ފަލަސްތީނަށް އެހީވާން ކުޑަ މަހެއް 12،000 ރުފިޔާއަށް ގަނެފި

12،000ރ. އަށް ކުޑަ މަހެއް ގަތް މީހާ--

ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މިރޭ އައްޑޫ ސިޓީ ފޭދޫގައި ކުރިއަށް ގެންދިޔަ މަސް ވިއްކުމުގެ ހަރަކާތުގައި، ކުޑަ ކަންނެލި މަހެއް 12،000 ރުފިޔާއަށް ގަނެފިއެވެ.

އެކި އަގުތަކުގައި މަސް ވިއްކުން ފޭދޫގައި މިރޭ ކުރިއަށް ގެންގޮސްފައިވާއިރު އެ ރަށުން 'ސަން'އާ ވާހަކަދެއްކި މީހަކު ބުނީ އެ ހަރަކާތަށް ވަރަށް ބޮޑު ތަރުހީބެއް ލިބިގެންދިޔަ ކަމަށެވެ.

މި ހަރަކާތަކީ އެ ރަށު "ރެޑް ސެނެޕާ ފިޝިން ލޯންޗް" އިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

'ރެޑް ސެނެޕާ ފިޝިން ލޯންޗް" އިން ފަލަސްތީނަށް އެހީތެރިވުމުގެ ތެރެއިން---

މި ޓީމުން ވަނީ 50 ކަންނެލި ބާނާފައެވެ. އެހެންނަމަވެސް ގިނައިން ބޭނިފަ ހުރީ ކުދި މަހެވެ. އެގޮތުން އެއް ކިލޯގެ ކުޑަ މަހެއް އެ ޓީމްގެ މެންބަރަކު ވަނީ 12،000 ރުފިޔާއަށް ގަނެފައެވެ. ހުރިހާ މަހެއް ވިއްކައިގެން މިރޭ އެ ޓީމުން ވަނީ ފަލަސްތީނަށް އެހީތެރިވުމުގެ ގޮތުން 30،000 ރުފިޔާ ހޯދާފައެވެ.

"ގިނަ މީހުން މަސް ގަނެފައި ވެސް އަނެއްކާ އެ މަސް ވިއްކަން ދީފައި ދަނީ،" އެ މީހާ ކިޔާދިނެވެ.

'ރެޑް ސެނެޕާ ފިޝިން ލޯންޗް" އިން ފަލަސްތީނަށް އެހީތެރިވުމުގެ ތެރެއިން---

މި މަހުގެ ހަތްވަނަ ދުވަހު ފަލަސްތީނުގެ ހަމާސް ޖަމާއަތުން އިޒްރޭލަށް ދިން ކުއްލި ހަމަލާއަށް ފަހު އިޒްރޭލުން ވަނީ ފަލަސްތީނާ ދެކޮޅަށް ހަނގުރާމަ އިއުލާނުކޮށްފައެވެ. އެއަށް ފަހު، ބަދަލު ކުރަމުންދާ ހަމަލާތަކުގައި ފަލަސްތީނަށް ބޮޑެތި ގެއްލުންތަކެއް ލިބި، އެތައް ބަޔަކު ވަނީ ޝަހީދު ކޮށްލައިފައެވެ.

މި ހަމަލާގައި ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރާއްޖޭގައި ވެސް އަންނަނީ ވަރަށް ބައިވަރު ކަންކަން ކުރަމުންނެވެ. އެގޮތުން ދިވެހި މަސްވެރިން ދެމުންގެންދާ އެހީ ފާހަގަކޮށްލެވެއެވެ.

އެކި ރަށްރަށުގެ މަސްދޯނި ފަހަރުން އަންނަނީ މަސް ބާނައިގެން އެ މަސްތައް ކިރުވައިގެން އެތައް ލައްކަ ރުފިޔާއެއް ފަލަސްތީނަށް އެހީތެރިވުމުގެ ގޮތުން ހަދިޔާކުރަމުންނެވެ.

ހުއްޓުމެއް ނެތި ޔަހޫދީން ދެމުންދާ ހަމަލާތަކުގެ ސަބަބުން މިހާތަނަށް ފަލަސްތީނުގެ 4،000 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު 15،000 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ. އިޒްރޭލުން ވަނީ ފަލަސްތީނުން ކަރަންޓާއި ފެން ފަދަ ޒަރޫރީ ތަކެތި ވެސް ހުއްޓުވައި މަނާކޮށްފައެވެ.

އިޒްރޭލުން ވަނީ ފަލަސްތީނުގެ ހޮސްޕިޓަލަކަށް ވެސް ހަމަލާ ދީފައެވެ. އެ ހަމަލާގައި އެކަނި ވެސް ފަލަސްތީނުގެ 500 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އަދި، ޣައްޒާގައި ހުރި ހަމައެކަނި ކެންސަރު ހޮސްޕިޓަލް ވެސް ވަނީ ހުއްޓުވާލައިފައެވެ.

comment ކޮމެންޓް