ކުޅުދުއްފުށީ އެއާޕޯޓުގައި އެއްޗެއް ގޮވައި، ހަތަރު މީހަކަށް އަނިޔާވެއްޖެ

ކުޅުދުއްފުށީ އެއާޕޯޓުގައި އެއްޗެއް ގޮވައި، ހަތަރު މީހަކު ވަނީ ޒަހަމްވެފަ -- ފޮޓޯ/ ކުޅުދުއްފުށީ އޮންލައިން

ހދ. ކުޅުދުއްފުށީ އެއާޕޯޓުގައި އެއްޗެއް ގޮވައި، ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.

މި ހާދިސާގައި އަނިޔާ ލިބުނު މީހުންގެ ހާލަތާ ގުޅޭގޮތުން "ސަން"އަށް މައުލޫމާތު ދެއްވަމުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް މުހައްމަދު މޫސާ ވިދާޅުވީ މި ހާދިސާގައި އަނިޔާވި މީހުންގެ ތެރެއިން ތިން މީހަކަށް ލިބުނީ ކުދި އަނިޔާތަކެއް ކަމަށެވެ.

ނަމަވެސް އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބި އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ސީދާ އަދި ދަންނަވާކަށް ނޭނގޭ. ނަމަވެސް އަތަށް ވަރަށް ބޮޑަށް ޒަޚަމްވެފައިވަނީ،" މޫސާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ މީހުން ހޮސްޕިޓަލަށް ގެންދިޔައީ 11:13 ހާއިރު ކަމަށެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލްގެ މެނޭޖަރު އަހުމަދު ދާވޫދު "ސަން"އަށް ވިދާޅުވީ، ހޮސްޕިޓަލަށް ގެންދިޔަ މީހުންގެ ތެރޭގައި ހިމެނެނީ އަންހެނަކާއި ތިން ފިރިހެނުން ކަމަށާއި އެއީ އެއާޕޯޓުގެ ދިވެހި މުވައްޒަފުން ކަމަށެވެ.

އެ ހާދިސާއާ ގުޅޭ ގޮތުން ފުލުހުން ބުނީ، ކުޅުދުއްފުށީ އެއާޕޯޓްގެ ޓްރެއިނިންގައި ބޭނުންކުރާ ސިލިންޑަރެއް ރީފިލް ކުރުމުގެ ތެރޭގައި ގޮވާފައިވާ ކަމަށް މިއަދު 11:45ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ އެއާޕޯޓުގައި މިހާރު ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.

comment ކޮމެންޓް