލޫމާތެއް އިޚްތިޔާރު ކުރާށެވެ.
  • ދެ ފަރާތުގެ ކޮންޓެކްޓް މައުލޫމާތު ބަދަލުކުރުމަށް "ޝެއާ"އަށް ޕްރެސް ކުރާށެވެ.
  • މި މަރުހަލާގައި ކުރިއަށް ނުދާން ނިންމައިފިނަމަ، ނޭމްޑްރޮޕުން ނުކުތުމަށް ސްވައިޕް ކޮށްލާށެވެ.
  • އާ ކޮންޓެކްޓް ލިބުމުން ކޮންޓެކްޓް ޕޭޖެއް ފެންނާނެ އެވެ. ކޮންމެހެން ބޭނުންވާ އެޑްޖަސްޓްމަންޓެއް ހަދައި، ވާތް ފަރާތުގައި އޮންނަ "ޑަން"އަށް އޮބާލާށެވެ.

ނޭމްޑްރޮޕްގެ ފާހަގަކޮށްލެވޭ އެއް ސިފައަކީ ގޭގެ އެޑްރެސް ފަދަ ސެންސިޓިވް މައުލޫމާތު ރައްކާތެރިކޮށް، އެހެން މީހުންނާ ހިއްސާކުރާނީ ކޮން މައުލޫމާތެއްކަން އިޚްތިޔާރުކުރެވެން އޮތުމެވެ. ނަމަވެސް އީމެއިލް އާއި ފޯނު ނަންބަރު އެއްފަހަރާ ހިއްސާ ނުކުރެވޭނެއެވެ. އަދި ދެ ފޯނެއްގެ މެދުގައި ނޭމްޑްރޮޕް ބޭނުން ކުރެވޭނީ އެންމެ ފަހަރަކުއެވެ.

ފަސޭހަ އަދި ޔޫޒާ ފްރެންޑްލީ މި ފީޗާގެ ސަބަބުން އައިފޯން ބޭނުންކުރާ މީހުންގެ ކޮންޓެކްޓް މައުލޫމާތު ހިއްސާކުރާ ގޮތްތަކަށް އިންގިލާބީ ބަދަލެއް އަންނާނެއެވެ. ބިޒީ ވަގުތުތަކުގައި ނަންބަރު ބަދަލުކުރުމުގެ ތަކުލީފަށް އަލްވަދާޢު ކިޔާ، ނޭމްޑްރޮޕްގެ ޒަމާނަށް މަރުޙަބާ ކިޔާށެވެ.

comment ކޮމެންޓް