ކެނދިކުޅުދޫގައި ތުއްތު ދެކުދިންގެ ގަޔަށް އޮޅިގެން ނުބައި ވެކްސިނެއް ޖަހައިފި، މައްސަލަ ބަލަނީ

ނ. ކެނދިކުޅުދޫ -- ފޮޓޯ/ ދަތުރު އެޑްވައިޒާ

ނ. ކެނދިކުޅުދޫގައި ހަ މަހުގެ ތުއްތު ދެކުދިންގެ ގަޔަށް އޮޅިގެން ނުބައި ވެކްސިނެއް ޖެހުނު މައްސަލައެއް ފެންމަތި ވެއްޖެއެވެ.

މިކަމާ ގުޅިގެން އެރަށު ސިއްހީ މަރުކަޒުގެ މެނޭޖަރު އަލީ ރިޒާ "ސަން" އަށް ވިދާޅުވީ، މި ހާދިސާ ހިނގީ މި މަހުގެ 10ވަނަ ދުވަހު ކަމަށެވެ. އަދި އެ ކުދިންގެ ގަޔަށް ޖެހުނީ ނުބައި ވެކްސިނެއްކަން އެނގި އެ މައްސަލަ މަރުކަޒުގެ ސަމާލުކަމަށް އައީ ވެކްސިން ޖެހުމުގެ ތެރެއިން ކަމަށް އޭނާ ވިދާޅުވިއެވެ.

"ދޭން ޖެހެނީ އައިޕީވީ ވިޔާ ވެކްސިނެއް. ދެވިގެން އެ އުޅެނީ އެޗްޕީވީ ކިޔާ ވެކްސިނެއް،" ރިޒާ ވިދާޅުވިއެވެ.

ރިޒާ ވިދާޅުވި ގޮތުގައި، ވެކްސިން ޖެހުމުގައި ހަރަކާތްތެރިވީ ދިވެހި ނަރުހަކާއި ބޭރު ނަރުހެކެވެ.

"ދިވެހި ކުއްޖެއްގެ އަތުން އެކަމެއް ވެގެން އެ އުޅެނީ" ރިޒާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި މައްސަލަ ފެންމަތިވުމާއެކު އެ ކުދިން މާލެ ގެނެސް ކުޑަކުދިންގެ ޑޮކްޓަރަކަށް ދައްކާފައި ވާކަމަށެވެ. އަދި ވެކްސިނުގެ ސަބަބުން ނޭދެވޭ އަސަރެއް ނުކުރާކަން ބެލިބެލުމުން އެނގުނުކަމަށް ވެސް ރިޒާ ވިދާޅުވިއެވެ.

"ބެލިބެލުމުން އެއްވެސް ނޭދެވޭ އަސަރެއް ކޮށްފައެއް ނުވޭ. ދެކުދިން ވެސް މާލެ ގޮސް ކުޑަކުދިންގެ ޑޮކްޓަރަށް ދައްކާ ލަފާގެ މަތިން ހަދަންޖެހޭ ޓެސްޓެއް ވިއްޔާ ހަދާފަ ރަށަށް އައިއްސަ މިހާރު ވަނީ،" އޭނާ ވިދާޅުވިއެވެ.

ނަމަވެސް މަރުކަޒުން ނުބައި ވެކްސިނެއް ދެވުނު ދެކުދިންގެ ތެރެއިން އެއް ކުއްޖެއްގެ މަންމަ "ސަން"އާ ވާހަކަ ދައްކަމުން ބުނީ، ކުއްޖާގެ ލޭގައި ވަރަށް ބޮޑަށް ޖަރާސީމު ހުރިކަމަށާއި ބައެއް މާއްދާތައް ހުރީ ހުންނަންވާ ވަރަށްވުރެ މާ މަތީގައި ކަމަށެވެ.

ކަންވީގޮތް ހިއްސާކުރަމުން އޭނާ ބުނީ، މާލެއަށް ޑޮކްޓަރަށް ދައްކަން ދިޔައީ ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރު ޑރ. އަހުމަދު ފައިސަލްއާއި އިތުރު ދެ ޑޮކްޓަރުންނާ އެކު ކޮންފަރެންސް ކޯލެއް ކުރުމަށް ފަހުކަމަށެވެ.

"ކޮންފަރެންސް ކޯލްއަކުން ވާހަކަ ދައްކާފަ އެބޭފުޅުން ހަމަ ޖެއްސީ އައިޖީއެމްއެޗްއަށް ދިޔައީމަ އީއާރުގަ ފަރުވާ ދެވޭނެ ކަމަށް،" އޭނަ ބުންޏެވެ.

އައިޖީއެމްއެޗުން ޓެސްޓުތައް ހެދުމުން ދަރިފުޅުގެ ހުރިހާކަމެއް ރަނގަޅުކަމަށް ޑޮކްޓަރުން ބުނިކަމަށް ވެސް އޭނަ ބުންޏެވެ. ނަމަވެސް އީވް ކްލިނިކަށް ދެއްކުމުން ކުއްޖާގެ ލޭގައި ޖަރާސީމު ހުރިކަމާއި ބައެއް ބާއްދާތައް މަތިކަން އެނގުނުކަމަށް އޭނާ ބުންޏެވެ.

މި މައްސަލައިގައި އެއްވެސް މީހަކާމެދު ފިޔަވަޅެއް އަޅާފައި ނުވާއިރު، ހެލްތު މިނިސްޓްރީއާ ގުޅިގެން މައްސަލަ ބަލަމުން ދާކަމަށް ރިޒާ ވިދާޅުވިއެވެ. ނަމަވެސް މި މައްސަލައާ ގުޅިގެން ހެލްތު މިނިސްޓްރީގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.

comment ކޮމެންޓް