ދިވެހި ބޭސް ކްލިނިކުގައި ހަށިވިއްކި މައްސަލައިގައި އެކަކުގެ ބަންދު އިތުރުކޮށްފި

03 އޮގަސްޓް 2016: ހަށިވިއްކަމުންދާ ކަމުގެ މައުލޫމާތު ލިބިގެން މިރޭ ފުލުހުން ބަލައިފާސްކުރި ހ. ބިއުޓީ ހެލްތު ބޮޑީ ލައިފް އިން ހައްޔަރުކުރި ބިދޭސީ ހަތަރު އަންހެން ކުދިން ގެންދަނީ--- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

މާލޭގައި ހިންގަމުން ދިޔަ ދިވެހި ބޭސް ކުލިނިކެއްގައި ހަށިވިއްކި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ތިން ދިވެހިންގެ ތެރެއިން އެކެއްގެ ބަންދުގެ މުއްދަތު އިއްޔެ އިތުރުކޮށްފިއެވެ.

ބަންދުގެ މުއްދަތު އިތުރުކުރީ އެ މައްސަލައިގައި ހިމެނޭ 44 އަހަރުގެ އަންހެން މީހާގެ އެވެ. ފުރަތަމަ އޭނާގެ ބަންދަށް ޖަހައިފައިވަނީ ފަސް ދުވަހުގެ މުއްދަތެކެވެ. އޭރު ކޯޓުން ބުނީ ކުރު މުއްދަތެއް ޖެހީ، އޭނާ ހައްޔަރުކުރުމުގައި ފުލުހުން އަމަލުކުރި ގޮތާ ގުޅިގެން އޭނާގެ ވަކީލުންނާ މަޝްވަރާކުރުމަށް ބޭނުންވާ ކަމަށް ބުނެފައި އޮތުމުން ކަމަށެވެ.

ފަސް ދުވަސް ހަމަވުމާއެކު ކޯޓުން އިއްޔެ އޭނާގެ ބަންދަަށް އިތުރު 10 ދުވަސް ވަނީ ޖަހައިިފައެވެ.

މި މައްސަލައިގައި ދެން ހައްޔަރުކުރީ 35 އަހަރުގެ އަންހެނަކާއި 41 އަހަރުގެ ފިރިހެނެކެވެ.

މީގެ ތެރެއިން 35 އަހަރުގެ އަންހެން މީހާއަކީ މީގެ ކުރިން ވެސް ކުށުގެ ރެކޯޑް އޮންނަ މީހެކެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން 10 ދުވަސް ޖަހައިފައިވެއެވެ.

މި މައްސަލައިގައި ހައްޔަރުކުރި 41 އަހަރުގެ ފިރިހެން މީހާގެ ބަންދަށް ޖަހައިފައިވަނީ 10 ދުވަހެވެ.

މީގެ ކުރިން ފުލުހުން ވަނީ މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ބުނެފައެވެ.

މަސާޖް ޕާލާތަކާއި ސެލޫންތަކުގެ ނަމުގައި ހިންގާ ތަންތަނުގައި ވެސް ހަށިވިއްކާ މައްސަލަތައް ރާއްޖޭގައި ވަނީ ފެންމަތިވެފައެވެ. އެފަދަ ބައެއް ވިޔަފާރިތަކުން ސޯޝަލް މީޑިއާގައި އިޝްތިހާރުކޮށްގެން ވެސް އަންނަނީ އެ ވިޔަފާރި ކުރަމުންނެވެ.

އާންމުންގެ ކަންބޮޑުވުން މިކަމުގައި އޮތްއިރު ފުލުހުން އަންނަނީ އެ ފަދަ ތަންތަން ހޯދައި ހުއްޓުވުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

comment ކޮމެންޓް